މާލެ: 31°C

މަހެއްގެ ތެރޭގައި ޗައިނާއިން ކޮވިޑް ޖެހިގެން 60،000 މީހުން މަރުވި

January 15, 2023
2 ފަހަރު ބަލާފައި
މަހެއްގެ ތެރޭގައި ޗައިނާއިން ކޮވިޑް ޖެހިގެން 60،000 މީހުން މަރުވި
މަހެއްގެ ތެރޭގައި ޗައިނާއިން ކޮވިޑް ޖެހިގެން 60،000 މީހުން މަރުވި
ޗައިނާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 60،000 މީހުން މަރުވެއްޖެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮވިޑްގެ ސަބަބުން ނޭވާލާ ނިޒާމު ހުއްޓިގެން މަރުވި 5،503 މީހުން އަދި ކޮވިޑާ ގުޅިގެން އެހެނިހެން ބަލިތަކުން މަރުވި 54،435 މީހުން ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަނުން ހޮނިހިރު ދުވަހު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ. ގިނަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލްތަކުގައެވެ. އެކަމަކު ގޭގައި ބައެއް މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށް ބަޔާނުގައި ބުންޏެވެ. މިދިޔަ އޮކްޓޫބަރު މަހު ރޯގާއާ ހުމުގެ ސަބަބުން ހޮސްޕިޓަލް ތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވިއެވެ. ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ޑިސެމްބަރު މަހު ކުއްލިގޮތަކަށް އުވާލިއެވެ. އަދި ކޮވިޑްގައި މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދުތައް ރިޕޯޓް ކުރުންވެސް ހުއްޓާލިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެހެނިހެން ގައުމުތަކުން ވަނީ ޗައިނާގެ އެތައް ސަތޭކަ މިލިއަން ބަޔަކަށް ވައިރަސް ޖެހިދާނެ ކަމަށް ސިޓީތަކާއި ޕްރޮވިންސް ސަރުކާރުތަކުން ރިޕޯޓްކޮށްފައިވާތީ މައުލޫމާތު ހޯދުމަށް ޗައިނާ ކިބައިން އެދިފައެވެ. ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލް ޖިއާއޯ ޔަހުއީ ވިދާޅުވީ، އެންމެ ފަހުގެ އިންފެކްޝަންގެ ރާޅުގެ ޕީކް ފާއިތުވެގެން ދިޔައީ ހުން ކްލިނިކްތަކަށްދާ މީހުންގެ އަދަދު މަދުވުމުން ކަމަށެވެ. އެ ކްލިނިކްތަކަށް ދުވާލެއްގެ މައްޗަށްދާ މީހުންގެ އަދަދު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2.9 މިލިއަނަށް އަރާފައިވާ ކަމަށާއި ބުރާސްފަތި ދުވަހު 83 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޖިއާއޯ ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ސިއްހީ މާހިރުން އަންދާޒާކުރާ ގޮތުން މިއަހަރު ކޮވިޑް ޖެހިގެން މަދުވެގެން އެއް މިލިއަން މީހުން މަރުވާނެއެވެ. ބަލިމަޑުކަން ފެށުނު ފަހުން ޗައިނާއިން މީގެ ކުރިން ވަނީ 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ އެވްރެޖް އުމުރަކީ 80.3 އަހަރު ކަމަށާއި 90 އިންސައްތަ މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ހެލްތް ކޮމިޝަނުން ބުނެއެވެ. އަދި މަރުވި މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ކެންސަރާއި ހިތުގެ ނުވަތަ ފުއްޕާމޭގެ ބަލިތައް ނުވަތަ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މިދިޔަ މަހު، ކޭސްތައް އިތުރުވާން ފެށި ފަހުން އެމެރިކާ އާއި ދެކުނު ކޮރެއާ އަދި އިތުރު ގައުމުތަކަކުން ވަނީ ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ. އޭގެ ރައްދެއްގެ ގޮތުން މިދިޔަ ބުދަ ދުވަހު ޗައިނާ އިން ވަނީ ދެކުނު ކޮރެއާ އާއި ޖަޕާނުން އަންނަ މީހުންނަށް ވިސާ ދިނުން މެދުކަނޑާލައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ