މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައިފި

މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައިފި
ލިޔުން:
ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ އެންމެ ކުރީގައި އޮތް އެއް ވަޢުދަކީ މަސްވެެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މަގުގެ އަގަށްވާ ފައިސާ ދީ ހަލާސްކުރާނެ ކަމުގެ ވައުދެވެ. އެހެންނަމަވެސް މަސްވެރިން މުޒާހަރާ ނުކުރަނީސް އެއްވެސް ފަހަރަކު އެމީހުން ބާނާ މަހަށް ލާރިކޮޅު ދެވިފައެއް ނުވެއެވެ. މިހާރުވެސް މަސްވެރިންގެ ބިލުތަކަށް ފައިސާ ނުދައްކާތާ ތިން މަސް ދުވަސްވެގެން ދިޔައިރު މަސްވެރި އާއިލާތައް ވަނީ ދަރަނިވެރިވެފައެވެ. މަސްއޮޑި ފަހަރުގެ ވެެރިންނަށް އިންތިހާއަށް ދަތިވެއްޖެއެވެ.
ކިރުވި މަސްކޮޅަށް ލާރި ނުލިބިގެން މަސްވެރިން ޝަކުވާކުރަން ފަށާ ކޮންމެ ފަހަރަކު މަސްވެރިކަމާ ބެހޭ ވަޒީރުގެ ވާހަކައިގެ މިސްރާބު ހިފަނީ ކުރީ ސަރުކާރާ ދިމާއަށެވެ. ސަރުކާރު ބަދަލުވި އިރު މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާގެ ސަބަބުން ދަތިތަކާ ކުރިމަތިވަނީ ކަމަށް ވިދާޅުވެ މަސްވެރިން ފިނިކުރެވޭތޯ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ސަރުކާރުތައް ބަދަލުވާއިރު ދުނިޔޭގެ އެއްވެސް ގައުމެއްގައި އާ ސަރުކާރާ ރިޔާސަތު ހަވާލުވަނީ ކްލީން ޝީޓަކާއެކީއެއް ނޫނެވެ. އެހެންކަމުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވައި ޒިންމާއިން ރެކެވޭނެ ކަމަށް ރާއްޖޭގެ މަސްވެެރިކަމާ ބެހޭ އާ ވަޒީރު ގަބޫލުކުރައްވާނަމަ އެއީ ތަސައްރަހު ނުފުދޭ ޅަ ވިސްނުމެއްކަން ކަށަވަރެވެ.
"ބިލްތަކަށް އެތިއެތި ކޮޅުން ފައިސާ އެދެނީ މިހާރު ތިން މަސް ދުވަސްވީ ބިލްތައް ފުނިޖައްސާފަ ބަހައްޓާތާ. ކޮންމެވެސް ވަރެއް ދެމުންދެމުން ގެންދާނަމަވެސް އޮޑިވެރިކުދިން ދަރަނިވެެރިވިޔަ ނުދީ ހިފެހެއްޓުނީސް. އެކަމަކު ހުރިހާ ކުދިން މިހާރި ތިބީ ދަރަނިވެރިވެފަ. ކަންމަތީ ފިހާރައިގެ ލޭންދޭނުގައި ހާހުން ދަރަނި އަރާފަ ހުރީ. އަދި އައިސް ލިބުމުގެ ދަތިކަން އެހާ ބޮޑު އިރު، ބާނާ މަސްކޮޅަށް ލާރި ނުލިބޭތާނގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެލާއި އައިސް ކްރެޑިޓަށް ލިބޭނެ ގޮތެއް ހަދައިދޭ ނަމަވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ،" ލ. މާމެންދޫ މަސްދޯންޏެއްގެ ކެޔޮޅަކު ނުރުހި ހުރެ ކިޔައިދިނެވެ.
ކޫއްޑޫގައި މުޒާހަރާގައި ބައިވެރިވި މަސްވެރިއަކު އަޑުގަދަކުރާއިން ގޮވަމުން ގެންދިޔައީ ކޫއްޑޫގައި މުޒާހަރާކުރަނީ އެންމެ ދޯންޏެއް ދެ ދޯންޏެއް ނޫން ކަމަށާއި ގިނަ އަދަދެއްގެ ދޯނިތައް ބައިވެރިވާ ކަމަށެވެ؛
"މިއީ ދިވެހި ހުރިހާ މަސްވެރިންގެ އަޑު. އެންމެންގެ ވެސް ކަންބޮޑުވުން. މިކަން މިފަހަރު ކޮޅެއްގައި ޖައްސާފަ ހުއްޓާލާނީ. މާލެ ދާން ޖެހިއްޖެއްޔާ މާލެ ވެސް ދާ ގޮތަށް މިފަހަރު މިހުރީ."
މަސްކޮޅުގެ ލާރި ނުލިބި ތިންމަސްވުމުގެ އިތުރުން ރޯދައިގެ ކުރިން ލާރިކޮޅު ލިބޭނެ ކަމުގެ ޔަގީންކަމެއް ނުލިބުމުން މަސްވެރިން މިއަދު ކޫއްްޑޫގައި ވަނީ ނުރުހުން ފާޅުކުރަން ފަށާފައެވެ. މި މުޒާހަރާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތައް މި ސަރުކާރުން އަހައި، އެކަންކަމަށް އެކަށީގެންވާ ހައްލު ހޯދުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު މިއަދު ސޯޝަލް މީޑިޔާއަށް ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން މިހާރު ނިންމާފައި ވަނީ މަސްވެރިންނަށް ހަފުތާއަކު އެއްފަހަރު ލާރި ދޭ ދޫކުރާ ގޮތަށެވެ. މިއީ ވެސް މަސްވެރިން އެހާ ގަޔާވި ވާހަކައެއް ނޫނެވެ.
"ވައުދުވީ ސާޅީސް އަށް ގަޑިއިރުން މަހުގެ އަގުދީ ހަލާސްކުރަން. މިހާރު މަހަށް ލާރި ނުދެވޭތާ ތިން މަސްވީމަ މި ބުނަނީ ކުރީ ސަރުކާރޭ. ހަފުތާއެކޭ. ނަތީޖާއެއް ނުފެނޭ. ބުނި ގޮތަށް، ވައުދުވި ގޮތަށް މަސްވެރިންނާމެދު އަމަލެއް ނުކުރެވޭ. މަސްކިލޯއަކުން ފަސް ރުފިޔާ ކަނޑާލާފަ މި ބުނަނީ މިއީ މަސްވެރިންގެ ހައްގުގައި ކުރި ކަމެކޭ. ދެން ކީކޭ ބުނާނީ. މަސްވެރިން ބޭނުންވާނެތަ މަހުގެ އަގު ދަށްކުރަން. ސަރުކާރުން ޖެހޭނީ ފައިސާ ދެވޭނެ ގޮތެއް ހޯދައިދޭން. މިދައްކަނީ ސަރުކާރެއްގެ ވާހަކަ. ފޮނި ވާހަކަ ދައްކާފަ، މޮޅު ވައުދުވެފަ ވެރިކަމަށް އާދެވުނީމަ މަސްވެރިން މިޖެހެނީ މިމީހުން މިޖަހާ ސަކަރާތުގައި ބައިވެރިވެގެން ބަހެއް ނުކިޔާ މަޑުން ތިބެން. މިއޮތީ ރޯދަމަސް ބޯމަތިވެފަ. އެހުރީ ހުރިހާ ބިލުތައް މަސްކިރާ ކުންފުނިތަކުގައި ލާރި ނުދެވި ފުނި ޖެހިފަ. މިއީ ވަރަށް ބޮޑު އަނިޔާއެއް،" މިހާރު ކޫއްޑޫގައި ކުރިއަށްދާ މުޒާހަރާގައި އަޑުގަދަކުރާއިން ވާހަކަ ދެއްކި މަސްވެރިއަކު ގަދައަޑުން ދެއްކި ވާހަކައިގައި ބުންޏެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހަން ލަސްނުކޮށް ކޫއްޑޫއަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މަސްވެރިންގެ އަޑުއަހާ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނީވެސް މިސަރުކާރުން،" މިނިސްޓަރު ވިދާޅުވިއެވެ.
https://twitter.com/Shiyamaldives/status/1759131257248833662
ރޯދަމަސް އައުމުގެ ކުރިން މަސްވެރިންގެ ޝަކުތަކަށް އެކަށީގެންވާ ހައްލެއް ނުހޯދިއްޖެނަމަ ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް މަސްވެރިންގެ ފަރާތުން ކުރިމަތިވާނެކަން ކަށަވަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
