މާލެ: 31°C

މުޒާހަރާތަކާ ހެދި ޗާލްސްގެ ފްރާންސް ދަތުރުފުޅު ފަސްކޮށްފި

March 25, 2023
2 ފަހަރު ބަލާފައި
މުޒާހަރާތަކާ ހެދި ޗާލްސްގެ ފްރާންސް ދަތުރުފުޅު ފަސްކޮށްފި
މުޒާހަރާތަކާ ހެދި ޗާލްސްގެ ފްރާންސް ދަތުރުފުޅު ފަސްކޮށްފި
އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ފްރާންސަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފަސްކުރައްވައިފިއެވެ. ޑައުނިން ސްޓްރީޓުން ބުނީ ޗާލްސްގެ ދަތުރުފުޅު ފަސްކުރީ ރައީސް އިމަނުއެލް މެކްރޯން އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. ޗާލްސް، ޕެރިހާއި ބޯޑޯއަށް ކުރާ ދަތުރު ފެށުމަށް ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހުއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ދެ ސިޓީގައި ވެސް ހަމަނުޖެހުންތަކެއް ހިނގި އިރު، މިއީ ޖެނުއަރީ މަހު މުޒާހަރާތައް ފެށި ފަހުން ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކެވެ. މުޒާހަރާތައް ފެެށުނީ ރިޓަޔާކުރާ އުމުރު މަތިކުރަން ނިންމި ނިންމުމާއެކުއެވެ. ބަކިންހަމް ޕެލަސްއިން ބުނީ ޗާލްސް ތިންވަނަ އާއި ރާނީ ކޮންސޯޓް ކެމީލާ ގެ ތިން ދުވަހުގެ ދަތުރުފުޅު ފަސްކުރަން ނިންމީ "ފްރާންސްގެ ހާލަތު" ހުރި ގޮތުން ކަމަށެވެ. އަދި ވީހާވެސް އަވަސް ފުރުސަތެއްގައި ދެ ބޭފުޅުން ފްރާންސަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ. ރައީސް މެކްރޮން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ޔޫނިއަންތަކުން 10 ވަނަ ގައުމީ ދުވަހުގެ ހަރަކާތެއް އިއުލާނު ކުރި ހިސާބުން ފެށިގެން، ރަސްގެފާނާއި ކެމީލާ ދަތުރުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑުމެންގެ މެދުގައި ވަރަށް ގާތް ރަހުމަތްތެރިކަމާއި އިހުތިރާމް އޮންނާތީ، ރާނީ ކޮންސޯޓާއި އިނގިރޭސި ރައްޔިތުންނާ މެދުވެސް ވަރަށް ބޮޑަށް އެކުވެރިކަމާއި އިހުތިރާމް އޮންނާތީ، އަޅުގަނޑު މިއަދު ހެނދުނު އިސްނަގައިގެން [ރަސްގެފާނަށް] ގުޅައި، ހާލަތު ބަޔާންކޮށްދިނީ... ކޮމަން ސެންސް އާއި ރަހުމަތްތެރިކަމުގެ ސަބަބުން ފަސްކުރަން ލަފާ ދިނިން" މެކްރޯން ވިދާޅުވިއެވެ. އިނގިރޭސި ސަރުކާރުން ބުނީ އެގޮތަށް ނިންމީ ހުރިހާ ފަރާތްތަކެއްގެ ރުހުމާއެކު ކަމަށެވެ. ބައެއް ސިޓީތަކުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގާފައިވާއިރު، އެ މުޒާހަރާތަކުގައި މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ބޯޑޯގެ ޓައުން ހޯލަށް ވަންނަ ދޮރުގައި އަލިފާން ރޯކޮށްލިއެވެ. ޕެރިހުގައި މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ކަރުނަ ގޭސް ޖަހާފައިވާއިރު އިންޓީރިއާ މިނިސްޓަރު ގެރަލްޑް ޑާމަނިން ވިދާޅުވީ މާޗް މަހުގެ ހަވަނަ ދުވަހުން ފެށިގެން އެ ސިޓީގައި 903 ތަނެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ