މާލެ: 31°C

ހިޔަޅުގެ ވާހަކައިން ލިބޭ ޢިބުރަތް

April 11, 2023
2 ފަހަރު ބަލާފައި
ހިޔަޅުގެ ވާހަކައިން ލިބޭ ޢިބުރަތް
ހިޔަޅުގެ ވާހަކައިން ލިބޭ ޢިބުރަތް
ހިލަގަނޑެއް ވެއްޓި ހިޔަޅެއްގެ ނިގޫ ބުރިވިއެވެ. މިމަންޒަރު ފެނުމުން އެހެން ހިޔަޅެއް މިހިޔަޅު ކައިރީގައި ނިގޫ ބުރިކޮށްލީ ކީއްވެތޯ އެހުމުން ހިޔަޅު ބުންޏެވެ. ނިގޫ ބުރިކޮށްލުން އެއީ ހާދަހާ ބޮޑު ހިތްހަމަޖެހުމަކާއި އަރާމެއް ލިބޭކަމެކެވެ. އަވަހަށް އަނެއް ހިޔަޅު އޭތީގެ ނިގޫވެސް ބުރިކޮށްލިއެވެ. އެޅި ވޭނާއި ވީ ތަދާއެކު ރޮމުން ރޮމުން އައިސް އަނެއް ހިޔަޅު ގާތުގައި ބުންޏެވެ. ތިބާ އަހަރެންނަށް ދޮގު ހެދީ ކީއްވެހެއްޔެވެ؟ ހިޔަޅު ބުންޏެވެ. ތިބާ ނިގޫ ބުރިކޮށްލުމުން ތިޔަވީ ތަދުގެ ވާހަކަ އެހެން ހިޔަޅުތަކަށް ޚަބަރު ކޮށްފިނަމަ އޭގެ އެކަކުވެސް ނިގޫ ބުރިކޮށް ނުލާނެ އެވެ. އަދި އަހަރެމެންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާނެއެވެ. އެއަށްފަހު މިދެހިޔަޅާއި ދިމާވި ކޮންމެ ހިޔަޅަކަށް ނިގޫ ބުރިކޮށްލުމުން ލިބޭ އަރާމާއި އުފަލުގެ ވާހަކަ ބުނަމުން ގޮސް އެސަހަރުގެ ގިނަ ހިޔަޅުތަކަކީ ނިގޫ ނެތް ހިޔަޅުތަކެއް ކަމުގައި ވެއްޖެއެވެ. އަދި މިސޮރުމެންނާއި ދިމާވާ ކޮންމެ ނިގޫ ހުރި ހިޔަޅަކަށް މަލާމާތްކޮށް ފުރައްސާރަ ކޮށް ހަދަމުންދާން ފަށައިފިއެވެ. ފަހެ ތަނެއްގައި ފަސާދަ ޢާއްމު ވެއްޖެ ނަމަ، މީސްތަކުން ހެޔޮކޮށް އުޅޭ މީހުންނަށް އެމީހުން އެކަމުގައި ޘާބިތުވެ ތިބިކަމުގެ މައްޗަށް މަލާމާތްކޮށް، ފުރައްސާރަކޮށް، ޖޯކުޖަހައި ހަދާނެތެވެ. އަދި އެބައިމީހުންނީ މީހުން ހީސަމާސަކޮށް ހަދާ މޮޔައިން ކަމުގައި ހަދާނެތެވެ. ކަޢްބު ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއަދު ފާޖިރަކު އޭނާގެ ކިބައިގައި ހުރި ފާޖިރު ކަމާމެދު އޭނާއަށް މަލާމާތްކޮށް ހެދޭ ފަދައިން، ތިބާއަކީ ފިޤްހު ވެރި ބޭކަލެކޭ ކިޔައި މުއުމިނު މީހާ އޭނާގެ އީމާންތެރިކަމުގެ މައްޗަށް އޭނާއަށް މަލާމާތްކުރެވޭ ޒަމާނެއް ފަހެ މީސްތަކުންގެ މައްޗަށް އަންނާނެއެވެ.” ފަސާދަ ވެފައިވާ މުޖްތަމަޢެއްގައި، ހެޔޮކޮށް އުޅޭ މީހުންގެ ކިބައިން މަލާމާތްކޮށް ޖޯކުޖަހައި ހަދަން އެބައިމީހުންނަށް ތުހުމަތެއް ނުފެނިއްޖެނަމަ، މަލާމާތްކޮށް ހަދާނީ އެމީހުންގެ ކިބައިގައި ހުރި އެންމެ ރަނގަޅު ސިފައާމެދުއެވެ. وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ  إِنَّهُمْ أُنَاسٌ يَتَطَهَّرُونَ- الأعراف 72 “އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެ މީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ:  ލޫޠުގެފާނާއި، އެކަލޭގެފާނަށް އީމާންވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ. ހަމަކަށަވަރުން، އެއުރެންނަކީ، ޠާހިރުވެގަންނަ ބަޔެކެވެ. ވިސްނާލަބަލާށެވެ. މިތަނުގައި އެކަލޭގެފާނަށާއި އެކަލޭގެފާނަށް އީމާންވަންވީ މީހުންނަށް އެ މަލާމާތްކުރީ އެކަލޭގެފާނާއި އެކަލޭގެފާނަށް އީމާންވިމީހުން އެ ނުބައި ފާޙިޝް ޢަމަލު ނުކުރާތީ އެވެ. މަލާމާތް އެކުރީ ރަނގަޅުކަންކަން ކުރާތީއެވެ. ފާޖިރުން ގިނަވެއްޖެ ތަނެއްގައި މަލާމާތް ކުރާނީ ތަޤްވާވެރިންނަށެވެ. އެއީ ނިގޫ ބުރި ހިޔަޅު ގިނަތަނެއްގައި ނިގޫ ހުރި ހިޔަޅަށް މަލާމާތްކުރާ ބީދައިންނެވެ. ވާހަކައިން ޢިބުރަތް ޙާޞިލްކުރާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ