އިޒްރޭލު ޖަލުގައި ހުރި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެ

އިޒްރޭލު ޖަލުގައި ހުރި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެ
ލިޔުން:
އިޒްރޭލްގެ ޖަލުގައި ހުރި ފަލަސްތީނުގެ ގައިދީއަކު މަރުވެއްޖެއެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އުމުރުން 50 އަހަރުގެ ނާސިރު އަބޫހްމައިދު މަރުވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށެވެ. އޭނާ މަރުވީ އިޒްރޭލްގެ ތެލްއަވީވް ކައިރީގައި ހުންނަ އައްސަފް ހަރޯފެހް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާގެ ހާލު ސީރިއަސްވެ ކޯމާއަކަށް ދިޔުމުން، ރަމްލާ ޖަލު ކްލިނިކުން ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ބަދަލުކުރީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ރަމަﷲ އާއި އަލްބިރޭހް ގަވަރުނަރޭޓްގައި ވަނީ އަބޫ ހުމޭދު މަރުވުމާ ގުޅިގެން ހިތާމަ ފާޅުކުރުމަށް ފިހާރަތަކާއި ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް ހަޅުތާލު ކޮށްފައެވެ.
އަބޫ ހުމައިދަށް ފުއްޕާމޭގެ ކެންސަރުގެ ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭނާ ހުރީ ކެންސަރުގެ އެންމެ އެޑްވާނަސް ސްޓޭޖްގައެވެ. އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އަބޫ ހުމައިދަށް ބޭސްފަރުވާ ދިނުން ލަސްކޮށްފައިވާ ކަމަށް ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ. ކެންސަރު ޖެހިފައިވާކަން އެނގުމުން އޭނާ ދޫކޮށްލަން އާއިލާގެ އިތުރުން ފަލަސްތީނުގެ ޖަމާއަތްތަކުން ގޮވާލިއެވެ. އާއިލާއިން ބޭނުންވީ އޭނާގެ އެންމެ ފަހުވަގުތުވެސް އެމީހުންނާއެކު ހޭދަކުރަަންށެވެ.
އަބޫ ހުމައިދަށް މިދިޔަ ސެޕްޓެމްބަރު މަހު ކީމޯތެރަޕީ ދިނެވެ. އޭގެ ފަހުން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ފުރާނެ ސަލާމަތްކުރަން ދެން އިތުރަށް ކުރެވޭނެ ކަމެއް ނުވަތަ ދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ. ހާލަތު ހުރިގޮތުން އޭނާ ވަގުތުން ދޫކޮށްލުމަށް ހޮސްޕިޓަލުން ލަފާދިނެވެ. ނަމަވެސް އޭގެ ފަހުންވެސް އޭނާ ހުރީ ޖަލުގައި ބަހައްޓާފައެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީ ދޫކޮށްލުމަށް އިޒްރޭލްގެ ކަމާބެހޭ ފަރާތްތަކުން އެދުނު އެދުމަށް އިޖާބާ ދީފައިނުވާ ކަމަށެވެ. އަބޫހުމައިދަކީ ފަތަހު ސިޔާސީ ޕާޓީގެ ހަތިޔާރު އެޅި ގޮފި، އަލްއަގްސާ ޝަހީދުންގެ ބްރިގޭޑްގެ ކުރީގެ ލީޑަރެކެވެ. އޭނާ އަކީ އިޒްރޭލުގެ މެދުތެރޭގެ ހުޅަނގު އައްސޭރީގެ ރާމަﷲ ގެ އަލް އަމާރީ ކޭމްޕްގައި ދިރިއުޅޭ ރެފިއުޖީންގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.
ފަލަސްތީނުގެ "ދެވަނަ އިންތިފާދާގައި" ދިން ހަމަލާތަކުގައި ނުވަތަ ބަގާވާތުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެ 2002 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ޖަލުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
