މާލެ: 31°C

ޖަލު ގައިދީން ހިންގާ ފުޅާ ވިޔަފާރި

May 7, 2024
2 ފަހަރު ބަލާފައި
ޖަލު ގައިދީން ހިންގާ ފުޅާ ވިޔަފާރި
ޖަލު ގައިދީން ހިންގާ ފުޅާ ވިޔަފާރި
ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ މީހުން އެތަނުގައި ތިބެގެން ވިޔަފާރީގެ ތަފާތު މުވާމަލާތައް ހިންގައޭ ބުނުމުން ޤަބޫލުކުރެވޭ ހެއްޔެވެ؟ މައިގަނޑު ގިނަ ކަންކަން ގުޅިފައި ހުރީ ކުށުގެ ޢަމަލުތަކާ އެވެ. ޖަލު މީހުންގެ އަތުގައި މުވާސަލާތީ ވަސީލަތްތައް އެބަހުއްޓެވެ. މަސްތުވާތަކެތި ތިޔާގި އެވެ. އެހެންކަމުން އެމީހުންނަށް ޖަލުގައި ތިބެގެން ވެސް ޖަލުގެ އާބާދީގެ އިތުރުން ޖަލުން ބޭރުގެ އެކިއެކި މުޢާމަލާތްތަކުގެ ތެރެއަށް ވަދެލެވެ އެވެ. ފުޅާދާއިރާއެއްގައި ހިންގާ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ޖަލުގައި ތިބި ގައިދީން ރާވަމުން ގެންދެއެވެ. ހިންގައެވެ. ބޭރުގެ އެޖެންޓުންނާ މުޢާމަލާތް ކުރަނީ ޖަލުގެ ގޮޅިތަކުގައި ތިބެގެންނެވެ. ފައިސާ ޓްރާންސްފަ ކުރަނީ ޖަލުގައި ހުރެގެންނެވެ. މާރާމާރީގެ އެކިއެކި ހަރަކާތްތަކަށް "ޕްރޮޖެކްޓް" ލިބުމުން ފައިސާ ނަގައި، އެކަން ތަންފީޒުކުރުމުގެ ކަންކަން ޖަލުގެ ގައިދީން "ކޮމާންޑް ސެންޓަރު"ގައި ތިބެގެން ހިންގަ އެވެ. ސައިކަލުގެ މަޑީގައި ވަޅިން އެޅުމާއި މީހުންނަށާއި ތަންތަނަށް ހަމަލާދިނުމާއި ބިރު ދެއްކުމާއި މިނޫންވެސް އެތައް ކަމެއް މި ލިސްޓުގައި ހިމަނާލެވިދާނެ އެވެ. މީހެއްގެ އަތުން ލިބެން ޖެހޭ ފައިސާއެއް އެބައޮތް ހެއްޔެވެ؟ ޖަލު ގައިދީންގެ ތެރޭގައި ޑެޓް ކަލެކްޓަރުން ވެސް އެބަތިއް ބެވެ. އެކަމަށް ޚާއްސަ ނަމްބަރަކަށް ގުޅުމުން އެކަން ރާވާ، އެކަން ތަންފީޒުކުރުމަށް މާލޭގައި ތިބޭ އޭނާގެ ޓީމު ކުދިންނާ ހަވާލުކުރުމުން ވަގުތުން މަސައްކަތް ފަށަ އެވެ. އެކަން އެމީހުން ހިންގަނީ ހޯދާ ފައިސާގެ 10 ޕަސެންޓް އެމީހުންނަށް ލިބޭ ގޮތަށެވެ. ބިރު ދައްކައިގެންނާއި ހަމަލާ ދީގެންނާއި ތަޅާފޮޅައިގެންނާއި އިންޒާރު ދީގެން ހޯދާ މި ފައިސާ ވެރިމީހާ އަށް ހަވާލުކުރަނީ އެމީހުންގެ ދިހަ ޕަސެންޓް ނެގުމަށް ފަހު އެވެ. ބައެއް ގައިދީންގެ ކަމަކީ އޮންލައިންކޮށް ކެސިނޯ ކުޅުމެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދަނީ އެކި މީހުންނަށް ފޯނުކޮށްގެން އޮޅުވާލައިގެން ހޯދާ ފައިސާއިންނެވެ. ބޭރުގައި ތިބޭ އެކި އެޖެންޓުން ފޮނުވައިދޭ ކްރެޑިޓް ކާޑު ނަމްބަރުތައް ބޭނުންކޮށްގެން، އިންޓަނޭޝަނަލް މަނީ ޓްރާންސްފަ ހިންގައިގެން ވެސް ބައެއް ގައިދީން ފައިސާ ހޯދަ އެވެ. އެ ފައިސާ ވަކި މީހަކަށް ލިބުމުން، އޭގެ ހަތަރު ފަސެންޓާއި ދިހަ ޕަސެންޓާ ދެމެދު އެ ގައިދީއަކަށް ލިބެ އެވެ. މިފަދަ މީހުން ގިނަ ފަހަރަށް އެފައިސާ ބޭނުންކުރަނީ ވަގު ޑޮލަރާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށެވެ. މާލެއާއި ރަށްތަކުގައި ގިނަ އަދަދަކަށް ކޭޝް ގެންގުޅޭ ތަންތަނާއި މީހުންގެ މަޢުލޫމާތު ޖަލުގައި ތިބޭ މީހުން އެމީހުންގެ އެޖެންޓުން މެދުވެރިކޮށް ހޯދަ އެވެ. އަދި ދަނޑިވަޅުބަލާ އެ ފައިސާ ފޭރިގަންނާނެ ގޮތްތައް ރާވައި، އެކަން ތަންފީޒުކުރުމަށް ގުރޫޕެއް އައްޔަންކޮށް އެމީހުންނަށް ފައިސާދެ އެވެ. މިޝަން ކާމިޔާބު ވެއްޖެނަމަ ލިބޭ ފައިސާއިން ވަކި ޕަސެންޓެއް އެމީހުންނަށް ލިބޭ ގޮތަށް ވެސް އެއްބަސްވެ އެވެ. ބައެއް ގައިދީންގެ ފޯނުގައި އެހުންނަނީ އަންހެން ކުދިންގެ އަލްބަމްތައް ހަދާފަ އެވެ. އަގުވެސް ޖަހާފައެވެ. ހަށިވިއްކުމުގެ ވިޔަފާރިއަށްޓަކަ އެވެ. ވަޓްސްއަޕް ނުވަތަ ވައިބަ ނުވަތަ މެސެންޖާއިން މެސެޖްކޮށްލުމުން އަގާއެކު ކުއްޖާގެ ފޮޓޯ ލިބޭނެ އެވެ. އަދި ކޮންފާމް ކުރުމަށްޓަކައި 500 ރުފިޔާގެ ޑިޕޮސިޓެއް އެމީހުން ބުނާ އެކައުންޓަކަށް ފޮނުވަން ޖެހެ އެވެ. އަދި ތަނާއި ގަޑި ކަށަވަރުވުމުން އެކުއްޖާ އެތަނަށް ގެންގޮސް ގެނައުމުގެ ޒިންމާ އޮންނަނީ މާލޭގައި ތިބޭ އެޖެންޓުންނާ ހަވާލުވެފަ އެވެ. އާންމުކޮށް މި ވިޔަފާރީގެ އަގުތައް ހުންނަނީ 2000 ރުފިޔާ އާއި 10000 ރުފިޔާއާ ދެމެދު އެވެ. އެއީ އެއްގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތުތަކެވެ. ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއިން ބްލެކް މެއިލްކުރުމުގެ ހަރަކާތްތައްވެސް ދޭތެރެ ދޭތެރެއިން ހިންގައެވެ. އަދި ކަސްޓަމަރުގެ ކިބައިން އިތުރަށް ލާރި ދޭން ބުނުމުން އެކަމާ ދެކޮޅު ހަދައިފިނަމަ ރޭޕްކުރަން އުޅުމުގެ ތުހުމަތުއަޅުވައި، ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައެވެ. މީގެ އިތުރުންވެސް ޖަލު ގައިދީން ގެންދަނީ ފައިސާ ހޯދުމަށްޓަކައި ޖަލުގައި ތިބެގެން ކުށުގެ އެތައް ޢަމަލެއް ކޮންމެ ދުވަހަކު ވެސް ހިންގަމުންނެވެ. މިކަމާ ދެކޮޅު ހެދޭކަށް ނެތެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ