މާލެ: 31°C

ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށް ހައްގު: އުރުދުގާން

July 9, 2023
2 ފަހަރު ބަލާފައި
ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށް ހައްގު: އުރުދުގާން
ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށް ހައްގު: އުރުދުގާން
ނޭޓޯގެ މެމްބަރުކަން ޔޫކްރެއިން އަށް ހައްގުކަމަށް ތުުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނޭޓޯގެ މެމްބަރަކަށް ވުމަށް ޔޫކްރެއިންގެ އުއްމީދުތަކަށް ތުރުކީން ތާއީދުކުރާކަން ހާމަކުރައްވާފައެވެ. މިދިޔަ އަހަރު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްފަހުން 500 ދުވަސް ވަންދެން ކުރިއަށްދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ސުލްހައިގެ މަސައްކަތްތަކަށް އެނބުރި އައުމަށް އުރުދުގާން ގޮވާލެއްވިއެވެ. އިސްތަންބޫލްގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އުރުދުގާން ވިދާޅުވީ ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށް ހައްގުކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ދެ ފަރާތުން ވެސް ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ތުރުކީން ޔޫކްރެއިންގ ނޭޓޯގެ މެންބަރުކަން ދިނުމަށް ތާއީދުކުރުމަކީ ޔޫކްރެއިން އެ އިއްތިހާދުގައި ހިމެނުމަށް ތާއީދުކުރާ ކަމުގެ އިޝާރާތެކެވެ. ޒެލެންސްކީ ވަނީ އުރުދުގާން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އުރުދުގާންގެ މި ތާއީދު ލިބިފައިވަނީ ލިތުއޭނިއާގެ ވިލްނިއަސްގައި އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނޭޓޯގެ މުހިންމު ސަމިޓުގެ ކުރިންނެވެ. ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސަރަހައްދީ އެއްބައިވަންތަކަމާއި އިސްތިގުލާލަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. ހުޅަނގުގެ އަސްކަރީ އިއްތިހާދު ކަމަށްވާ ނޭޓޯގައި ޔޫކްރެއިން ހިމެނުމަށް ޒެލެންސްކީ ގެންދަވަނީ އަމަލީ ގޮތުން ލޮބީ ކުރައްވަމުންނެވެ. އޭނާ ވަނީ ޔޫކްރެއިން އަކީ ރަޝިއާގެ ހަމަލާތަކާ ދެކޮޅަށް ޔޫރަޕްގެ އެންމެ ފަހު ދިފާއުގެ ލައިން ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ ނޭޓޯގެ މެމްބަރުކަމަށް ތާއީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތުގައި ޒެލެންސްކީ ވަނީ ދާދި ފަހުން ޗެކް ރިޕަބްލިކް، ސްލޮވާކިއާ އަދި ބަލްގޭރިއާއަށް ޒިޔާރަތް ކުރައްވާފައެވެ. ޗެކްރިޕަބްލިކްގެ ޕްރާގްގައި އޭނާ ވަނީ "ހަނގުރާމަ ނިމުނުހާ އަވަހަކަށް" ޔޫކްރެއިން ނޭޓޯއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ވައުދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވެސް ވަނީ ޔޫކްރެއިން އެންމެ ފަހުން އެ އިއްތިހާދުގެ މެމްބަރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާކަން ތަކުރާރު ކުރައްވައިފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ