ބީއެމްއެލްއިން ށ. ބިލެއްފެހި ސްކޫލްގައި ތަރައްގީ ކުރި ލައިބްރަރީގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް[/caption]
ސިއްހީ ގޮތުން ލިބޭ ކުރިއެރުންތައް
ފޮތްތެރިކަމަކީ ސިއްހީ ބަލިމަޑުކަމެކޭ ދެންނެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ގިނަގިނައިން ފޮތް ކިޔުމަކީ ތިމާއަށް ސިއްހީ ގޮތުން އެތަކެއް ފައިދާތަކެއް ލިއްބާދޭ ކަމެކެވެ. އެގޮތުން ގިނައިން ލިޔުންތައް ކިޔާ ކަމުގައިވާ ނަމަ ތިމާގެ ތޫނުފިލިކަން އިތުރުކޮށް، ސިކުނޑިއަށް ލޭދައުރުވުން އިތުރުކޮށްދެއެވެ. އަދި ސިކުނޑިއަށް އިތުރު ތާޒާކަމެއް ގެނުވާދީ، ހިތުދަސްކުރުމާއި ހަނދާނުގައި ގިނަ ދުވަހު އެއްޗެހި ބަހައްޓަން ފަސޭހަވަގެންދެއެވެ. އެއީ ފޮތް ކިޔުމަކީ ސިކުނޑިއަށް ލިބިގެންދާ ކަސްރަތެއް ކަމުގައިވާތީއެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ބޭނުންވާ ފަދައިން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ކަސްރަތު ބޭނުންވާ ބީދާއިންނެވެ. ފޮތް ކިޔުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އެތަށް ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ކިޔުންތެރިކަމަކީ ކަންކަމާއި މެދު ފިކުރު ބޮޑުވެ، ހާސްވުންފަދަ ކަންކަމުން ދުރުހެލިކޮށްދޭ ކަމެކެވެ. މީގެ ތެރޭގައި ސްޓްރެސްވުމާއި، ޑިޕްރެޝަންއަށް ދިއުމާއި، އެންސައިޓީ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. އެމެރިކާގެ އާންމު ސިއްހަތާއި ބެހޭ ސިއްހީ މާހިރެއް ކަމުގައިވާ ޕްރޮފެސާ ސްޓެވާރޓް ބްރޮއުން ޝާހް، ހެދި ދިރާސާއަކުން ހާމަވެގެން ދިޔައީ އާންމުކޮށް ފޮތް ކިޔާ މީހުން ނަފްސާނީ ބަލިމަޑުކަމަށް ހުށައެޅިގެން ދިއުމުގެ ފުރުސަތު ފޮތް ނުކިޔާ މީހުންނަށް ވުރެ ހަނިކަމެވެ. މީގެ އިތުރުން ފޮތް ކިޔުން މަދު މީހުންނާ އަޅާބަލާއިރު އާންމުކޮށް ފޮތް ކިޔާ މީހުންގެ އުމުރު ދިގުވުމަށް އޮންނަ ފުރުސަތު 20 ޕަސެންޓް އިތުރުވާ ކަންވެސް ފާހަގަކުރެވެއެވެ. ސައިންސްވެރިން މިހެން ބުނެފައި ވަނީ ގިނަ ބަޔަކު ބައިވެރިކޮށްގެން 12 އަހަރުގެ މުއްދަތަކަށް ކުރި ދިރާސާއަކަށް ފަހުގައެވެ. މި މައުލޫމާތުތައް ކިޔާ ހޯދާ ބެލުމަކީ ތިމާގެ ސިއްހީ މައުލޫމާތު އިތުރުވެގެން ދާނެ ކަމެކެވެ. ވީމާ ފޮތް ކިޔުމަށް ކިތަންމެ ވަގުތެއް ބޭކާރު ވިނަމަވެސް އޭގެ ސަބަބުން ތިމާގެ ކުރިއެރުމަށް ސިއްހީ އެތަށް ގުނަ ފައިދާ ތަކެއް ލިބިގެން ދާނެކަން ދިރާސާތަކުގެ އަލީގައި މިވަނީ ހާމަވެފައެވެ. [caption id="attachment_76486" align="aligncenter" width="1024"]
ހެލްތު އެންޑް ޕީއީ މާއްދާއަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ދިރިއުޅުމެއްގެ މުހިންމުކަން އިލްމީ ގޮތުންނާއި ކަސްރަތާއި ކުޅިވަރުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދެވޭ މާއްދާއެއް -- ފޮޓޯ: އެތްލެޓިކްސްއެސޯސިއޭޝަން[/caption]
ވަޒީފާގެ މައިދާނުގައި ލިބޭ ކުރިއެރުންތައް
ދެން އޮތީ ފޮތް ކިޔައިގެން ވަޒީފާގެން ކުރިއެރުން ލިބޭނެތޯ އުފެދުނު ސުވާލެވެ. އާދެ، ފޮތް ކިޔުމަކީ ތިމާއަށް ސިއްހީ ގޮތުން ހަމައެކަނި ފައިދާ ކުރާނެ ކަމެއް ނޫންނެވެ. އެއީ ތިމާގެ ވަޒީފައިގެ މައިދާނުގައިވެސް ކުރި އެރުން ލިބޭ ކަމެއްކަން ވަނީ ތަފާތު ދިރާސާތަކުން ސާބިތުކޮށްދީފައެވެ. އެގޮތުން ތަފާތު އެކި ލިޔުންތައް ކިޔުމަކީ ތިމާގެ މައުލޫމާތު ހަޒާނާ މުއްސަނދިވެގެން ދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ތިމާގެ ބަސްކޮށާރު މުއްސަނދިވެ، މުއާމަލާތު ކުރުމުގެ ހަމަތައް ހަރުދަނާވެ ވަރުގަދަވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާގެ މައިދާނުގައި ތިމާއަށް ކުރާ އިހްތިރާމް އިތުރުވެގެން ދެއެވެ. އަދި ތިމާދެކެ ތަނުގެ އެންމެ ގަޔާވެގެންދެއެވެ. ބަސްމޮށުންތެރިކަމަށް ލިބޭ ކުރިއެރުމާއި އެކު ތިމާގެ ލިޔުން ތެރިކަމުގެ ހުނަރުވެސް ފޮތް ކިޔުމުގެ ސަބަބުން އިތުރު ހަރުފަތަކަށް ގެންގޮސްދެއެވެ. އަދި ވިސްނުމުގެ ގާބިލްކަން އިތުރުކޮށްދީ ކަންކަމާއި މެދު ފުޅާ ނަޒަރިއްޔާތަކުން ވިސްނުމަށް މަގުފަހިކޮށްދެއެވެ. މި ކަމުގެ ސަބަބުން އޮފީސް މާހައުލުގައި ކުރާ ކަންކަމުގައި ތިމާގެ އިސްނެގުމާއި ބައިވެރިވުން އިތުރުކޮށްދެއެވެ. އަދި އުފެއްދުންތެރި ހިޔާލް ހުށައެޅުމުގެ ގާބިލްކަން ލިބިގެންދެއެވެ. ވީމާ ގިނަގިނައިން އެކި ލިޔުންތައް ކިޔާ، މައުލޫމާތު ހޯދާބަލާ، މީހުންނާއި ފޮތްކިޔުން މަދު މީހުން ވަޒީފާގެ މައިދާނުގައި ވަކި ކުރުމަކީ ފަސޭހަ ކަމެކެވެ. އިލްމީ ތަފާތު އެކި މައުލޫމާތުތައް ހުންނަ ފޮތްތައް ކިޔުމާއި ބެލުމަކީ ތިމާގެ ހުނަރުތައް ތަރައްގީ ކޮށްދޭ ކަމަކަށް ވާއިރު މި ހުނަރުތަކުގެ ސަބަބުން ވަޒީފާގެ މައިދާނުގައި ތިމާއަށް ކުރިއެރުން ލިބިގެން ދެއެވެ. އަދި އެހެން މީހުންގެ ގަދަރާއި އިހްތިރާމް ލިބި، ފަސޭހަކަމާއި އެކު ވަޒީފާގައި މަގާމުގެ ކުރިއެރުން ލިބެން މެދެވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. [caption id="attachment_76492" align="aligncenter" width="926"]
ހިލޭ ޑްގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވުމާއި އެކު، މިހާރު ގިނަ ޒުވާނުންނަކީ ވަޒީފާ އަދާކުރަމުން، އިތުރަށް ކިޔަވަމުން ދާ ފަރާތްތައް -- ފޮޓޯ: މީރާ[/caption]
އިޖްތިމާއީ ގޮތުން ލިބޭ ކުރިއެރުންތައް
ފޮތް ކިޔުމުން ލިބޭ އަނެއް ފައިދާއަކީ ތިމާގެ އިޖްތިމާއީ ހުނަރުތައް ތަރައްގީވުމެވެ. މުޖްތަމައު ތެރޭގައި ދޭދޭ މީހުންނާއި މެދު ޖެހޭ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެން ދިއުމެވެ. މިސާލަކަށް ވާހަކަ ފޮތްތަކުގައި ގެނެސްދީފައިވާ އެކި ހާދިސާތަކަށް ރިޔާޔަތް ކުރުމަށްފަހު އެފަދަ ކަމެއް އާންމު ދިރިއުލުމުގައި ދިމާވެއްޖެ ނަމަ، ހައްލު ކުރުން ފަސޭހަވެގެން ދެއެވެ. އެ ވާހަކައަކުން ނުވަތަ ލިޔުމަކުން ލިބުނު އިބްރަތްތެރި ފިލާވަޅު އާންމު ދިރިއުޅުމުގައި ބޭނުން ކުރެވެއެވެ. މީގެ އިތުރުން ގިނަގިނައިން ފޮތް ކިޔުމުގެ ސަބަބުން މީހުންނާއި ގުޅުން ބަދަހިކުރަން ފަސޭހަވެގެން ދެއެވެ. މި ލިޔުމުގައި ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން ކިޔުންތެރިކަމަކީ ތިމާގެ ބަސްމޮށުންތެރިކަން ހަރުދަނާކޮށްދޭ ކަމެކެވެ. ވީމާ މިކަމުގެ ސަބަބުން މީހުންނާއި ގުޅިގެން އެކުވެރިކަމާއި އެކު މަސައްކަތް ކުރުމަށް މަގުފަހިކުރުވައެވެ. މިއާއި ފޮތްތެރި މީހަކަށް ތިމާވެއްޖެ ނަމަ، ފަސޭހަ ކަމާއި އެކު އެހެން މީހުންގެ އިހުސާސްތައް ދެނިގެނެވި، އަނެކާއަށް އިހްތިރާމް ކުރަން ދަސްވެއެވެ. އަދި ކިޔުންތެރިކަމަކީ ތިމާގެ ލޯ ދުނިޔެ މައްޗަށް ހުޅުވިގެން ދާ ކަމެއްވެސް މެއެވެ. މިކަންކަމުގެ ސަބަބުން އަނެކާގެ ހިޔާލާއި ޝުއޫރުތަކަށް ބޭއިޙްތިޔާރުގައިވެސް އިހްތިރާމް ކުރެވެއެވެ. ވީމާ ގިނަގިނައިން ފޮތް ކިޔުމަކީ މުޖްތަމައުގައި ތިމާގެ ދަރަޖަ މަތިވެގެން ދާ ކަމެކޭ ދެންނެވިދާނެއެވެ. އަދި ގިނަގުނަ އިޖްތިމާއީ ހުނަރުތަކެއް ލިބި ރިވެތި އަހްލާގީ ސިފަތަކުން ޒީނަތްތެރިވެގެން ދާނެ ކަމެއް ކަމެއްވެސް މެއެވެ. [caption id="attachment_76488" align="aligncenter" width="960"]
ސްކައުޓް، ގައިޑް އަދި ކެޑޭޓްގެ އިތުރުން އެކި ކްލަބް އަދި ޖަމިއްޔާތަކުގެ ހަރަކާތްތަކުގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާގެ އަލީގައި އިޖްތިމާއީ ހިދުމަތެރިންތަކެއް ބިނާވެގެން ދޭ -- ފޮޓޯ: މަޖީދިއްޔާ[/caption]
މި ފައިދާތަކަކީ ތިމާގެ މުސްތަގްބަލް އުޖާލާ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ. މި ސަބަބުތަކަށްތަކައި ތިމާގެ ހަޔާތުގެ ނިވެމުންދާ ދަންމަރު ހުޅުދާންކުރުމަށްޓަކައި ފޮތް ކިޔުމަކީ މުހިންމު ދައުރެއް އަދާ ކުރާ ކަމެކޭ ދެންނެވިދާނެއެވެ. އެހެންކަމުން އިސްވެ ދެންނެވުނު ފައިދާތައް ހާސިލްކުރުމަށް ފޮތް ނުވަތަ ލިޔުމެއް ކިޔާލުމަކީ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް ކަމުގައި ހަދަމާ ހިންގަވާށެވެ.






