މާލެ: 31°C

މޯދީ ކިޔާ މީހުންނަކީ ވަގުން ކަމަށް ބުނެގެން ރާހުލް ގާންދީ ޖަލަށްލާން ހުކުމްކޮށްފި

March 24, 2023
2 ފަހަރު ބަލާފައި
މޯދީ ކިޔާ މީހުންނަކީ ވަގުން ކަމަށް ބުނެގެން ރާހުލް ގާންދީ ޖަލަށްލާން ހުކުމްކޮށްފި
މޯދީ ކިޔާ މީހުންނަކީ ވަގުން ކަމަށް ބުނެގެން ރާހުލް ގާންދީ ޖަލަށްލާން ހުކުމްކޮށްފި
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ނިސްބަތްކޮށް، މޯދީ ކިޔާ މީހުންނަކީ "ވަގުން" ކަމަށް ވިދާޅުވުމުން އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސް ލީޑަރު ރާހުލް ގާންދީ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. އެ މައްސަލާގައި ރާހުލް ގާންދީގެ މައްޗަށް ވަނީ އަބުރުގެ ދައުވާ ކޮށްފައެވެ. އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓަކުން ވަނީ ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. "ނީރަވް މޯދީ، ލަލިތު މޯދީ ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވިޔަސް، ހުރިހާ ވައްކަން ކުރާ މީހުންގެ ނަމުގައި މޯދީ ހުންނަނޯ ކީއްވެ؟" 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ބޭއްވި އެއްވުމެއްގައި ރާހުލް ގާންދީ ވަނީ ވިދާޅުވެފައެވެ. ނީރަވް މޯދީ އަކީ އިންޑިއާއިން ފިލައިގެން އުޅޭ އަދި ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލިތު މޯދީ އަކީ އިންޑިއަން ޕްރިމިއާ ލީގު (ކުރިކެޓް) ކުރީގެ ޗީފްއެވެ. ރަހުލް ގާާންދީއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ހުށަހެޅުއްވީ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ޕޫރްނޭޝް މޯދީއެވެ. ރާހުލް ކޯޓުގައި ވިދާޅުވީ މޯދީ ކިޔާ މީހުންނަކީ "ވަގުން" ކަމަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކަށް އިޝާރަތްކުރައްވާ ކަމަށެވެ. އަދި އެއްވެސް މުޖުތަމައެއްގެ އަބުރު ކަތިލުމަށް ނިޔަތުގައި ނޫން ކަމަށެވެ. ރާހުލް ގާންދީއަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރަން 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެހެން ވެ އަދި މިހާރު ޖަލަކަށް ނުދާނެއެވެ. ކޮންގްރެސް ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި "އަޅުގަނޑުމެން ހަނގުރާމަކޮށް ކާމިޔާބު ކުރާނަން" ކަމަށެވެ. އެ ހުކުމާ ގުޅޭ ގޮތުން ރާހުލް ގާންދީ ފާޅުގައި އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް އިންޑިއާގެ މިނިވަންކަމުގެ ލީޑަރު މަހާތުމާ ގާންދީގެ ބަސްފުޅެއް ހިންދީ ބަހުން ވަނީ ޓްވީޓް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ