މާލެ: 31°C

މިސްކިތަށްދިން ބޮމުގެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ ފުލުހުން

January 31, 2023
2 ފަހަރު ބަލާފައި
މިސްކިތަށްދިން ބޮމުގެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ ފުލުހުން
މިސްކިތަށްދިން ބޮމުގެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ ފުލުހުން
ޕާކިސްތާނުގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ މިސްކިތަށް ދިން ހަމަލާގައި މަރުވި ގިނަ މީހުންނަކީ ފުލުސް އޮފިސަރުން ކަމަށް އޮފިޝަލުން ބުނެފިއެވެ. ޕިޝާވަރުގެ ލޭޑީ ރީޑިން ހޮސްޕިޓަލްގެ ތަރުޖަމާނު މުހައްމަދު އާސިމް އަންގާރަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ ބޮމުގެ ހަމަލާގައި 170 މީހުން ޒަހަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުން ކަމަށް އޭނާ ވިދާޅުވިއެވެ. ޒަހަމްވި 52 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު  ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ. ޗީފް ރެސްކިއު އޮފިޝަލް ބިލާލް ފާއިޒީ ވިދާޅުވީ އިމާރާތުގެ ދަށުގައި އިތުރު މީހުން ތާށިވެފައިވާ ކަމަށް ބެލެވޭތީވެ އެ ސަރަހައްދުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިސްކިތް ގޮއްވާލައިިފައިވަނީ ހަށިގޮއްވާލައިގެންނެވެ. ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ސަރަހައްދުގައި ހުރި މި މިސްކިތުގެ ތެރެއަށް އެ މީހާއަށް ވަދެވުނީ ކިހިނެއްކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ޕިޝާވާރާއި ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސަށް ހަމަލާތަކެއް ދޭން ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މައުލޫމަތު ޖެނުއަރީ މަހުގައި އޮތީ ލިބިފައެވެ. ބޮން ގޮއްވާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޓީޓީޕީގެ ކޮމާންޑަރެއް ކަމަށްވާ ސަރްބަކަފް މޮހްމަންދު ޓްވިޓާގައި ކުރި ޕޯސްޓެއްގައި ވަނީ ހަމަލާގެ ޒިންމާ އެ ޖަމާއަތުން ނަގާކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން ޓީޓީޕީގެ ތަރުޖަމާނު މުހައްމަދު ހުރާސާނީ ވަނީ މިސްކިތްތަކާއި މަދްރަސާތަކާއި ދީނީ ތަންތަނަށް އަމާޒުކުރުމަކީ އެ ޖަމާއަތުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ ހަމަލާގެ ޒިންމާ ނަގަން ދެކޮޅުހަދާފައެވެ. އަދި އެފަދަ އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީޕީގެ ސިޔާސަތުގެ ދަށުން  ފިޔަވަޅު އެޅިދާނެ ކަމަށް މުހައްމަދު ހުރާސާނީ ވިދާޅުވިއެވެ. ނަމަވެސް ބޮމުގެ ހަމަލާގެ ޒިންމާ ޓީޓީޕީގެ ކޮމާންޑަރަކު އުފުލަން ޖެހުނީ ކީއްވެތޯ ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސް ގަވަރުނަރު ގުލާމް އަލީ ވިދާޅުވީ ޓެރަރިސްޓު، މިސްކިތަށް ވަދެވުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ