އެމެރިކާގެ ތާރީޚުގައި މިހާތަނަށް ރިޔާސީ އިންތިހާބެއްގައި އެއް ކެންޑިޑޭޓަކު އެންމެ ގިނަ ވޯޓު ހޯދައިގެން، ކުރިއަށް ހަތަރު އަހަރު އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޖޯ ބައިޑަން ވަނީ އެމެރިކާގެ ތާރީޚުގެ ތެރެއަށް ވަދެފައެވެ. މިއީ އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ނުފޫޒު ގަދަ ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޓީމަށް ސިހުން ގެނުވި ކަމެކެވެ. މީގެ ކުރިން ރަތްކުލަ ޑޮމިނޭޓު ކުރަމުން ގެންގޮސްފައިވާ ބައެއް ސިޓީތަކުން ނޫކުލައިގެ ބައިޑަން ޓީމުގެ ރޭވުންތެރިކަމުން ވަނީ އެފަރަގު ބޮޑުތަނުން ކުޑަކޮށްފައެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ބައިޑަންގެ ކެމްޕޭނު ކާމިޔާބުކޮށް، ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ ވަރުގަދަ ސިކުނޑިއަކީ އެންމެ އިސް މޭސްތިރިއަކީ ކާކު ހެއްޔެވެ؟ އެއީ އަންހެނެކެވެ. ނަމަކީ ޖެނިފާ (ޖެން) އޯ މަލީ އެވެ. އެއީ ރޭވުންތެރި ހިކުމަތްތެރި ވަރުގަދަ ސިކުނޑިއެކެވެ. ޖޯ ބައިޑަންގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހުރެ، އޭނާ ގެންދަނީ ނަމޫނާ ދައްކަމުންނެވެ. ސުލްހަވެރި ނުފޫޒު ގަދަ ކެމްޕޭނެއް ހިންގައިގެން މުޅި އެމެރިކާ ވަނީ ހޭލައްވާލާފައެވެ. ނަތީޖާ ކޮންމެ ކޮޅަކަށް ބުރަވިއަސް، ޖޯ ބައިޑަން އާއެކު އޭނާ ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.

އޭނާއަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ ހިތްތިރި އަންހެނެކެވެ. އޭނާ ހައި ސްކޫލު ނިންމާފައިވަނީ 1990 ގެ ކުރީކޮޅު ފްރޭންކަލިން ހައި ސްކޫލުންނެވެ. ޔުނިވާސިޓީ ތައުލީމު ހާސިލުކުރުމަށް ފަހު، މާކެޓިން ފާމެއް އުފައްދައިގެން ދިރިއުޅެމުން ގެންދަނީ ވޮޝިންޓަން ޑީސީގައެވެ.
އޭނާގެ މަންމަ ކެތަރިން ވަނީ އޯކް ސްޓްރީޓް އެލެމެންޓަރީ ސްކޫލުގެ ސެކަންޑް ގްރޭޑްގެ ޓީޗަރުކަން ކޮށްފައެވެ. ބައްޕަ ކެވިން ވަނީ ފްރޭންކްލިން ހައި ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ބެންޖަމިން ފްރޭންކްލިން ކްލަސިކް ޗާޓަރ ޕަބްލިކް ސްކޫލުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަ އަހަރު ހޭދަކޮށްފައެވެ. އަދި އޭނާގެ ފިރިމީހާ ޕެޓްރިކް ޑިލަން އާއުއެކު 3 ދަރިން ތިބެއެވެ.

ބައިޑަންގެ ކެމްޕޭން މެނޭޖަރު ޖެން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ އޭނާގެ އެންމާބަނޑު ދެ ދަރިންނަށް ބަލިވެ އިން ދުވަސްވަރު، ބަރަކު އޮބާމާ ދެވަނަ ދައުރަކަށް އިންތިހާބުކޮށްދިން ކެމްޕޭން ޓީމުގެ ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ހުރެ ކުރި ތަފާތު މަސައްކަތްތަކާއި ރޭވުންތެރިކަމުގެ ސަބަބުންނެވެ. އޮބާމާ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ފުރަތަމަ ކެމްޕޭނުގައިވެސް އޭނާ އިސްކޮށް ހަރަކާތްތެރިވިއެވެ. އަދި ޖޯން އެޑްވަޑްސް އާއި އަލް ގޯ ގެ ޕީއާރު މަސައްކަތުގައިވެސް ކުރިން ހަރަކާތްތެރިވެފައިވެއެވެ.
އޭނާގެ އެއްމާބަނޑު ދެ އަންހެން ދަރިން ވިހެއީ އޮބާމާ ދެވަނަ ދައުރަކަށް އިންތިހާބުވިތާ ހަފުތާއެއް ފަހުންނެވެ. ވިހެއީ ދުވަސް ފުރައި، ދުވަސްތަކެއް ފާއިތުވެގެން ދިޔަ ފަހުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ ދުވަސް ފުރުމުންވެސް ވިހެއުން ލަސްވެ ދިގުލައި ގޮސްފައިވަނީ ކެމްޕޭނުގެ ދުވަސްވަރު ޖެން އަށް ކުރިމަތިވި ހާސްކަމާއި ޕްރެޝަރުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން، 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންގެ މުޅި ކެމްޕޭން އޮތީ އޭނާގެ ސިކުނޑީގައެވެ. ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި މުޅި ޓީމު މެނޭޖުކުރަމުން ގެންދިޔައީ އޭނާއެވެ. އޭނާ އެމެރިކާގެ މީޑީޔާތަކުގައި ބުނެފައިވަނީ އެފަހަރުގެ ކެމްޕޭނުގައި އޭނާ ބޮޑަށް ބެލީ ހަގީގީ ޕަބްލިކް ރިލޭޝަންގެ މާނަ އެމެރިކާގެ ރައްޔިތުންނަށް ތަރުޖަމާކޮށްދޭށެވެ.
ދަރިމައިވުމުގެ ސަބަބުން އާއިލާއަށް ގިނަ ވަގުތު ދިނުމުގެ ގޮތުން ސިޔާސީ ސީރިއަސް އިސް ހަރަކާތްތަކާ އޭނާ ވަނީ ދުރައްޖެހިލާފައެވެ. އެހެންނަމަވެސް އެމެރިކާއާއި އެމެރިކާއިން ބޭރުގެ މަޝްހޫރު ޕީއާރް ފާމްތަކުގެ އަމިއްލަ ކޮންސަލްޓެންޓެއްގެ ގޮތުގައި މިހާރު ވެސް މުހިއްމު އަދި ބޭނުންތެރި މަސައްކަތްތައް ކޮށްދެމުންގެންދެއެވެ.