މާލެ: 31°C

އިޒްރޭލު ސިފައިންގެ ޝިކާރައަކަށް މިފަހަރުވީ ޓީޗަރެއް

January 20, 2023
2 ފަހަރު ބަލާފައި
އިޒްރޭލު ސިފައިންގެ ޝިކާރައަކަށް މިފަހަރުވީ ޓީޗަރެއް
އިޒްރޭލު ސިފައިންގެ ޝިކާރައަކަށް މިފަހަރުވީ ޓީޗަރެއް
އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޖެނިންއަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރާލައިފިއެވެ. އުމުރުން 57 އަހަރުގެ ހަ ކުދިންގެ ބައްޕަ އަދި އެ ގައުމުގެ ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ ޖަވާދު ފަރީދު ބަވަކްނެހް މަރާލާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޖެނިން ރެފިއުޖީ ކޭމްޕްގައެވެ. އަދި ޖެނިން ބްރިގޭޑްސް އާމްޑް ރެސިސްޓެންސް ގްރޫޕްގެ 28 އަހަރުގެ ހަނގުރާމަވެރިއަކު ކަމަށްވާ އަދަމް ޖަބަރީން ވެސް ވަނީ މަރުވެފައެވެ. ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ޖަވާދު ފަރީދަކީ ޖެނިންގައި ހުންނަ ފިރިހެން ކުދިންގެ ހައި ސްކޫލެއްގެ ޓީޗަރެއް ކަމަށެވެ. އިޒްރޭލުން ހިންގި އެ އޮޕަރޭޝަންގައި އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން 70 އަށްވުރެ ގިނަ ހަތިޔާރު އެޅި އުޅަނދުތަކާއެކު އެ ސިޓީގެ އެތެރޭގައި ހުންނަ ޖެނިން ރެފިއުޖީ ކޭމްޕަށް ވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެމީހުން ކޭމްޕްވަށާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ފެށުނެވެ. މަންޒަރުދުށް ނޫސްވެރިއެއް ކަމަށްވާ އަލްސާދީ އަލްޖަޒީރާއަށް ބުނީ އިސްރާއީލު ސިފައިން، ކޭމްޕުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސިފައިން ވަނީ ގައްޒާގެ ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ހަތިޔާރު އެޅި ޖަމާއަތުގެ ލީޑަރު ހާލިދު އަބޫ ޒައިނޭހް ހައްޔަރުކުރަން މަސައްކަތްކޮށްފައެވެ. "އެ މީހުން އެ އާއިލާގެ ބައެއް ގެތައް ބަލައި ފާސްކޮށް އޭނާގެ ދެ ފިރިހެން ދަރިން ހައްޔަރުކުރި،" އަލް ސާދީ ބުންޏެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނީ ފަލަސްތީނުގެ ހަނގުރާމަވެރިން ގޭގައި ގޮއްވާލި ބޮމުގެ ހަމަލާގައި ސިފައިންގެ އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފަލަސްތީނުގެ ދެ މީހުންގެ މަރާއެކު މި އަހަރުއިސްރާއީލުގެ އަސްކަރިއްޔާއިން މަރާލި ފަލަސްތީނުގެ މީހުންގެ އަދަދު 17 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ ޖެނިންއަށް ނިސްބަތްވާ މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ