މާލެ: 31°C

އިންޑިއާއިން އުފެއްދި ސިރަޕެއް ބޮއެގެން އުޒްބެކިސްތާނު 18 ކުދިން މަރުވެއްޖެ

December 29, 2022
2 ފަހަރު ބަލާފައި
އިންޑިއާއިން އުފެއްދި ސިރަޕެއް ބޮއެގެން އުޒްބެކިސްތާނު 18 ކުދިން މަރުވެއްޖެ
އިންޑިއާއިން އުފެއްދި ސިރަޕެއް ބޮއެގެން އުޒްބެކިސްތާނު 18 ކުދިން މަރުވެއްޖެ
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ މެރިއަން ބަޔޯޓެކް ޕްރައިވެޓް ލިމިޓެޑުން އުފެއްދި ސިރަޕެއް ބޮއެގެން 18 ކުއްޖަކު މަރުވެފައިވާ ކަމަށް އުޒްބެކިސްތާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ނޭވާލާ ނިޒާމުގެ އެކިއުޓް ބައްޔެއްގެ ޝިކާރައަކަށްވެފައިވާ 21 ކުދިންގެ ތެރެއިން 18 ކުދިން މަރުވީ "ޑޮކް-1 މެކްސް ސިރަޕް" ބޭނުންކުރުމަށް ފަހު ކަމަށެވެ. އެ ސިރަޕަކީ ރޯގާ އާއި ރޯގާގެ އަލާމާތްތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ ސިރަޕެއް ކަމަށް ބޭސް ކުންފުނީގެ ވެބްސައިޓުގައި މާކެޓް ކުރެއެވެ. އެ ސިރަޕްގައި ސިރަޕްގެ ބެޗެއްގައި އެތިލީން ގްލައިކޯލް ހުރި ކަމަށާއި އެއީ ވިހަ މާއްދާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މި ސިރަޕް އުޒްބެކިސްތާނަށް އެތެރެކޮށްފައިވަނީ ގުރަމެކްސް މެޑިކަލް އެލްއެލްސީއި ކިޔާ ކުންފުންޏަކުން ކަމަށެވެ. އެ ބޭސް ބޭނުންކޮށްފައި ދީފައިވަނީ ޑޮކްޓަރުގެ ލިޔުމަކާ ނުލައެވެ. ނަމަވެސް ފާމަސިސްޓުންގެ ލަފާގެ މަތިންނެވެ. ނަމަވެސް ބޭސް ބޭނުންކުރަން ޖެހޭ ވަރަށް ވުރެ ގިނައިން ބޭނުންކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން، އުޒްބެކިސްތާނުން ނެރުނު ރިޕޯޓާ ބެހޭ ގޮތުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނި ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްޗެކޭ ބުނަން ވަނީ ދެކޮޅުހަދާފައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން ވަނީ އެ ގައުމުގެ ބައެއް ބޭސް ފެކްޓްރީތައް އިންސްޕެކްޓް ކުރަން ފަށާފައެވެ. އުޒްބެކިސްތާނުގައި ސިރަޕް ބޮއެގެން ކުދިން މަރުވެފައިވާއިރު ނިއު ދިއްލީގެ މެޑަން ފާމަސޫޓިކަލްސް ލިމިޓެޑުން އުފައްދާފައިވާ ކެއްސުމާއި ރޯގާގެ ސިރަޕްގެ ސަބަބުން ގެމްބިއާގެ 70 ކުއްޖަކު ވަނީ މީގެ ކުރިން މަރުވެފައެވެ. އެ ބޭސްތަކުގެ މައްސަލަތަކެއް އުޅޭ ކަމަށް އިންޑިއާ ސަރުކާރާއި އެ ކުންފުނިން ވެސް ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ކުދިން މަރުވި މީހުން ވަގުތުން އެނަލައިޒް ނުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާތީ އިހުމާލުވި ކަމަށް ބުނެ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ބައެއް "ސްޕެޝަލިސްޓުންނާ" މެދު ސުލޫކީ ފިޔަވަޅު ތައް އަޅާފައި ވަނީ ސްޕެޝަލިސްޓުންގެ ދައުރަކީ ކޮބައިކަން ބަޔާން ނުކޮށް ކަމަށް އެ ބަޔާނުގައި ވެއެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ބޭސް އުފައްދާ ގައުމެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ ފާމަސޫޓިކަލް އެކްސްޕޯޓް ވަނީ ދެ ގުނަ އިތުރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ