މާލެ: 31°C

ޔަހޫދީ އިޒްރޭލުން ބުނަނީ އިރާނަށް ރައްދު ހަމަލާނުދީ މަޑުން ނުތިބޭނެ ކަމަށް

April 17, 2024
2 ފަހަރު ބަލާފައި
ޔަހޫދީ އިޒްރޭލުން ބުނަނީ އިރާނަށް ރައްދު ހަމަލާނުދީ މަޑުން ނުތިބޭނެ ކަމަށް
ޔަހޫދީ އިޒްރޭލުން ބުނަނީ އިރާނަށް ރައްދު ހަމަލާނުދީ މަޑުން ނުތިބޭނެ ކަމަށް
ޔަހޫދީ އިޒްރޭލަށް އަމާޒުކޮށް އީރާނުން ދީފައިވާ ނުރައްކާތެރި ޙަމަލާތަކަށް ރައްދުނުދީ މަޑުން ނުތިބޭނެ ކަމަށް ބުނެފިއެވެ. އީރާނަށް ރައްދު ހަމަލާ ދިނުމުގެ ގޮތުން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރުމަށް ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން ތިން ބައްދަލުވުން މިހާތަނަށް ބާއްވާފައިވެއެވެ. ޔަހޫދީންގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަޓްޒީ ހަލަވީ ބުނީ, ޔަހޫދީ ފައުޖުން ރައްދުގައި އީރާނަށް ޙަމަލާދޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމުގައެވެ. އީރާނަށް ޙަމަލާދޭނެ ކަމަށް ހަލަވީ ބުނި ނަމަވެސް, ޔަހޫދީންގެ ގޮތްދޫނުކުރާ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އީރާނަށް ޙަމަލާ ދިނުމާ މެދު އިސްރާއީލުގެ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ޔަހޫދީންގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ބެންޖަމިން ނަތަންޔާހޫ ދެމި ހުރުމަށް އިސްރާއީލުގެ އާބާދީގެ ބޮޑު އިއްސައްތައެއް މިހާރު ދެކޮޅެވެ. އަދި, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އޭނާ އިސްވެ ހުރެ ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ވެސް ޔަހޫދީ ޢާންމުންގެ ގިނަ ބަޔަކު ނުރުހެއެވެ. އެއީ އިޒްރޭލަށް އޮތް ނުރައްކާ އެކަމުގެ ސަބަބުން އިތުރުވަމުން ދާތީ އާއި އިންސާނިއްޔަތުކަމާ ޚިލާފަށް އޭގެ އިންތިހާ އަނިޔާވެރިކަން ޔަހޫދީ ފައުޖުތަކުން އިހްތުޔާރުކޮށްފައިވާތީއެވެ. މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި މި ވަނީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާއި, އޭޕްރިލް 1 ވަނަ ދުވަހު ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. އީރާނުގެ ކޮންސިޔުލޭޓަށް ދިން ޙަމަލާގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލިއެވެ. 300 ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށް އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ޙަމަލާއެއް ދިނުމަކީ ޔަހޫދީންނަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ބުނެ, އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ޔަހޫދީންނަށް އިންޒާރު ދެއްވާފައެވެ. އަދި, ޙަމަލާއެއް ދީފި ނަމަ, ކުރިއަށްވުރެ ބާރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ވެސް އީރާނުން އިންޒާރު ދެއެވެ. އަދި ޖީ 7ގެ ގައުމުތަކުން އީރާނަށް އަދަބު ދޭނެކަމަށް ބުނެ ދިން އިންޒާރާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ އަލިފާނަށް ޕެޓްރޯލް އަޅާ ހުޅުގަނޑު ވަރުގަދަކުރަން އުޅޭ ކޮންމެ ބަޔަކާމެދު ޖެހުލުމެއް ނެތި އީރާނުން ކުރިމަތިލާނެ ކަމަށެވެ. އަދި އީރާނަކީ އެއްވެސް ގައުމެއްދެކެ ބިރުން ނުވަތަ ވަކި ބަޔަކު ދޭ އިންޒާރަކަށް ބިރުން ފަހަތަށް ޖެހި، ފިނޑިވާނެ ބައެއް ނޫނެވެ. އީރާނަށް ރައްދު ދިނުމުގެ ގޮތުން ޙަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ, އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަނާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ ޔަހޫދީންނަށް ނަސޭހަތްތެރިވެފައެވެ. އެމެރިކާއިން ވެސް ވަނީ, ރައްދުގައި އީރާނަށް ޙަމަލާ ދޭން ޔަހޫދީން ނިންމައިފި ނަމަ, އެމެރިކާއިން އެ ކަމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. އަދި, އެ ކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް, އީރާނުގެ ޙަމަލާތަކާ ގުޅިގެން އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އިޤުތިޞާދީ ގޮތުން އަޅާފައިވާ ފިއްތުންތައް ހަރުކަށި ކުުރާނެ ކަމަށް ބެލެވެއެވެ. މި ކަމުގައި ޗައިނާއިން ދެކޭ ގޮތް ތަފާތެވެ. ޗައިނާއިން ބުނެފައި ވަނީ, އީރާނުން އަމަލު ކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމުގައެވެ. އަދި, މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ގަބޫލު ކުރާ ކަމުގައި ވެސް ޗައިނާއިން ބުންޏެވެ. ރަޝިޔާއިން ބުނެފައިވަނީ އިޒްރޭލާ އެމެރިކާ ގުޅިގެން އީރާނަށް ހަމަލާއެއް ދީފިނަމަ އިރާނުގެ ދިފާއުގައި އެގައުމުން ނުކުންނާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ