މާލެ: 31°C

އައިއެމްއެފްގެ ޝަރުތުތަކަށް ޕާކިސްތާނުން އެއްބަސްވެއްޖެ

February 10, 2023
2 ފަހަރު ބަލާފައި
އައިއެމްއެފްގެ ޝަރުތުތަކަށް ޕާކިސްތާނުން އެއްބަސްވެއްޖެ
އައިއެމްއެފްގެ ޝަރުތުތަކަށް ޕާކިސްތާނުން އެއްބަސްވެއްޖެ
އިގްތިސާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި 1.1 ބިލިއަން ޑޮލަރުގެ މާލީ އެހީ ދޫކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަނޑައެޅި ޝަރުތުތަކާ މެދު ޕާކިސްތާނުން އެއްބަސްވެއްޖެއެވެ. ސަރުކާރާ އެކު 10 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އައިއެމްއެފްގެ ޓީމެއް މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުން ފުރައިގެން ދިޔައިރު، ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ވިދާޅުވީ ފައިސާ ލިބުން ލަސްވީ "ރޫޓިން ޕްރޮސީޖާސް" ތަކެއްގެ ސަބަބުން ކަމަށެވެ. ޕާކިސްތާނުން 2019 ވަނަ އަހަރު އައިއެމްއެފްއާއެކު ހަ ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއްގައި ސޮއިކުރިއިރު، އޭގެ އެއް އަހަރު ފަހުން އިތުރު 1 ބިލިއަން ޑޮލަރު ވަނީ އެ ޕްރޮގްރާމަށް އިތުރުކޮށްފައެވެ. ޑިސެމްބަރު މަހުން ފެށިގެން ފުރަތަމަ ފަހަރަށް 1.1 ބިލިއަން ޑޮލަރު ދެއްކުން ވަނީ ހުއްޓިފައެވެ. "ބޮޑުވަޒީރު ވިދާޅުވި އަޅުގަނޑުމެން މިތިބީ ކޮމިޓްވެފައި... ޓީމުތަކުގެ މެދުގައި އެއްބަސްވެފައިވާ ކޮންމެ ކަމެއް ތަންފީޒު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ދާރު ވިދާޅުވިއެވެ.. އަދި ޕާކިސްތާނުގެ ތާރީހުގައި ވެސް އައިއެމްއެފްގެ ދެވަނަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާކިސްތާން އައިއެމްއެފްގެ މިޝަން ޗީފް ނަތަން ޕޯޓާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާން ސަރުކާރާއެކު ބޭއްވި މަޝްވަރާތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ދާރު ވިދާޅުވީ އައިއެމްއެފުން ޑިމާންޑްކުރި ފިސްކަލް ފިޔަވަޅުތައް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާއި އޭގެ ތެރޭގައި އާ ޓެކްސްގެ ޒަރިއްޔާއިން 170 ބިލިއަން ޕާކިސްތާން ރުޕީސް (627 މިލިއަން ޑޮލަރު) ހޯދުން ހިމެނޭ ކަމަށެވެ. މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން  ފޮރިން އެކްސްޗޭންޖް ރިޒާވް ވަނީ 2.9 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރިޒާވް 20 ދުވަހަށް ވުރެ ކުޑަ މުއްދަތަކަށް ދެމިއޮންނާނެ ކަމަށާއި އައިއެމްއެފްގެ ފައިސާ ދެއްކުން ލަސްވެއްޖެނަމަ އެކަމުގެ ސަބަބުން ނޭދެވެ ނަތީއްޖާތަކެއް ނިކުންނާނެ ކަމަށެވެ. ރިސާޗް ފާމް ކޮލެކްޓިވް ފޯ ސޯޝަލް ސައިންސް ރިސާޗްގެ ކަރާޗީގެ އިކޮނޮމިސްޓެއް ކަމަށްވާ އައްސަދު ސައީދު އަލްޖަޒީރާއަށް ވިދާޅުވީ އައިއެމްއެފް އާއި ސަރުކާރުން ވެސް މަޝްވަރާތަކާ މެދު "އާދަޔާ ހިލާފަށް ރަނގަޅު" ކަމަށް ފެންނަ އިރު، ކުރިއަށް އޮތް ހަފުތާ އަކީ ޕާކިސްތާނަށް ވަރަށް މުހިންމު ހަފުތާއެއް ކަމަށެވެ. "ވަރަށް ގިނަ ނިންމުންތަކެއް ނިންމަން ޖެހޭ، ވީހާވެސް އަވަހަކަށް އެ ކަންކަން ކުރަން ޖެހޭ، އޭގެ ސަބަބުން ކުރިއަށް އޮތް ހަފުތާ އެހާ މުހިންމުވޭ. އައިއެމްއެފްއިން އެދޭ ގޮތަށް ސަރުކާރުން ކަންކަން ކޮށްފިނަމަ، އެބޭފުޅުންގެ އެއްބަސްވުން އެކުލަވާލާނެ. އެކަމަކު އެކަން ނުކޮށްފިނަމަ އެއީ ގައުމަށް ރަތް ސިގްނަލަކަށް ވާނެ." އައްސަދު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ