މާލެ: 31°C

އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިޔުން: 27 މީހެއްގެ ހަށިގަނޑު ހޯދައިފި

July 24, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިޔުން: 27 މީހެއްގެ ހަށިގަނޑު ހޯދައިފި
އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިޔުން: 27 މީހެއްގެ ހަށިގަނޑު ހޯދައިފި
އިންޑިއާގެ ހުޅަނގުގެ އަވަށެއްގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުނު އެތައް ބަޔަކު ހޯދުމުގެ މަސައްކަތުގެ ހަތަރު ވަނަ ދުވަސް ކުރިއަށް ދާއިރު މަރުވެފައިވާ 27 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އޮފިޝަލަކު ބުނެފިއެވެ. މަހާރާޝްތުރާ ސްޓޭޓްގެ ވެރިރަށް މުމްބާއީއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ރައިގަދް ޑިސްޓްރިކްޓްގެ އިރްޝަލްވާދީ އަވަށަށް ބުދަ ދުވަހުގެ ރޭ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގެ ފަހުން 78 މީހުން އަދިވެސް ނުފެނެއެވެ. އޮފިޝަލުން ވިދާޅުވީ އެ އަވަށުގެ 48 ގެއެއްގެ ތެރެއިން 17 ގެއެއް ވަނީ ވަޅުލެވިފައި ކަމަށެވެ. "މިހާތަނަށް 27 މީހެއްގެ ހަށިގަނޑު ހޯދިފައިވޭ، އަދިވެސް ގާތްގަނޑަކަށް 50-60 މީހުން ގެއްލިފައިވޭ، އެކަމަކު އެ ތަނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި،" އާދީއްތަ ދުވަހު އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ރައިގަޑްގެ އޮފިޝަލް ޔޮގޭޝް މާސޭ ވިދާޅުވިއެވެ. ހިލްޓޮޕް ލޮކޭޝަނާއި އުނދަގޫ ސަރަހައްދުތަކުގެ ސަބަބުން މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް އޮފިޝަލުން ބުނެއެވެ. ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް)ގެ ޕްރަމޯދު ކުމާރު ސިންގް އޭއެންއައިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަރު ސާމާނު ނުގެންދިއުމުގެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ މެނުއަލްކޮށް ކަމަށެވެ. ފަރުބަދައިގެ އަޑިން ފައިމަގުން އިރުޝަލްވާދީއަށް ދިއުމަށް ގާތްގަނޑަކަށް 90 މިނެޓު ހޭދަވެއެވެ. ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނު ކަމަށް އޮފިޝަލުން  ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި 75 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ބުންޏެވެ. އަދި ހަތަރު މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ފާއިތުވި ހަފުތާގައި މަހާރާޝްތުރާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސްޓޭޓް އެލާޓަށް ގެނެސްފައެވެ. ބައެއް ސަރަހައްދުތަކުގައި ރޭލުގެ ހިދުމަތް މެދުކެނޑި، ސްޓޭޝަންތަކުގެ ތެރެއާއި ޓްރެކްތަކުގެ މަތިން ފެން ވަދެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ. އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ފާއިތުވި ތިން ހަފުތާގެ ތެރޭގައި ވިއްސާރާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ