މާލެ: 31°C

ޅެންވެރިކަމުން ނަފްސާނީ ފަރުވާ، ޖޯކެއްނޫން! 'ބިބްލިއޯތެރަޕީ' ގެ ބާވަތެއް!

January 31, 2024
3 ފަހަރު ބަލާފައި
ޅެންވެރިކަމުން ނަފްސާނީ ފަރުވާ، ޖޯކެއްނޫން! 'ބިބްލިއޯތެރަޕީ' ގެ ބާވަތެއް!
ޅެންވެރިކަމުން ނަފްސާނީ ފަރުވާ، ޖޯކެއްނޫން! 'ބިބްލިއޯތެރަޕީ' ގެ ބާވަތެއް!
ދާދިފަހުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވުމުން އެކަން މިވަނީ ބޮޑު ޖޯކަކަށް ވެފައެވެ. މި ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ ބޭސްފަރުވާ އާ ޅެންވެރިކަމާގުޅުވާ ހަދާފައިވާ މީމްސް ތަކުންނެވެ. ޖޯކުތައް ކިތަންމެހާ ވެސް މަޖަލެވެ. [caption id="attachment_96899" align="aligncenter" width="1600"] ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ޖޯކު[/caption] ޅެމުން ފަރުވާ ހޯދުމުގެ ވާހަކަ އަކީ ނަފްސާނީ ބަލިތަކުގެ ސީރިއަސްކަން ބަލއި ނުގަތުން ކަމަށް ބުނެ ފާޑުކިޔުން ތަކެއް ވެސް މިވަނީ އަމާޒުވެފައެވެ. އެގޮތުން މަޖިލިސް މެމްބަރު ރޮޒައިނާ އެކަން ސިފަކުރެއްވީ ފަހަތައް އެޅުނު ފިޔަވަޅެއްގެ ގޮތުގައެވެ. "ތިބޭފުޅުން ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ ނަފްސާނީ ބަލިތަކުގެ ހޭލުންތެރިކަން އިތުރުވެ ކިރިޔާ ރަނގަޅު މަސައްކަތްތަކެއް އެރޮނގުން ކުރެވެންފަށާއިރަށް އަނެއްކާ ފަހަތައްޖައްސަވަން ނޫޅުއްވާ!" ރޮޒައިނާ ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވަނީ އެކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކޮށްއުޅޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ ޅެމަކީ އެއިއިން ސިއްހީ ފަރުވާ ދެވޭއެއްޗެއް ކަމަށާއި އަދި ޅެން ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ތަހައްމަލުކުރާ މީހުން އުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެެވެ.
ޕޮއެޓްރީ ތެރަޕީ  އަކީ އަސްލު އެއްޗެކެެވެ. ވިކިޕީޑިއާގައިވާގޮތުން ދުނިޔޭގައި ޅެން ބަުުރުވަ ބޭނުންކޮށްގެން ތެރަޕީ ފެށުނީ މީލާދީން 400 ވަނަ އަހަރާ ހިސާބުގައި، ލިޔުންތެރިކަމަކީ ބޭސްވެރިކަމުގެ ވައްތަރެއްގެ ގޮތުގައި މިސްރު މީހުން ބޭނުންކުރި ހިސާބުންނެވެ. ޕޮއެޓްރީ ތެރަޕީ އަކީ ބިބްލިއޯތެރަޕީގެ ސަބްޓައިޕެކެވެ. ބިބްލިއޯތެރަޕީ އަކީ ތެރަޕީ ނުވަތަ ފަރުވާގެ ބައެއްގެ ގޮތުގައި ފޮތް ކިޔުން ނުވަތަ ލިޔުން ބޭނުންކުރާ ތެރަޕީއަށެވެ. ޕޮއެޓްރީ ތެރަޕީގައި، ތެރަޕިސްޓް ފަރުވާގެ ތެރެއަށް ޅެން ހިމަނާފައިވަނީ، އެ މީހެއްގެ އަމިއްލަ އިހުސާސްތައް ނުވަތަ ތިމާ އާއި އަނެކުންންގެ އިހުސާސްތައް ދެނެގަނެވޭތޯ އެވެ. ނަސަފާނީ ބަލިތަކަށް އެންމެ އާންމުކޮށް މި ބޭނުންކުރާ ކައުންސެލިން ކަހަލަ ފަރުވާތަކުގައި ވެސް އެންމެ ފުރަތަމަ ކުރާ އެންމެ މުހިންމު ކަމަކީ، މީހާގެ އިހުސާސަތަށް ބޭރުކުރުވުމެވެ. އޭނާގެ މައްސަލަ ދެނެގަންނަނީ އެނާގެ ޖަޒުބާތުތަކާއި އިހުސާސްތަކުގެ މައްޗަށް ނިބާކޮށެވެ. ޅެން ކިޔުމާއި ލިޔުމަކީ މީހަކަށް ރަނގަޅަށް މުއާމަލާތްކޮށް، އެ މީހެއްގެ ޖަޒުބާތުތައް ފާޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް އަހަރެމެން އެންމެން ވެސް އަލަށް ލޯބިވެގެން އުޅޭ އިރު ، އެ އިހުސާސްތަކާ ގުޅުން ހުރި ލަވަތައް ޖަހާ، ލޯބިވެރިޔާއާ އެލަވަތައް ހިއްސާކޮށް އޭގެ ޒަރިއްޔާ އިން މެސެޖުދީ ހަދަމެއް ނޫންހެއްޔެވެ. އެހެން ކަމުން ޅެމާއި ޖަޒުބާތުތައް ވަނީ ޅުގިލާމެހިފައި ކަން އެބައެނގެއެވެ. ނަމަވެސް، ޅެން ވެރިކަމަކީ ހަމައެކަނި އޭގެ ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ކުރެވޭނެ ފަރުވާއެއް ނޫނެވެ. އެކަން ކުރަންދަންނަ އެކަމުގެ އިލްމާއި ތަޖުރިޞާ ލިބިފަ ތިބި ތެރަޕިސްޓުންނަށް އޭގެ ބޭނުން ހިފިޑާނެ ކަމެކެވެ. އާންމުކޮށް ތެރަޕިސްޓުން ޕޮއެޓްރީ ތެރަޕީ އެހެން ބާވަތްތަކުގެ ތެރަޕީގެ ތެރެއަށް ވައްދަ އެވެ. މިސާލަކަށް، ތެރަޕިސްޓުންނަށް ޅެން ލިޔުން ބޭނުންކޮށްގެން ކޮގްނިޓިވް ބިހޭވިއަރަލް ޓެކްނިކްސް ބޭނުންކޮށްގެން މީހެއްގެ ޖަޒުބާތުތަކާއި އޮޓޮމެޓިކް ފިކުރުތައް ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދެވިދާނެ އެވެ. އެހެންކަމުން ދިވެހިބަހުގެ ޅެންތަކުން ވެސް، އެކަމުގެ ތެރޭގައި އުޅޭ މީހުންނަށް އަމިއްލަ ޖަޒުބާތު ތަކާއި ޝުއޫރުތަށް އެންމެ ފުރިހަމައަށް ފާޅުކުރުމަށް ބޭނުންކުރެވިދާނެއެވެ. މިހާރުގެ ފުންނާބު އުސް ދިވެހި ލިޔުންތެރިޔާ ނަސްމާ އަބްދުލް މުހުސިން ވަނީ ސޯޝަލް މީޑިއާގައި މިކަމުގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. ނަސްމާ ވިދާޅުވީ، އަނިޔާވެރި ގުޅުމަކުން ސަލާމަތްވުމުގެ ހިތްވަރު ހޯދުމުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް އެހީ އަކީ އޭނާ ހެއްދެވި ޅެންތައް ކަމަށެވެ. އެއީ، ވުން އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެން ގިނަ މީހުން ހިތް ނުތަވަސްވާ ވަގުތުތަކުގައި ހާލަތާ ގުޅޭ ލަވަ ޖަހައި އެއިން އެހީތެރިކަން ހޯދަމެވެ. އާޓް ތެރަޕީއަކީ ވެސް ނަފްސާނީ މާހިރުން ފަރުވާ ދިނުމުގައި ބޭނުންކުރާ އުކުޅެކެވެ. އާޓް ތެރަޕީ އަކީ ސައިކޮތެރަޕީގެ ތެރޭގައި އެކްޓިވް އާޓް، ހުނަރުވެރިކަން، އެޕްލައިޑް ސައިކޮލޮޖިކަލް ތިއަރީ، އަދި އިންސާނީ ތަޖުރިބާ  ބޭނުންކޮށްގެން ފަރުވާ ދިނުމަށް ކުރާކަމެކެވެ. ބިބްލިއޯ ތެރަޕީއަކީ އަކީ ވެސް މިގޮތަށް ކުރާ ކަމެކެވެ. ޕޮއަޓްރީ ނުވަތަ ޅެންވެރިކަން ހިމެނެނީ ބިބްލިއޯތެރަޕީގެ ބާވަތެއްގެ ގޮތުގައެވެ.  ސޯޝަލް މީޑިއާގައި އާންމުވާ ޖޯކުތަކުގެ އިތުރުން، ތަޖުރިބާ ކާރު އެތައް ބަޔަކު ދަނީ، ޅެންވެރިކަމުން ފަރުވާ އަށް އެހީވުމާ ބެހޭގޮތުން އެކި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރާއްޖޭގައި ތެރަޕީގެ ގޮތުގައި އަދި މިހާތަނަށް ބޭނުން ނުކުރެވުނަސް، އާޓިސްޓުން، މިޔުޒިޝަނުންނާއި، ނެށުންތެރިންނާއި ދަނޑުވެރިން ވެސް އެ މީހުންގެ ހުނަރުތައް ބޭނުންކޮށްގެން އިހުސާސްތައް ބޭރުކުރާހެން ޅެންވެރިކަމަކީ ވެސް މިފަދައިން ބޭނުންކުރެވިދާނެ އުކުޅެއްކަން ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ