މާލެ: 31°C

އިންތިހާބީ ކޮމިޝަނަށް އިންޒާރުދިން ޕާކިސްތާނުގެ ލީޑަރަކު ހައްޔަރަށް

January 27, 2023
2 ފަހަރު ބަލާފައި
އިންތިހާބީ ކޮމިޝަނަށް އިންޒާރުދިން ޕާކިސްތާނުގެ ލީޑަރަކު ހައްޔަރަށް
އިންތިހާބީ ކޮމިޝަނަށް އިންޒާރުދިން ޕާކިސްތާނުގެ ލީޑަރަކު ހައްޔަރަށް
ހަމަނުޖެހުމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސް ސިޔާސީ ބޭފުޅަކު ހައްޔަރުކޮށްފިއެވެ. އެއާއެކު ގައުމުގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަން (އީސީޕީ)ގެ އޮފިޝަލުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ޕީޓީއައިގެ ނައިބު ރައީސް އަދި ކުރީގެ ފެޑެރަލް މިނިސްޓަރު ފަވާދު ޗައުދަރީ ހައްޔަރުކުރީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޕީޓީއައި އިން އަންނަނީ، ސިޔާސީ ގޮތުން މުހިންމު ޕްރޮވިންސެއް ކަމަށްވާ ޕަންޖާބުގެ އިންތިގާލީ ޗީފް މިނިސްޓަރުކަމަށް މުހްސިން ނަކްވީ އައްޔަން ކުރުމާ އެކު އިންތިހާބީ އިދާރާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިމްރާން ވަނީ މި މަހުގެ ކުރީކޮޅު ޕީޓީއައި ކޯލިޝަނުން ޕްރޮވިންސް ގާނޫނު ހަދާ މަޖިލިސް އުވާލަން އަންގަވައިފައެވެ. އޭގެ ހަތަރު ދުވަސް ފަހުން ހުޅަނގު އުތުރު ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ އެސެމްބްލީވެސް އެ ޕާޓީން ވަނީ އުވާލާފައެވެ. އެސެމްބްލީތައް އުވާލުމަކީ ޕާކިސްތާނުގައި އަވަސް އާންމު އިންތިހާބެއް ބޭއްވުމަށް އިމްރާން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ކުރެއްވި ކަމެކެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕާލަމެންޓުގެ އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވެ ވެރިކަމުން ދުރުކުރެއްވުމުން އިމްރާން ކުރައްވަމުން ގެންދަވާ ޑިމާންޑެކެވެ. ޕާކިސްތާނުގެ ގާނޫނު އަސާސީގައި ބުނެފައި ވަނީ އިންތިގާލީ ސަރުކާރެއް ގާއިމު ނުކުރެވިއްޖެނަމަ ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހެއް އުވާލާތާ ތިން މަސް ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕާކިސްތާނަކީ ތާރީހީ ގޮތުންނާއި ގައުމީ އަދި ޕްރޮވިންސް އިންތިހާބެއް އެކުގައި ބާއްވަމުން އަންނަ ގައުމެކެވެ. އެއީ ޕީޓީއައި އިން ބޭއްވި ދެ އެސެމްބްލީ އުވާލުމުގައި އުއްމީދު ކުރި ގޮތެވެ. އީސީޕީން އާ އިންތިހާބެއް އިއުލާނުނުކޮށް އޭގެ ބަދަލުގައި ޕަންޖާބު ޕްރޮވިންސްގެ އިންތިގާލީ ލީޑަރަކަށް ނަކްވީ ހަމަޖެއްސިއެވެ. މިފިޔަވަޅުގެ ސަބަބުން ޕީޓީއައިގެ ލީޑަރުން ވަނީ ޕޯލް ޕެނަލްއާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. "އީސީޕީން އަމަލު ކުރަނީ ކްލާކެއްގެ ގޮތުގައި. ސަރުކާރުގެ މީހަކު އީސީޕީއަށް ގުޅައިގެން އަމުރެއް ނެރެ، އީސީޕީ ކޮމިޝަނަރު، ކްލާކެއް ފަދައިން ހަމައެކަނި އެ އަމުރުގައި ސޮއިކޮށް ފާސްކުރަނީ،" ލާހޯރުގައި ހުންނަ އިމްރާން ދިރިއުޅުއްވާ ގެކޮޅު ބޭރުގައި އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޗައުދަރީ ވިދާޅުވިއެވެ. "އެހާ ނިކަމެތި ނަމަ ކީއްވެ މިތަނަށް އައީ؟ ގޭގޭގައި އިށީނދެވަޑައިގަންނަވާށޭ،" އެފަދަ އޮފިޝަލުންގެ ފަހަތުން އެ ބޭފުޅުން "ފަހަތުން" ވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅުންނަށް "އަދަބު" ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ އެފްއައިއާރު (ފަސްޓް އިންފޮމޭޝަން ރިޕޯޓް) ގައި ބުނެފައި ވަނީ އީސީޕީގެ އޮފިޝަލުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންނަށް އިންޒާރުދީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އަދި ދެއްކެވި ވާހަކަތަކުގެ ސަބަބުން އީސީޕީގެ މެމްބަރުންނަށާއި އެ މީހުންގެ އާއިލާތަކުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ