މުޒާހަރާތަކަށް ފަހު ޗައިނާގައި ކޮވިޑް ފިޔަވަޅުތައް ލުއިކޮށްފި

މުޒާހަރާތަކަށް ފަހު ޗައިނާގައި ކޮވިޑް ފިޔަވަޅުތައް ލުއިކޮށްފި
ލިޔުން:
ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން ފިލަންދެން އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދަމަހައްޓަން ޗައިނާއިން ގެންގުޅުނު ސިޔާސަތު، އެގައުމުގައި ކުރި މުޒާހަރާތަކަށް ފަހު ދޫކޮށްލައިފި އެވެ.
ރޮއިޓާސް ބުނި ގޮތުގައި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ގެންގުޅުނު "ޒީރޯ ކޮވިޑް ރިޖީމް"ގެ ހަރުކަށި ބައެއް ފިޔަވަޅުތައް ލުއިކުރީ މިއަދު އެވެ. ފިޔަވަޅުތައް ލުއިކުރުމުން ލިބުނު މިނިވަންކަމާ އެކު އެގައުމުގެ އެތެރޭގައި މީހުން ދަތުރުކުރާ މިންވަރު ވަނީ ވަަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުން ދިން ފަދަ ލުއިތަކަށް ޗައިނާގެ ގިނަ ބަޔަކު އިންތިޒާރުކުރާތާ ދެ އަހަރު ވެއްޖެ އެވެ. ދުނިޔޭގެ އެެހެން ގައުމުތަކުގައި މިހާރު އޮތީ ކޮވިޑާ އެކު ދިރިއުޅުމުގެ ސިޔާސަތެވެ. އެ ހިތްހަމަނުޖެހުންތަކާ އެކު އެމީހުންގެ ކެތްތެރިކަން ކޮޅުންލައި މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ވަރުގަަދަ މުޒާހަރާތަކެއް ކުރި އެވެ.
އެއަށް ޗައިނާގެ ބައެއް ސަރަހައްދުތަކާއި ސިޓީތަކުގައި ފިޔަވަޅުތައް ލުއިކުރަން ފެށި ނަމަވެސް އެއީ މުޒަހަރާތަކާ ގުޅިގެން ކުރި ކަމެއް ކަމަކަށް ޗައިނާ ސަރުކާރަކުން ނުބުނެ އެވެ. ރޮއިޓާސް ބުނި ގޮތުގައި ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް މިހާރު ވަނީ މުޅި ޗައިނާގައި ލުއިކޮށްފަ އެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އެ ލުއި އިއުލާނުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނި ގޮތުގައި ފިޔަވަޅުތައް ލުއިކުރުމާއި އެކު އެތެރޭގެ ދަތުރުތަކުގެ ޓިކެޓް ގަތުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ޗައނާގެ އެތެރޭގެ ދަތުރުތައް މިހެން އިތުރުވުމާއި އެކު ބައެއް މީހުން އެެކަމަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ބައެއް މީހުން ސޯޝަލްމީޑިއާގައި ހާމަކުރި އިރު އަނެއް ބަޔަކު އެދުނީ އެބަލިން ރައްކާތެރިވާން ސަމާލުވުމަށެވެ.
"އަހަރެންނަށް އެނގޭ ކޮވިޑަކީ އެހާ ބިރުވެރި ބައްޔެއް ނޫންކަން. އެކަމަކު އެއީ އަދިވެސް ބާރަށް ފެތުރޭ އަދި ވޭންހުރި ބައްޔެއް،" ޗައިނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ވީބޯ" ގައި މީހަކު ބުނިކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑާ މެދު އެމީހުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަން އަދި ނުފިލަ އެވެ.
ޗައިނާގައި އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 21,439 އެވެ. އެއީ އޭގެ ކުރީ ދުވަހަށް ވުރެ ކުޑަ ތަންކޮޅެއް މަދު އަދެކެވެ. އެގައުމަށް އެންމެ ފަހަން އައި ކޮވިޑް ރާޅުގައި ދުވާލަކު 40،000 އަށް ވުރެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވް ވަމުން ދިޔަ އެވެ. ކޭސްތަކުގެ އަދަދު މަދުވި އެއް ސަބަބަކީ އެހެން ނަމަވެސް ޓެސްޓްކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކެއްގެ ވެސް ސަބަބުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
