މާލެ: 31°C

މައްސަލަ ހޫނުވެފައިވާ ޕެންޝަން ބިލު ފްރާންސްގެ ސެނެޓުން ފާސްކޮށްފި

March 12, 2023
2 ފަހަރު ބަލާފައި
މައްސަލަ ހޫނުވެފައިވާ ޕެންޝަން ބިލު ފްރާންސްގެ ސެނެޓުން ފާސްކޮށްފި
މައްސަލަ ހޫނުވެފައިވާ ޕެންޝަން ބިލު ފްރާންސްގެ ސެނެޓުން ފާސްކޮށްފި
މައްސަލަ ހޫނުވެފައިވާ ފްރާންސްގެ ޕެންޝަނުގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލް އެގައުމުގެ ސެނެޓުން ފާސްކޮށްފިއެވެ. އެ ނިންމުމާއެކު ރިޓަޔާކުރެވޭ އުމުރަކީ 64 އަހަރެވެ. ސެނެޓަރުން އެ އިސްލާހުތައް ފާސްކުރީ 195 ވޯޓުންނެވެ. ނުފެންނަ ކަމަށް 112 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފްރާންސްގެ ބޮޑުވަޒީރު އެލިޒަބެތު ބޯން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް ސަތޭކަ ގަޑިއިރެއްގެ މަޝްވަރާތަކަށް ފަހު ސެނެޓުން ޕެންޝަން ރިފޯމް ޕްލޭން ފާސްކޮށްފައިވާ ކަމަށެވެ. އެއީ ފްރާންސުގެ ޕެންޝަން ނިޒާމުގެ މުސްތަގުބަލު ކަށަވަރުކޮށްދޭނެ އިސްލާހެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. ސެނެޓުން މި ބިލު ބަލައިގަތުމާއެކު، ތިރިއާއި މަތީ ގޭގެ ކޮމިޓީއަށް ބިލު ދިރާސާކުރަން ބުދަ ދުވަހު ފޮނުވޭނެއެވެ. އެ ކޮމެޓީން  އެއްބަސްވެއްޖެ ނަމަ ޖެހިގެން އަންނަ ދުވަހު ދެ ޗެމްބަރުގައި ވެސް ފައިނަލް ވޯޓެއް ނެގުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ސަރުކާރަށް ތިރިގޭގައި އެކަށީގެންވާ ވަރަށް ވޯޓު ނުލިބިދާނެ ކަމުގެ ބިރު  އެބައޮތެވެ. އެ ބިލު ފާސްކޮށްފައިވާއިރު އިއްޔެ އެކަނިވެސް ޕެންޝަން އިސްލާހާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ދަނިކޮށެވެ. އިއްޔެ ބޭއްވި މުޒާހަރާގައިވެސް ތިން ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު 1.28 މިލިއަން މީހުން މަގުތަކަށް ނިކުތް އިރު، މިއީ މުޒާހަރާފެށުނު ފަހުން އެންމެ ގިނަ މީހުން ބައިވެރިވި ދުވަހެވެ. ބިލް ފާސްކުރަން ނިންމުމާއެކު ބުދަ ދުވަހު މުޒާހަރާއަށް ނިކުތުމަށް ވަނީ ނިންމާފައެވެ. ރިޓަޔަމާކުރާ އުމުރުން 62 އަހަރުން 64 އަހަރަށް ބޮޑުކުރުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ޒުވާން މަސައްކަތްތެރިންނާމެދު ވެވޭ ބޭ އިންސާފެކެވެ. އެ އިސްލާހުގެ ސަބަބުން ފުލް ޕެންޝަނެއް ލިބުމަށްޓަކައި ރައްޔިތުންނަށް ކޮންޓްރިބިއުޝަން ދޭންޖެހޭ އަހަރުތައް ވެސް އިތުރުވެގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ