މާލެ: 31°C

ޖަލަށްލި ދެކުނު ކޮރެޔާގެ ކުރީގެ ރައީސަށް ރިޔާސީ މާފު ލިބިވަޑައިގެންފި

December 31, 2022
2 ފަހަރު ބަލާފައި
ޖަލަށްލި ދެކުނު ކޮރެޔާގެ ކުރީގެ ރައީސަށް ރިޔާސީ މާފު ލިބިވަޑައިގެންފި
ޖަލަށްލި ދެކުނު ކޮރެޔާގެ ކުރީގެ ރައީސަށް ރިޔާސީ މާފު ލިބިވަޑައިގެންފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުންގް ބަކްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އިއްވި 17 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް، ރިޔާސީ މައާފު ލިބިވަޑައިގެންފިއެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސިއޯކް-ޔޯލް، ލީއަށް މައާފް ދެއްވީ ގައުމީ ޗުއްޓީއާ ދިމާކޮށެވެ. އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ގައުމީ ދުވަސްތަކާއި ދިމާކޮށް ބޮޑެތި މައާފުތަކެއް ދިނުމަކީ އާއްމުކަމެކެވެ. ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓަރު ހާން ޑޮންގް-ހޫން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ 1،300 އަށް ވުރެ ގިނަ މީހުންނަށް މައާފް ދެއްވީ "އެއްބައިވަންތަކަމާއި ޓޮލަރެންސް އަދި ވިސްނުމުގެ ތެރެއިން ގައުމީ އެއްބައިވަންތަކަން އާލާކުރުމަށް" ކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ލީގެ މައްޗަށް ރިޝްވަތާއި ހިޔާނާތުގެ ކުށް ސާބިތުވެފައިވަނީ 2018 ވަނަ އަހަރުއެވެ. ހިއުންޑާއީ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަންގެ ކުރީގެ ޗީފް އެގްޒެކެޓިވްގެ މަގާމު އަދާކުރެއްވި ލީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވައި، ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކުން ރިޝްވަތު ނަގައި، އޭނާގެ ކުންފުންޏެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ވިދާޅުވެފައެވެ. ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުން ލީގެ މައްޗަށް އިއްވި 17 އަހަރުގެ ހުކުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތާއީދުކޮށް، އޭނާ އަނބުރާ ޖަލަށް ފޮނުވީ ދަށު ކޯޓަކުން ލީ ކަފާލާތުގެ ދަށުން ދޫކޮށްލުމުންނެވެ. އުމުރުން 81 އަހަރުގެ ލީ ވަގުތީ ގޮތުން ދޫކޮށްލީ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނުމުންނެވެ. ލީ ވެރިކަމުގައި ހުންނެވިއިރު، ދުނިޔޭގެ މާލީ ހީނަރުކަމުން ދެކުނު ކޮރެއާ ސަލާމަތްކޮށްދެއްވި ބޭފުޅެކެވެ. 1987 ވަނަ އަހަރު ދެކުނު ކޮރެއާ "ޑިމޮކްރަޓައިޒް" ކުރި ފަހުން، ވެރިކަން ކުރެއްވި އެއް ބޭފުޅަކު ފިޔަވައި އެހެން ހުރިހާ ރައީސުންގެ މައްޗަށް އެކި ކަހަލަ ކުށްތަކެއް ސާބިތުވިއެވެ. ނުވަތަ އާއިލާގެ އެންމެ ގާތް މެމްބަރެއްގެ މައްޗަށް ކުށް ސާބިތުވިއެވެ. ރިޝްވަތު ހިފުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް ޕާކް ގިއުން ހައި އަށް މިދިޔަ ޑިސެމްބަރު މަހު ވަނީ އެކަމަނާގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި މޫން ޖައި-އިންގެ ކިބައިން ރިޔާސީ މައާފެއް ލިބިވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ