މާލެ: 31°C

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އިތުރު ދެ މީހަކަށް މަރުގެ އަދަބު!

January 8, 2023
2 ފަހަރު ބަލާފައި
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އިތުރު ދެ މީހަކަށް މަރުގެ އަދަބު!
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އިތުރު ދެ މީހަކަށް މަރުގެ އަދަބު!
އީރާނު ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްގެންދާ މުޒާހަރާތަކުގައި ޕެރަމިލިޓަރީ ބާސިޖް ފޯސްގެ މެމްބަރަކު މަރާލި ކަމުގެ ކުށް ސާބިތުވެ ދެ މީހަކު މަރުގެ އަދަބު ދީފިއެވެ. ޝަރުއީ ދާއިރާގެ ރަސްމީ ނޫސް އައުޓްލެޓުން ބުނި ގޮތުގައި މުހައްމަދު މެހްދީ ކަރަމީ އާއި މުހައްމަދު ހުސެއިނީގެ މައްޗަށް މަރުގެ އަދަބު ދީފައިވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުން "ކޮރަޕްޝަން އޮން އާތް" ކުށް ސާބިތުވެ ހުކުމް އިއްވިތާ އެތައް ދުވަހެއް ފަހުންނެވެ. ކަރަމީ އާއި ހުސެއިނީގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ތެހެރާން ކައިރީގައި އޮންނަ ކަރާޖް ސިޓީގައި ބޭއްވި މުޒާހަރާގައި ރުހުﷲ އަޖަމިއަން މަރާލި ކަމުގެ ތުހުމަތެވެ. އެ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑީއޯގައި ވަނީ ބަސިޖް ޔުނީފޯމް އަޅައިގެން ހުރި އަޖަމިއަން ބިންމައްޗަށް ވެއްޓިފައި އޮންނަ ތަނެވެ. ޝަރުއީ ދާއިރާއިން ބުނީ އޭނާގެ މަރުގެ މައްސަލާގައި 16 މީހަކު ހައްޔަރުކޮށްފައިވާ އިރު ކަރަމީ އާއި ހުސެއިނީ އަކީ އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ. ކޯޓުގައި ކަރަމީ ބުނީ އޭނާ އަޖަމިއަން އަށް ހަމަލާދިނީ ހިލައަކުން ކަމަށެވެ. އަދި ހުސެއީނީ ބުނީ ވަޅިން، އަޖަމިންއަށް އެކި ފަހަރު މަތިން ހަމަލާދިން ކަމަށެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ކޯޓުގައި ވަނީ ދައްކާފައެވެ. ހޮނިހިރު ދުވަހު އިއްވި މަރުގެ ހުކުމްތަކާއެކު މުޒާހަރާތަކުގައި މަރުގެ އަދަބު ދިން މީހުންގެ އަދަދު ވަނީ ހަތަރު އަށް އަރާފައެވެ. އެންމެ ފަހުން މަރުގެ އަދަބު ދީފައި މިވަނީ އިއުތިރާފުތައް މަޖުބޫރުކުރި ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ. އޮންލައިންކޮށް ދައުރުވަމުންދާ އޯޑިއޯއެއްގައި އުމުރުން 22 އަހަރުގެ ކަރަމީގެ ބައްޕަ ކަމަށް ބުނާ މީހަކު ބުނީ އޭނާގެ ދަރިފުޅަކީ ކުށެއް ނެތް ކުއްޖެއް ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކޮށް، އަޖަމިއަން މަރާލި ކަމަށް ބެލެވޭ ހެކިންނާ އިންޓަވިއުގެ ކްލިޕްތައް ވަނީ އާންމުކޮށްފައެވެ. މައްސަލައިގެ މައިގަނޑު ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަފުތާއެއްހާ ފަހުންނެވެ. ދައުވާ ކޮށްފައިވަނީ އޭގެ ނުވަ ދުވަސް ފަހުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ނުނިމި ހުރި ކަމަށް ބުނެ އިތުރު ތިން މީހަކު އިސްތިއުނާފު ކުރި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. ނަމަވެސް އެކި މައްސަލަތަކުގައި އިތުރު އެތައް ބައެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓާފައިވާއިރު އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެތައް ބަޔަކު މަރުގެ އަދަބު ތަންފީޒު ކުރުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ މުޒާހަރާތައް ފެށުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ތެހެރާނުގައި  ފުލުހުން ހައްޔަރުކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާ ގުޅިގެންނެވެ. ބޭރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ