ރާއްޖޭގެ އާންމު ވިޔަފާރިތައް ދަށަށް ޖެހިއްޖެކަމާ މެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ޑޮލަރުގެ އަގު ދަށަށް ދާ ކަމަށް ގަބޫލުކުރާނީ ޑޮލަރުގެ މުޢާމަލާތްތައް ނުކުރާ މީހުން އެކަންޏެވެ. މިހާލަތުގައި ސަރުކާރުން ކުއްލި އަކަށް އިގްތިސާދުގެ ކަރުގައި ހިފާ ބާރުކޮށްލުމަކީ މަރަށް ތެޅިގަންނާނެ ކަމެކެވެ.
ފައިސާ ޗާޕްކުރުން މަޑުޖައްސާލުމަކީ އެންމެ ރަނގަޅު ކަމެކެވެ. ބާޒާރުގައި ދައުރުވާ ފައިސާ މަދުކޮށްލުމަކީ ދުރު މުސްތަގުބަލަކަށްބަލާއިރު އިގްތިސާދަށް ދިރުން ގެންނާނެ ކަމެކެވެ. އެހެންނަމަވެސް މިފަދަ ކުއްލި ވަރުގަދަ ނާޒުކު ބަދަލެއް ކުއްލި އަކަށް ގެނައުމަކީ އާންމު ވިޔަފާރިއަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ.
އާންމު ވިޔަފާރިތައް ބިނާވެފައި އޮންނަނީ އިގްތިސާދީ ބުރުގެ ތެރޭގައި ދައުރުވާ ފައިސާގެ މައްޗަށެވެ. މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވި، ސަރުކާރު ޕްރޮޖެކްޓްތަކުން ޕްރައިވެޓް ސެކްޓާއަށް ދޭން ޖެހޭ ފައިސާ ފޯރުކޮށް ނުދެވިއްޖެނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަރަނިވެރިވެ ބަނގުރޫޓު ވެގެން ހިނގައިދާނެއެވެ. އެހެންކަމުން އިޤްތިސާދުގެ ކަރުގައި ކުއްލިއަކަށް ހިފާ ނޭވާ ހާސްކޮށްލުމުގެ ބަދަލުގައި މަޑުމަޑުން އެ މިސްރާބަށް ދައުރު ކުރެވޭނެ މަގު ޗާޓަކާ އެކީ ކުރިއަށް ދެވިދާނެއެވެ.
ބާޒާރުގައި ދައުރުވާ ފައިސާ ކުއްލިއަކަށް ހުއްޓައެއް ނުލެވޭނެއެވެ. އާންމު ވިޔަފާރިތަކުގެ ވިކުރާތަކާ ގުޅިފައިވާ މި މުހިއްމު ބަދަލާމެދު ސަރުކާރަކުން ވިސްނަން ވާނީ ސަރުކާރަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، ފައިސާ ޗާޕުނުކޮށް ބާޒާރަށް ބޭނުންވާ ފައިސާ ދައުރުކުރުވާނެ ގޮތެއް ހޯދާފައެވެ.
އިގްތިސާދީ ވިސްނުމަކުން ވިސްނާއިރު، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ މުއްދަތެއްގައި ފައިސާ ފޯރުކޮށްނުދީ، ސަރުކާރުގެ ކުންފުނިތަކުގައި ތާށިވެފައިވާ ޕްރައިވެޓް ކުންފުނިތަކުގެ ފައިސާ އެފަރާތްތަކަށް ދޫނުކޮށް ހިފަހައްޓައި، ކުންފުނިތަކުން މުދާ އެތެރެކުރުމަށް ބޭންކުތަކުން ބޭރުފައިސާގެ އެހީތެރިކަން ނުދީ ހިފެހެއްޓުމުން އާންމު އިގްތިސާދުގެ މުހިއްމު ތަނބުތައް ކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނޭވާ ހޮޅިއަށް ނޭޅި ނުދާނެއެވެ.
ސަރުކާރުން އެބަ ބުނެއެވެ. އިގްތިސާދު އަންނަނީ ރަނގަޅުވަމުންނެވެ. އެއީ މިވާހަކަ ދެކޮޅު ޖައްސާނީ ކިހިނެއް ހެއްޔެވެ؟ ވެރިކަން ބަދަލުވުމާއެކު ވެއްޓިގެން ދިޔަ އާންމު ވިޔަފާރިތަކަށް އަދިވެސް ހަމަ އިސްކޮޅަށް ތެދުވެލެވޭނެ ވަރެއް ނުވެއެވެ. އެވަރުގެ ހަކަތައެއް ސަރުކާރަށް އިގްތިސާދަށް ދޫކުރެވިފައެއް ނުވެއެވެ. އިގްތިސާދު ރަނގަޅު ކުރުމަކީ ހަމައެކަނި ހިފެހެއްޓުންތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫނެވެ. ދޫދިނުންތައް ވެސް އޮންނަން ވާނެއެވެ. ދިޔަ ހިފޭ ފަދަ އިގްތިސާދީ ބަދަލުތައް ގެނައުމަށްޓަކައި ގެންނަ ކޮންމެ ބަދަލެއް ގެންނަން ޖެހޭނީ ވިސްނުންތެރިކަމާއެކުއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި އަޅާ ވޭނާއި ރިހުން ސަރުކާރަށް އެބަ އިހްސާސް ވޭތޯއެވެ. ކުރީ ސަރުކާރު! ކުރީ ސަރުކާރޭ ބުނެ ހުއްޖަތް ދައްކާ އާންމު ވިޔަފާރިތައް މަގުމަތިކުރުމަށް ދޫކޮށްލުމަކީ އިގްތިސާދަށް އެންމެ ހެޔޮ ބަދަލު ކަމަށް ގަބޫލުކުރުމަކީ ގޯހެކެވެ. މީހުންގެ އަތުގައި އާންމު އިގްތިސާދު ހިފަހައްޓައި ދައުރުކުރެވޭނެ ފައިސާ އިގުތިސާދީ ބުރުތެރޭގައި ދައުރުވާން ޖެހެއެވެ. ސަރުކާރަކުން ޖެހޭނީ އެ މިންވަރު ކަނޑައަޅައި އެ މިންގަނޑުން ބޭރު ނުވާނޭހެން އިގްތިސާދީ ފިޔަވަޅުތައް އެޅުމެވެ.
އިގްތިސާދު ރަނގަޅު ކުރުމުގެ ހަމައެކަނި ފިޔަވަޅަކީ ފައިސާ ޗާޕްކުރުން ހުއްޓާލުމެއް ނޫނެވެ. ސަރުކާރުގެ ޚަރަދުތައް ވަކި ހުދޫދެއްގައި ހިފަހައްޓަން ޖެހެއެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކުން ސަރުކާރު ދުރަށް ދާން ޖެހޭނެއެވެ. ހަމައެކަނި ރިކަރަންޓް ހަރަދާއި ކެޕިޓަލް ޚަރަދުތަކާމެދު ވިސްނާ ވަރަށްވުރެ އާމްދަނީ އިތުރުކުރެވޭނެ ވިސްނުމެއް ތިލަކޮށް އޭގައި ފުރާނައަޅުވަން އެބަޖެހެއެވެ. މައިސަރުކާރަށް ޓެކްސްއިން ލިބޭ ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމަކީ އަދި އިގްތިސާދީ ހަރުދަނާ ފިޔަވަޅެއް ނޫނެވެ. ކައުންސިލްތަކަށް މާލީ މިނިވަންކަން ދޫކޮށްލައި، އާމްދަނީ ހޯދޭނެ މިނިވަން ވެއްޓެއް ފަހިކޮށްދޭންވީއެވެ.
ރިސޯޓް ތަރައްގީ ކުރުމާއި ދަނޑުވެރިކަންކުރުމާއި އިގްތިސާދީ އެހެން މަސައްކަތްތައް ކުރުމަށް ޕްރަޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދިގުމުއްދަތަކަށް ރަށްތައް ދޫކުރާއިރު، ކައުންސިލްތަކުގެ އިހްތިސާސްތަކުގައިވާ ރަށްތައް އެކައުންސިލްތަކަށް މައިސަރުކާރުން ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެތަންތަނުގައި އިގްތިސާދީ ބައެއް ކަހަލަ މަސައްކަތްތައް ކުރުމުގެ މިނިވަންކަމެއްވެސް ދީފައެއް ނުވެއެވެ.
ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމުގެ ބަދަލުގައި ޓޫރިޒަމްގެ މަސައްކަތްތައްވެސް ކުރެވޭ ގޮތަށް އެރަށެއްގެ އިހްތިސާސްގައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް 99 އަހަރަށް ދޫކުރުމުގެ މިނިވަންކަންދޭންވީއެވެ. ސަރުކާރުން ދެން މަސައްކަތް ކޮށްދޭންވީ އެތަންތަނަށް އިންވެސްޓަރުން ހޯދައިދިނުމުގެ މަސައްކަތެވެ. އޭރުން ރަށްތައް މައިސަރުކާރުގެ ވަކިތަކުން މިނިވަންވެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދޭނެ ފަދަ މާހައުލެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސަރުކާރުގެ ކޮރަޕްޝަން މަދެއް ނުވިއެވެ. ސިޔާސީ މަގާމުތައް ދަށެއް ނުވިއެވެ. ދަތުރު ޚަރަދުގެ ނިސްބަތް ދަށެއް ނޫނެވެ. ކުންފުނިތަކުން އާމްދަނީ އިތުރުވާނެ އާކަމެއް އަދި ނުކުރެއެވެ. މުޅިންވެސް ފެންނަނީ ކުރީ ސަރުކާރު ކުށްވެރިކޮށް ޒިންމާއިން ރެކުމަށް މަސައްކަތް ކުރަމުން ގެންދާތަނެވެ. ސަރުކާރެއް ބަދަލުވާއިރު ބަދަލުވާނީ ހުރިހާ ކަމެއް ސާފުކޮށް އޮތް ފޮތަކާއެކީއެއް ނޫނެވެ. އެކަން އެގޮތަށް ހިނގަނީ ނުވަތަ ހިނގާފައިވަނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯއެވެ. ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ބިލަކާއި ދަރަންޏެއް ސަރުކާރު ބަދަލުވުމުގެ ކުރިން ދައްކާ ހަލާސްކުރޭ ހެއްޔެވެ؟ ނޫނެކެވެ. ދައުލަތުގެ ދަރަންޏަކީ ނަގުލުކުރެވޭ އެމައްޗަށް ދެން އަންނަ ބަޔަކު ހުރިހާ މާނައެއްގައިވެސް ޒިންމާވާން ޖެހޭނެ ކަމެކެވެ. އެކަމާ ކުދި ކިޔުމުގެ ބަދަލުގައި އެކަން ދެކޮޅު ޖެއްސޭނެ ވިސްނުންތަކެއް ނެރެ ރައްޔިތުން ހިނިތުން ކުރުވާލާނީ ކޮން ސަރުކާރަކުން ހެއްޔެވެ؟ ހަމަގައިމުވެސް ޑރ. މުއިއްޒުގެ ސަރުކާރުން އަދި ފެންނަނީ ފިރުކެންވެސް ނޭނގޭ ޅަކުއްޖަކު އަމިއްލައަށް ފިރުކެން އުޅޭ ފަދަ އަމަލުތަކެކެވެ. ފެން ހިފޭ އިގްތިސާދީ ވިސްނުމެއް، އަމަލެއް ވެސް ނެތެވެ. އެއީ ބަހާއި ޢަމަލާ ދިމާނުވީވެސްމެއެވެ.







