ޕާޓީތަކަށާއި، އެއްވުންތަކަށާއި އެނޫވެސް މީހުން ގިނަތަންތަނަށް ދާހިތް ނުވޭ ދޯއެވެ؟ މީހުން ގިނަތަނަކަށް ދެވިއްޖެއްޔާ ހާސްވެ ވާހަކަދައްކަން އުނދަގޫވެ ބަނޑުކައްކާފަހަރުވެސް އާދޭ ދޯއެވެ؟ މީހުންގެ ތެރޭގައި ނުކުމެ އުޅެން އުނދަގޫވަނީ އެވެ.އެހެން ބުނީމަ އެހެން މީހުން އެކަން ގަބޫލުވެސް ނުކުރާފަހަރު އާދެ އެއް ނޫންހެއްޔެވެ. ތިިއީ ސޯޝަލް އެންޒައިޓީއަށް ވެދާނެއެވެ.
"ސޯޝަލް އެންޒައިޓީ" އެ ނަމުން ވެސް އެ އެންޒައިޓީ އަކީ ކޮބައިކަން ސިފަވެގެންދެ އެވެ.
އެެރިކާގެ މަޝްހޫރު ސައިކޮލޮޖިސްޓއެލަން ހެންޑާސަން ވިދާޅުވީ ސޯޝަލް އެންޒައިޓީ ހުންނަ މީހެއް ނަމަ އާންމު މީހަކު ހާސްވާ ވަރަށް ވުރެ ބޮޑަށް މަގުމައްޗަށް ނުކުންނަށް ހާސްވެ ބިރުގަންނާނެ ކަމަށެވެ. އޭގެ ސަބަބުން އޭނާ ހާސްވެ ކަންބޮޑުވާ ކަންތައްތައް ކުރުމުން އަމިއްލަ މީހާ ދުރުވާނެއެވެ. ވަޒީފާގެ މާހައުލުގައި ނުވަތަ ކޮލެޖު މާހައުލުގައި ވެސް މީހުންނާ ވާހަކަ ދައްކަން ނުކެރި ތިބޭ މީހުން މަދެއް ނޫނެވެ. އަނގައިން ބަހެއް ބޭރުވާނީ ވަރަށް ހާލުންނެވެ. ވަރަށް ވިސްނުމަށްފަހުއެވެ. މީހުންގެ މަލާާތާއި ފުރައްސާރަ އާއި މެދު ވިސްނޭނެއެވެ. މަޑުމަޑުން ތިބޭ މީހުން ވަޒީފާގެ މާހައުލުގައި ބައެއްފަހަރު ފޮނި މީހުން ގޮތަށް ވެސް ސިފަކުރެއެވެ. ނަމަވެސް ހަގީގަތަކީ އޭނާ އަކީ އެންޒައިޓީގެ ޝިކަރާއަކަށްވެފައި ހުންނަ މީހެއް ކަމެވެ.
ނަފްސާނީ އިލްމުވެރިން ވިދާޅުވާގޮތުގަ ސޯޝަލް އެންޒައިޓީގެ ވެސް ތަފާތު އެކި ވައްތަރު ހިމެނެއެވެ. އޭގެ ތެރޭގައި ހިންހަމަ ނުޖެހުން ނުވަތަ މީހުންނާ ގުޅިގެން ނުވަތަ ބޮޑު ނުވަތަ މަދު ގްރޫޕްތަކުގައި ކުރާ ކަންތައްތަކުން ދުރުވެވޭ ގޮތްވާ ކަމަށެވެ. އޭގެ އިތުރުން ބައެއްގެ ކުރި މަތީ ވާހަކަ ދެއްކަން ޖެހިލުން ވުމަކީ ތަފާތު ވައްތަރެއްގެ ސޯޝަލް އެންޒައިޓީ އެކެވެ.
ސޯޝަލް އެންޒައިޓީ ކުރިމަތިވާން ދިމާވާ ބައެއްް ސަބަބުތަކުގެ ތެރޭގައި، ޖެނެޓިކްސް، ކުޑައިރުގެ ދިމާވެފައިވާ ހާދިސާއެއް، އެކަހެރިކޮށް އުޅެ ބޮޑުވުން، މާ ބޮޑަށް މައިންބަފައިން ކޮންޓްރޯލްކޮށްގެން ގެންގުޅުން، އަދި ސިކުނޑިއަށް ލިބޭ ގެއްލުމެއް ނުވަތަ ސިކުނޑި އުފެދުމުގައި ހުރި މައްސަލައަކަށްވެދާނެއެވެ.
ސޯޝަލް އެންޒައިޓީ އިން ސަލާމަތްވާނީ ކިހިނެއް؟
ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެންޒައިޓީ ހުންނަ މީހުން އެކަމަށް ފަރުވާ ކުރުމުން މުހިއްމެވެ. އޭނާއަށް އުނގަގޫވާ ކަންތައްތައް ސައިކޮލޮޖިސްޓަކަށް/ސައިކެޓްރިސްޓަކަށް ހިއްސާކުރުމަކީ އެންމެ އެދެވޭ ގޮތެވެ. ސަބަބަކީ ސޯޝަލް އެންޒައިޓީގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށް ދަތިކަމެއް ކުރިމަތިވެ ރަހުމަތްތެރިންނާއި، ވަޒީފާގެ މާހައުލުގެ އިތުރުން ކައިވެނީގައި ވެސް ގިނަ މައްސަލަތަކެއް ދިމާވުން އެކަށީގެންވާތީ، އެކަމުގެ ހައްލު ހޯދައިދެނޭވީ ކަމުގެ މައުލުމާތު އެނގޭ މީހަކަށްކަމަށްވަތީއެވެ.
ފަރުވާހޯދުމުގެ ކުރިން ވެސް އެކަމަށް އަމިއްލަ ނަފްސް ތައްޔާރުވެލުމަކީ ސޯޝަލް އެންޒައިޓީ އިން ދުުރުވެވޭނެ ކަމެއްކަމަށް މާހިރުން ފާހަގަކުރެއެވެ. އެގޮތުން މީހުން ގިނަ ތަންތަނުގައި ވާހަކަ ދައްކަން މަސައްކަތްކޮށް އަމިއްލަ ނަފްސު އެކަމަށް ތައްޔާރުވުމަކީ މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަކީ ސޯޝަލް އެންޒައިޓީ އިން ސަލާމަތް ވުމަށް މުހިންމުކަމެކެވެ. އެގޮތުން އަމިއްލަ ނަފްސާއި އަޅާލާ، އަމިއްލަ ނަފްސުދެކެ ލޯބިވެ، ކުރެވޭ ކުދިކުދި ކަންކަން ފާހަގަކޮށް އަމިއްލަ ނަފްސަށް ހިތްވަރުދީ ހަދަންވާނެއެވެ. އަދި 'ރިލެކްސިން ޓެކްނިކްސ'ް ބޭނުންކޮށްގެން މީހާ ހަމަޖެލަން މަސައްކަތް ކުރެވިދާނެއެވެ. އަދި މަސްތުވާތަކެތި ފަދަ ނުރަނގަޅު އާދަތަކާއ ގާތްނުވުން މުހިންމެވެ. ބައެއްފަހަރު އާންމުންގެ ތެރޭގައި އުޅޭއިރު ނުތަނަވަސް ހެން ހީވާނަމަ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރެވިދާނެއެވެ.
ކޮންމެ ނަފްސާނީ އުނދަގުލަކީ ވެސް، ފަރުވާކުރެވޭނެ ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަތައް ރަނގަޅުކޮށްލުމުން ވެސް ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް މާހިރުން ބުނެއެވެ. އެގޮތުން، ނިދި ހަމަކުރުން، ރަނގަޅު މިންހެޔޮ ކާނާކެއުން، ކަސްރަތު ކުރުން ހިމެނެއެވެ.