މާލެ: 31°C

އިޒްރޭލުން ގައްޒާއަށް ފުލުފުލުގައި ހަމަލާދެނީ

January 28, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ގައްޒާއަށް ފުލުފުލުގައި ހަމަލާދެނީ
އިޒްރޭލުން ގައްޒާއަށް ފުލުފުލުގައި ހަމަލާދެނީ
އިސްރާއީލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދޭޏް ފަށާފައި މިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ނުވަ މީހަކު ޖެނިން ރެފިއުޖީ ކޭމްޕުގައި މަރާލިތަ އެއް ދުވަސް ފަހުންނެވެ. ގައްޒާގެ މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެ ސަރަހައްދުގެ މެދުގައި ހުންނަ އަލް މައާޒީ ރެފިއުޖީ ކޭމްޕަށް ހަމަލާދީފައިވާއިރު ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަދުވެގެން 13 ހަމަލާއެއް ދީފައިވެއެވެ. މީގެ އިތުރުން ގައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލްޒައިތޫން އަވަށުގެ އިތުރުން ގައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫންގެ އިރުމަތީގެ ސަރަހައްދަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަންޒަރު ދުށް މީހުންނާއި އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ މަތީ މަތިންދާބޯޓުތައް، ހަމަލާދިނުމުގެ ކުރިން އިސްރާއީލުގެ ޑްރޯންތަކުން ވަނީ ގައްޒާއަށް ދެ މިސައިލް ފޮނުވާލިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. 2.1 މިލިއަން މީހުން ދިރިއުޅޭ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމަށްވާ ގައްޒާއަށް ވައިގެ ހަމަލާތައް ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އިޒްރޭލާ ދިމާލަށް ދެ ރޮކެޓް ހަމަލާދިނުމުން ކަމަށް އިޒްރޭލުގެ ސިފައިން ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ރޮކެޓްތައް ހުއްޓުވާފައިވަނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ކަމަށެވެ. އިޒްރޭލުގެ ޗެނަލް 12 އިން ވަނީ ގައްޒާގެ އުތުރުން ގާތްގަނޑަކަށް 12 ކިލޯމީޓަރު (7 މޭލު) ދުރުގައި އޮންނަ އަޝްކެލޯން ސިޓީގެ މަތިން ރޭގަނޑު، އިސްރާއީލުގެ އިންޓަސެޕްޓާ މިސައިލްތައް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް ގެނެސްދީފައި ކަމަށެވެ. އިޒްރޭލަށް ދިން މި ރޮކެޓްތަކުގެ ޒިންމާ ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ވަނީ ނަގާފައެވެ. ހަމާސްގެ ތަރުޖަމާނު ހަޒީމް ގާސިމް މީގެ ކުރިން ވިދާޅުވެފައިވަނީ ގައްޒާގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ފަލަސްތީނުގެ ރައްޔިތުން ދިފާއުކުރަމުން ގެންދާނެ ކަމަށާއި އެ ޖަމާއަތްތަކަކީ ރައްޔިތުންގެ އައްޑަނައާއި ކަނޑީގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. 2021 ވަނަ އަހަރުގެ ކުރީކޮޅު އިސްރާއީލުން ހަމަލާތައް ވަރުގަދަކުރި ފަހުން ހުޅަނގު އައްސޭރީގައި ހިނގި އެންމެ ނުރައްކާތެރި އެއް ދުވަހުގެ ގޮތުގައި ސިފަކޮށްފައިވާ  ހާދިސާގައި ވެސް 20 މީހަކު ވަނީ ޒަހަމްވެފައެވެ. ގުދުސްގެ އުތުރުގައި އޮންނަ އަލްރާމް އަވަށުގައި ވެސް އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ގަޔަށް ބަޑި ޖަހާފައެވެ. މި އޮޕަރޭޝަނުގައި ޒަހަމްވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށާއި މަރުވި މީހުންގެ ތެރޭގައި ޖެނިން ހޮސްޕިޓަލްގެ އޮފިޝަލުން މަގްޑާ އޮބައިދު ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އަންހެނަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަގްޑާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގަޔަށް ބަޑިޖެހި ކުޑަދޮރުން ބޯ ދިއްކޮށްގެން ހުއްޓާ ކަމަށެވެ. ފަލަސްތީނުން ވަނީ ޖެނިން ހަމަލާއަކީ "ޖަރީމާއެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ