މާލެ: 31°C

ލޯބީގެ ގޮތުން ގުޅެންވީ ތިމާގެ އިންތަކަށް އިހްތިރާމްކުރާނެ މީހަކާ

September 9, 2024
122 ފަހަރު ބަލާފައި
ލޯބީގެ ގޮތުން ގުޅެންވީ ތިމާގެ އިންތަކަށް އިހްތިރާމްކުރާނެ މީހަކާ
ލޯބީގެ ގޮތުން ގުޅެންވީ ތިމާގެ އިންތަކަށް އިހްތިރާމްކުރާނެ މީހަކާ
ތިމާ ހިތްކިޔާ ކަހަލަ މީހަކާ ލޯބީގެ ގޮތުން ގުޅުމަށް އުފެދޭ ޝައުގުވެރުކަމުގެ ތެރެއިން  ތިމާ ކަންކަމުގައި ބޭނުންވާ ގޮތަށްވުރެ އެ މީހާކު ބޭނުންވާ ގޮތަށް ތިމާގެ ހުރިހާކަމަށް ބަދަލުކޮށްލެވޭ ފަހަރު އާދެއެވެ. އަދި ކަންކަމުގައި ތިމާ ބޭނުންވާގޮތް އެމީހަކަށްޓަކައި ގުރުބާންކޮށްލެވެއެވެ. ގުޅުމެއްގެ ކުރީ ކޮޅު ކަންކަމުގައި ތިމާ ގަބޫލުކުރާ އުސޫލުތަކާއި  އިންތައް ކަނޑައެޅުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫކަމަކަށް ވެއެވެ. ސަބަބަކަށް ވަނީ ތިމާ ހިތްކިޔާ މީހާ މި އުސޫލުތަކާހެދި ގެއްލިގެން ގޮސްދާނެކަމުގެ ބިރަށެވެ. އެހެންނަމަވެސް ލޯބީގެ ގުޅުމުގެ ކުރީކޮޅު އެ ގުޅުމުގެ އިންތަކެއް ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެވެ. އެހެން ނޫންނަމަ ވަކި ހިސާބަކުން ހިތްހަމަ ނުޖެހުންތައް އުފެދި އެ ގުޅުމުގެ ސިއްކަ ޖެހިގެންދެއެވެ. އުފާވެރި ގުޅުމަކަށް ދެމީހުންގެ މެދުގައި އެ ގުޅުމުގައި ގެންގުޅޭނެ އިންތަކެއް ކުރިއާލައި މަޝްވަރާކޮށްފައި އޮތުން ވަރަށް މުހިންމުވެއެވެ. މިސާލަކަށް  ދުނިޔެވީ ކަންކަމުގައި ތިމާ ޤަބޫލުކުރާ އަސާސީ އުސޫލުތައް އެކަކު އަނެކަކާ ހިއްސާ ކުރެވެންޖެހެއެވެ. އަދި އެކަންކަމަށް އެކަކު އަނެކަމަށް އިހުތިރާމް ކުރަންޖެހެއެވެ. އެކަނި ކުރަން ބޭނުންވާ ކަންކަމަކީ ކޮބައިކަން ދެމީހުންގެ މެދުގައި  މަޝްވަރާ ކޮށްލަންޖެހޭނެއެވެ. އާއިލާ އަށް ދޭނެ ވަގުތަކީ ކޮބައިކަން ބުނެފައި އޮންނަނަވާނެއެވެ. އެކަކު އަނެކެއްގެ ކަންކަމަށް އިހުތިރާމްކުރަންޖެހޭނެކަން ދެމީހުންނަށް ސާފުކޮށް އެނގިފައި އޮންނަންޖެހެއެވެ. ކަނޑައެޅިގެން ތިމާގެ ބައިވެރިޔާ ނޫނެކޭ ބުނާ ކަންކަމަށް އާބަސް ބުނުވަން ނެގޯޝިއޭޓް ކޮށް ބައިވެރިޔާ ޕްރެޝަރަށް ވައްޓާލައިގެން ނުވާނެއެވެ. އަދި އެންމެ މުހިންމުކަމަކަށް ކައިވެނީގެ ކުރިއަށް އެކަކު އަނެކަކާ އޮންނަ ޖިސްމާނީ ގުޅުމުގެ ހައްދުތަކަކީ ކޮބައިކަން އެނގެންޖެހެއެވެ. ގުޅުމެއްގެ އެންމެ ކުރީކޮޅުން ފެށިގެން އެ ގުޅުމެއްގައި ހިފަހައްޓާނެ އުސޫލުތަކާއި އިންތަކެއް ކަނޑައަޅާފައި އޮތުމަކީ އެ ގުޅުން ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި ދެމީހުންގެ ދޭތޭރޭގައި ދެބަސްވުން މަދުވެ ހިތްހަމަޖެހޭ ގުޅުމެއްގެ އުޅުމަށް ދެ މީހުންނަށްވެސް ފަސޭހަވާނެކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ