މާލެ: 31°C

މައްސަލަ ހޫނުވެފައި އޮއްވާ އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ރެއިޑްކޮށްފި

February 15, 2023
2 ފަހަރު ބަލާފައި
މައްސަލަ ހޫނުވެފައި އޮއްވާ އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ރެއިޑްކޮށްފި
މައްސަލަ ހޫނުވެފައި އޮއްވާ އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ރެއިޑްކޮށްފި
އިންޑިއާގެ ޓެކްސް އިދާރާތަކުން އެ ގައުމުގައި ހުންނަ ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ)ގެ އޮފީސްތައް ބަލައި ފާސްކޮށްފައިވާ ކަމަށް ބީބީސީން ބުނެފިއެވެ. ބީބީސީ ނިއުސް ޑިޕާޓްމަންޓުގެ ޕްރެސް އޮފީހުން އަންގާރަ ދުވަހު ކުރި ޓުވީޓެއްގައި ބުނީ ޓެކްސް އޮތޯރިޓީން ވެރިރަށް ނިއުދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަށް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ބީބީސީން ބުންޏެވެ. އަދި އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަން ހައްލުވުން ކަމަށް އެ ބަޔާނުގައިވެއެވެ.އެ ކުންފުނީގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި މުވައްޒަފުންގެ ލެޕްޓޮޕާއި މޯބައިލް ފޯނު ވަނީ އަތުލައިގެންފައެވެ. ރެއިޑް ކުރި އިރު އޮފީސްތަކުގައި ތިބި މީހުންނަށް ބޭރަށް ނުނިކުތުމުގެ އިތުރުން ނައިޓް ޝިފްޓަށް ޝެޑިއުލްކޮށްފައިވާ މުވައްޒަފުން އޮފީހަށް ނުނިކުންނަން އަންގާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. މޯދީގެ ސަރުކާރުން މި އޮޕަރޭޝަންތައް ހިންގާފައި މިވަނީ 2002 ވަނަ އަހަރު ގުޖުރާތު ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި މޯދީގެ ދައުރެއް އޮތްތޯ ބެލުމަށް ބީބީސީން ތައްޔާރުކުރި ޑޮކިއުމެންޓްރީ "އިންޑިއާ: ދަ މޯދީ ކުއެޝްޝަން" މަނާކުރިތާ ހަފުތާތަކެއް ފަހުންނެވެ. އިންޑިޔާގައި ހިނގި ދީނީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހާދިސާގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. ހަމަނުޖެހުންތައް ފެށުނީ ހިންދޫންގެ ބަޔަކު ގޮވައިގެން ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ 59 މީހުން މަރުވުމާ ގުޅިގެންނެވެ. އިންޑިއާގައި ރަސްމީކޮށް ލިބެން ނެތް ނަމަވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި އަޕްލޯޑްކޮށް ގިނަ ބަޔަކު ހިއްސާކުރި މި ޑޮކިއުމެންޓްރީގައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ވަނީ ހާދިސާތަކުގައި "ނަސްލު ނައްތާލުމުގެ ހުރިހާ ސިފަތަކެއް" ހިމެނޭ ކަމަށް ބުނެފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ހަމަނުޖެހުން ހިންގަން މެދުވެރިވި "އަދުލު އިންސާފު ނެތް މާހައުލެއްގެ ސީދާ ޒިންމާ ނަގަން ޖެހޭނީ މޯދީ" ކަމަށާއި ފުލުހުންގެ އިސް އޮފިސަރުންނަށް ނުފޫޒު ނުފޯރުވުމަށް އަންގަވާފައިވާ ކަމަށެވެ. ޔޫޓިއުބާއި ޓްވިޓާގައި އެ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތުން 2024 ވަނަ އަހަރުގެ އާންމު އިންތިހާބާ ދިމާކޮށް މޯދީއަށް ސިޔާސީ ހަލަބޮލިކަމެއް ވަނީ އުފެދިފައެވެ. ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިދިޔަ މަހު ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ ބްލޮކް ކުރަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެންގުމަކީ ޑިމޮކްރެޓިކް އަސާސްތަކަށް އެ ގައުމުން ކަނޑައަޅާފައިވާ ވައުދާ އިދިކޮޅަށް މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ