މާލެ: 31°C

އިޒްރޭލުން ސީރިޔާގެ އެއާޕޯޓަށް އަނެއްކާވެސް މިސައިލް ހަމަލާއެއް ދީފި

March 23, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ސީރިޔާގެ އެއާޕޯޓަށް އަނެއްކާވެސް މިސައިލް ހަމަލާއެއް ދީފި
އިޒްރޭލުން ސީރިޔާގެ އެއާޕޯޓަށް އަނެއްކާވެސް މިސައިލް ހަމަލާއެއް ދީފި
ސީރިޔާގެ އަލެޕޯ އެއާޕޯޓަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ އިޒްރޭލުން ހަ މަސް ތެރޭގައި އަލެޕޯ އެއާޕޯޓަށް ދިން ތިންވަނަ ހަމަލާއެވެ. ސީރިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ ސަނާއިން ނަން ހާމަނުކުރާ އަސްކަރީ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. އިޒްރޭލުގެ މަތިންދާބޯޓުތަކުން މިސައިލްތައް ފޮނުވާލީ މެޑިޓެރޭނިއަން ކަނޑުގެ މަތިން، ސީރިއާގެ އެންމެ ބޮޑު ސިޓީ އަދި ކުރިން އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ އަލެޕޯއާ ދިމާލަށް ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެއެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި އެންމެ ފަހުން ހިނގި ހާދިސާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެކޭ ބުނަން އިޒްރޭލުގެ އަސްކަރިއްޔާއިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަލެޕޯ އިންޓަނޭޝަނަލް އެއާޕޯޓް ވެފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު މަގެއްގެ ގޮތުގައެވެ. މިމަހުގެ ކުރީކޮޅު ސީރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އިޒްރޭލުން އަލެޕޯ އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައި ރަންވޭއަކަށް ގެއްލުންލިބިފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާތަކަކީ އީރާނާ ގުޅުން ހުރި ކަމަށް އިޒްރޭލުން ބުނާ ސީރިއާގެ ސައިޓްތަކާ ދެކޮޅަށާއި، ރައީސް ބައްޝާރުލް އަސަދަށް އެހީތެރިކަން ފޯރުކޮށްދޭ އީރާނުގެ ޖަމާއަތްތަކާއި ދެކޮޅަށް ދެމުންދާ ހަމަލާތަކެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ