މާލެ: 31°C

އިންޑިއާގައި ބިންގަނޑު ކަނޑައިގެން ގޮސް 20 މަރު، އެތައް ބަޔަކު ތާށިވެފައި

July 22, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ބިންގަނޑު ކަނޑައިގެން ގޮސް 20 މަރު، އެތައް ބަޔަކު ތާށިވެފައި
އިންޑިއާގައި ބިންގަނޑު ކަނޑައިގެން ގޮސް 20 މަރު، އެތައް ބަޔަކު ތާށިވެފައި
އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ އަވަށެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 20 މީހުން މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުން ތާށިވެއްޖެއެވެ. ބުދަ ދުވަހުގެ ރޭ ރައިގަޑް ޑިސްޓްރިކްޓްގެ އިރުޝާލްވާދީ އަވަށުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް ގެތައް ވަނީ ފުނޑުފުނޑުވެފައެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމަށް ފަހު ބުރާސްފަތި ދުވަހުގެރޭ އަލުން ފަށާފައެވެ. އޮފިޝަލުން ބުނާ ގޮތުގައި ޑިޒާސްޓާ "ސްޕޮޓް" ހުރީ ފަރުބަދައެއްގެ މަތީގައި ކަމަށާއި އުނދަގޫ ސަރަހައްދުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. މަހާރާޝްތުރާ ސަރުކާރުން ބުނީ 105 އެއްހާ މީހުން އަދިވެސް ގެއްލިފައިވާ ކަމަށެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިންޑިއާގެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައިގަޑް ޑިސްޓްރިކްޓް ހިމެނޭ ގޮތަށް މަހާރާޝްތުރާ ސްޓޭޓްގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ބުދަ ދުވަހު ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ ފަރުބަދައެއްގެ އުސްފަސްގަނޑުގައި އޮންނަ އަވަށަކަށެވެ. އެ ސަރަހައްދުގެ 50 ގެއެއްގެ ތެރެއިން ގާތްގަނޑަކަށް 17 ގެއަކަށް ވަނީ ގެއްލުންވެފައެވެ. މަންޒަރު ދުށް މީހުން "ބީބީސީ މަރާތީ" އަށް މައުލޫމާތު ދެމުން ބުނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ އެމީހުންގެ އަވަށަށް ހިނގާފައިވަނީ އިންޑީއާ ގަޑިން 22:30 ހާއިރު ކަމަށެވެ. "މިއީ [ބިންގަނޑު ކަނޑައިގެން ދިއުން] މީގެ ކުރިން މިތަނުގައި ހިނގާފައި ނުވާ ކަމެއް. ފަރުބަދަ ވެއްޓޭނެ ކަމަށް ދުވަހަކުވެސް ހީއެއް ނުކުރަމެވެ. އެހެންވެ އެތަނުގައި މީހުން އުޅުނީ،" އެހެން މީހަކު ބުންޏެވެ. އަދިވެސް ގިނަ ބަޔަކު ދަނީ އާއިލާގެ މީހުން ހޯދަމުންނެވެ. ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ އުސްފަސްގަނޑުގެ ސަބަބުން ޖޭސީބީ ފަދަ ބަރު މެޝިންތަކަށް އެ ތަނަށް ދިއުމަށް ދަތިތަކެއް ކުރިމަތިވަމުންދާއިރު އޮފިޝަލުން ބުނަނީ ބޮޑު ބައެއް މެނުއަލްކޮށް ސާފުކުރަން ޖެހިފައިވާ ކަމަށެވެ. އެންޑީއާރްއެފްގެ ޓީމްތަކާއި ފުލުހުންނާއި މެޑިކަލް ޓީމްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފަރުބަދައިގެ އަޑީގައި ރިލީފް ކޭމްޕްތައް ގާއިމުކޮށްފައިވާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 98 ވަރަކަށް މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ