މާލެ: 31°C

އީރާނާއި ސައުދީގެ ގުޅުން ހަތް އަހަރަށް ފަހު އިޔާދަކޮށްފި

March 11, 2023
2 ފަހަރު ބަލާފައި
އީރާނާއި ސައުދީގެ ގުޅުން ހަތް އަހަރަށް ފަހު އިޔާދަކޮށްފި
އީރާނާއި ސައުދީގެ ގުޅުން ހަތް އަހަރަށް ފަހު އިޔާދަކޮށްފި
މެދުއިރުމަތީގެ ސަރަހައްދީ ވާދަވެރިން ކަމަށްވާ އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން އެ ގުޅުން އާކުރަން އެއްބަސްވެއްޖެ އެވެ. އެކަން އިއުލާންކޮށްފައި މިވަނީ ޗައިނާގައި ދެ ފަރާތުގެ އިސް އޮފިޝަލުންގެ މެދުގައި ހަތަރު ދުވަސް ވަންދެން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. ސައުދީން އީރާންއާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ޝިއާ މުސްލިމުންމަރުގެ އަދަބު ދިނުމާ ގުޅިގެން، އީރާނުގެ ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަނދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ. 2014 ވަނަ އަހަރު ސައޫދީގެ ތާއީދު އޮތް ސަރުކާރު ވައްޓާލަން މަޖުބޫރުކުރި ޝިއާ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ތާއީދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއިން ވަނީ ހޫތީންނާ ދެކޮޅަށް ވަރުގަދަ ވައިގެ ކެމްޕޭނެއް ހިންގަމުންނެވެ. ސައުދީ އަރަބިއްޔާއިން ވެސް ވަނީ ހޫތީންނަށް ހަމަލާ ދިނުމަށް އީރާނުން އެހީވާ ކަމަށް ތުހުމަތުކޮށްފައެވެ. 2019 ވަނަ އަހަރު ސައުދީގެ ބޮޑެތި ތެޔޮ ފެސިލިޓީތަކަށް ޑްރޯން އާއި މިސައިލް ހަމަލާދީ، އުފެއްދުންތެރިކަމަށް ބުރޫ އެރިއެވެ. ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ބައިވެރިޔާ ވަނީ މި ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވާފައެވެ. މީގެ ކުރިން ސުލްހަ އަށް ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ހުކުރު ދުވަހު ސައުދީ އަރަބިއްޔާ އާއި އީރާނުން ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ދެ ގައުމުތަކުގައި ހުންނަ އެމްބަސީތައް ހުޅުވާނެ ކަމަށް ބުނެފައެވެ. އަދި ވިޔަފާރީގެ އަދި ސަލާމަތީ ގުޅުންތައް އަލުން ގާއިމުކުރާން އެއްބަސްވެފައެވެ. އެ ނިންމުމަށް ސަރަހައްދުގެ އެހެން ގައުމުތަކުގެ އިތުރުން އެމެރިކާއިން ވެސް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް ވޮޝިންޓަނުން ބުނެފައި ވަނީ އީރާނުން "ޒިންމާ އަދާކުރާނެ" ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނަށް އެންމެ ބޮޑަށް ޕްރެޝަރު ކުރުމަށް ގޮވާލާފައިވާ އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ