މާލެ: 31°C

މުޅި ހުޅުމާލެ ކާރު ޕާކިން ޒޯނަކަށްވެ ނިމިއްޖެ

March 31, 2024
2 ފަހަރު ބަލާފައި
މުޅި ހުޅުމާލެ ކާރު ޕާކިން ޒޯނަކަށްވެ ނިމިއްޖެ
މުޅި ހުޅުމާލެ ކާރު ޕާކިން ޒޯނަކަށްވެ ނިމިއްޖެ
ހުޅުމާލެގެ އެކި ހިސާބުތަކަށް، ފޭސް އެކެއް އަދި ފޭސް ދޭއް ވެސް ހިމެނޭ ގޮތުން، ބަލާލާއިރު މުޅިންހެންވެސް ފެންނަނީ އެގޮތް މިގޮތަށް، ޕާކުކޮށްފައިވާ ކާރުތަކެވެ. މުޅި ހުޅުމާލެ މިހާރު ވަނީ ފުރިބާރުވެފައިވާ ކާރު ޕާކިން ޒޯނަކަށް ބަދަލުވެފައެވެ. ވަކި ގޮތަކަށް ޕްލޭންކޮށްގެން ތަރައްގީކޮށްފައިވާ ހުޅުމާލޭގެ މަގުތަކުގެ ތަރުތީބު ގެއްލޭ ގޮތަށް ކާރު ޕާކުކުރުމުގެ މައްސަލަ ހުޅުމާލޭގައި ދިރިއުޅޭ މީހުން ގެންދަނީ ފާހަގަކުރަމުންނެވެ. "އެއްވެސް ތަރުތީބެއް، އުސޫލެއް ނެތި މިހާރު ޖެހުނު ކޮންމެ ތަނެއްގައި ކާރުތައް އެއޮންނަނީ ޕާކުކޮށްފައި. މިކަން މިހާރު ގަވާއިދަކަށް ފައްތާ ތަރުތީބު ނުކޮށްފިނަމަ މާލެއަށްވުރެ ޕާކިންގެ މައްސަލަ މާ ބޮޑަށް ބޮއްސުންލާފައި އޮތް ތަނަކަށް ހުޅުމާލެ މާލެ ލަހެއްނުވެ ވާނެ،" ހުޅުމާލޭގައި ދިރިއުޅޭތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާހާ އިބްރާހީމް ބުންޏެވެ. "އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލުން މިކަމާ އެއްވެސް ފިޔަވަޅެއް ނާޅާ އެތިބެނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގެ. ކުރިން އެޗްޑީސީން ގެންގުޅުނު އުސޫލު ވެސް މިހާރު ހިފެހެއްޓޭތަނެއް ނުފެނޭ." ކާރު ދުއްވާ މީހުންގެ ވިސްނުން ހުރީ ދިމާ އިދިކޮޅަށެވެ. "މާލޭގައި ޕާކު ކުރެވޭކަށް ނެތް. ފުރިގެން ބަންޑުންވަނީ މުޅި މާލެ. ދެން ދުއްވާފަ އާދެވޭ ތަނަކަށް މިއޮތީ ހުޅުމާލެ. މަގުމަތީގައި ނަމަވެސް ކާރު ބާއްވާލާނެ ޖާގައެއް މި ލިބެނީ ހުޅުމާލެއިން. އެހެންވެ ހުޅުމާލޭގައި ކާރު ބާއްވަން މަޖުބޫރުވަނީ. ހުޅުމާލެއަށް ވަރަށް ބާރު ބޮޑުވާކަންވެސް އަހަރެމެންނަށްވެސް އެނގޭ. އެކަމަކު މިނޫން ގޮތެއް އަހަރެމެންނަކަށް މިވަގުތަކުނެތް،" މާލޭގައި ޓެކްސީކުރުމަށް ފަހު ކޮންމެ ރެއަކު ހުޅުމާލޭގައި ކާރު ޕާކުކުރަން ހުޅުމާލެއަށް އަންނަ ޑްރައިވަރަކު ބުންޏެވެ. "މާލެއިން ވިއްކި ޕާކިން ސްލޮޓްތައް ކޮރަޕްޝަންގައި ވިއްކާ ހުސްކޮށްލީމަ އަހަރެމެނަށް ލައްވައެއްނުލި. ދެން މިނޫން ގޮތެއް ނެތް." ހުޅުމާލޭގެ ބައެއް އާންމު ރައްޔިތުން ދެކޭ ގޮތުގައި ހުޅުމާލޭގައި ތަރުތީބު ގެއްލިފައިވާ ކާރު ޕާކިންގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ވަށާޖެހޭ ވިސްނުމެއް މިކަމަށް ނެރެން އެބަ ޖެހެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ