މާލެ: 31°C

ހިޔާޓަވަރުތަކުގައި ލޭބަރކުއާޓަރ ގިނަވެ ލިފްޓަށް ބާރުބޮޑުވަނީ!

May 19, 2024
2 ފަހަރު ބަލާފައި
ހިޔާޓަވަރުތަކުގައި ލޭބަރކުއާޓަރ ގިނަވެ ލިފްޓަށް ބާރުބޮޑުވަނީ!
ހިޔާޓަވަރުތަކުގައި ލޭބަރކުއާޓަރ ގިނަވެ ލިފްޓަށް ބާރުބޮޑުވަނީ!
ހިޔާ ޓަވަރ ތަކުގެ އެޕާޓްމަންޓް ތަކަކީ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ގޮތުގައި ސަރުކާރުން ހިންގި ޕްރޮގުރާމެއްގެ ތެރެއިން ޙަވާލުކޮށްފައިވާ އެޕާޓްމަންޓް ތަކަކަށްވާތީ، އެ އެޕާޓްމަންޓްތައް އެހެންފަރާތަކަށް ކުއްޔަށް ދިނުމަކީ އެޕާޓްމަންޓް ޙަވާލުކުރުމުގެ އެއްބަސްވުމުގެ ދަށުން މަނާކަމެކެވެ. އެއްބަސްވުމުގެ ދަށުން އެޕާޓްމަންޓް އެހެން ފަރާތަކަށް ކުއްޔަށްދިނުމަކީ މަނާކަމެއް ނަމަވެސް އެކި އެކި ސަބަބު ތަކާހެދި  އެޕާޓްމަންޓް ލިބުނު ބައެއް ފަރާތްތަކުން ދަނީ ކުއްޔަށް ދެމުންނެވެ. އެޕާޓްމަންޓް ކުއްޔަށް ދޭންޖެހޭ ވެސް ސަބަބުތަކެއް ހުރިކަން އެޕާޓްމަންޓް ލިބުނު ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އޭގެތެރޭގައި ހިޔާ ގެ އެޕާޓްމަންޓް ތަކަކީ 2 ކޮޓަރީގެ އެޕާޓްމަންޓް ތަކަކަށްވުމުން 2 ޖިންސްގެ ބޮޑެތި ދަރިން ތިބި ފަރާތްތަކަށް މަދުވެގެން 3 ކޮޓަރި ހުންނަ އެޕާޓްމަންޓްއެއްގައި ދިރިއުޅެން މަޖުބޫރުވާކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން އެފަދަފަރާތްތަށް ހިޔާޓަވަރުން ލިބުނު އެޕާޓްމަންޓް ކުއްޔަށްދިނުމަށްފަހު ތަނަވަސް އެޕާޓްމަންޓެއް ކުއްޔަށް ހިފަނީކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި އެކިއެކި ސަބަބު ތަކާހެދި މާލޭގައި ދިރިއުޅެން ޖެހިފައިވާ ބައެއްފަރާތްތަށްވެސް އެފަރާތްތަކަށް ލިބުނު ހިޔާގެ އެޕާޓްމަންޓް ކުއްޔަށްދޫކޮށްފައި މާލޭގައި ދިރިއުޅެމުންގެންދެއެވެ. ހިޔާ ޓަވަރުތައް 25 ބުރިއަށް އިމާރާތްކޮށްފައިވާއިރު 24 ބުރީގައި ހުންނަނީ މީހުން ދިރިއުޅުމަށް ހާއްސަކޮށްފއި ހުންނަ އެޕާޓްމަންޓްތަކެވެ. އެގޮތުން ބައެއް ޓަވަރ ތަކުގައި 384 އެޕާޓްމަންޓް ހުރެއެވެ. 384 އެޕާޓްމަންޓް ހުންނަ ޓަވަރ ތަކުގައި ހުންނަނީ 3 ލިފްޓް އެވެ. އަދި ބައެއް ޓަވަރ ތަކުގައި 480 އެޕާޓްމަންޓް ހުންނައިރު 480 އެޕާޓްމަންޓް ހުންނަ ޓަވަރ ތަކުގައި 4 ލިފްޓް ހުރެއެވެ. އެޕާޓްމަންޓް އެއްގެ އެވްރެޖް ޑެންސިޓީ އަކީ 5 މީހުން ކަމަށްބަލާނަމަ 384 އެޕާޓްމަންޓް ހުންނަ ޓަވަރެއްގައި 1920 މީހުން ދިރިއުޅޭނެއެވެ. އަދި 480 އެޕާޓްމަންޓް ހުންނަ ޓަވަރެއްގައި 2400 މީހުން ދިރިއުޅޭނެއެވެ. ދިވެހި ރާއްޖޭގައި މީހުންދިރިއުޅޭ 187 ރަށް އޮންނައިރު އޭގެ ތެރެއިން 1920 އަށްވުރެ ގިނައިން މީހުން ދިރިއުޅޭ އޮތީ 22 ރަށެވެ. އަދި 2400 އަށްވުރެ ގިނަ މީހުން ދިއުޅޭ އޮތީ 15 ރަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ %90 ރަށުގައި މީހުން ދިރިއުޅެނީ ހިޔާގެ ޓަވަރެއްގައި ދިރިއުޅޭ މީހުންނަށްވުރެ މަދުންނެވެ. އެހެންކަމުން އެހާ ބޮޑު އާބާދީ އެއް ހިޔާގެ ކޮންމެ ޓަވަރެއްގައި ދިރިއުޅޭއިރު އެޓަވަރު ތަކުގައި ދިރިއުޅޭ ފަރާތްތަކުން ދިރިއުޅޭ އެޕާޓްމަންޓަށް ވަންނަން 3 ނުވަތަ 4 ލިފްޓް ހުރުމަކީ މިހާރުވެސް އެފަރަތްތަކަށް ނުހަނު ބޮޑު ތަކުލީފަކަށްވެފައިވާއިރު ހިޔާ ޓަވަރު ތަކުގެ އެޕާޓްމަންޓްތައް ލޭބަރކުއާޓަރ ގެ ގޮތުގައި ހިންގުން ނުވަތަ އެފަދަ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ކުއްޔަށް ދިނުމަކީ އެ ޓަވަރ ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލިފްޓް ބޭނުންކުރުމަގައި އިތުރު ތަކުލީފް ތަކަކާއި ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. ލޭބަރ ކުއާޓަރގެ ގޮތުގައި ބޭނުންކުރާ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައިނަމަ އެވްރެޖްކޮށް  15 އާއި 20 އާ ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅެއެވެ. އެހެންކަމުން ހިޔާގެ އެޕާޓްމަންޓްތައް އެއްވެސް ސަބަބަކާހެދި ކުއްޔަށް ދޭންޖެހުނު ކަމުގައިވާނަމަވެސް ލޭބަރ ކުއާޓަރ ގެ ގޮތުގައި ބޭނުންކުރުމަށް އެއްވެސްފަރާތަކަށް ކުއްޔަށް ދޫނުކުރުމަކީ، ނުވަތަ އާއްމުދަނީ ހޯދުމަށް އެޕާޓްމަންޓް ލޭބަރކުއާޓަރ ގެ ގޮތުގައި ބޭނުންނުކުރުމަކީ ހިޔާ ޓަވަރ ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ނުހަނު ބޮޑު ހިތްހަމަޖެހުމަކަށްވާނެއެވެ. އަދި ހިޔާ ޓަވަރ ތަކުގެ ބެލެނިވެރި ފަރާތުން ހިޔާ ޓަވަރ ތަށް ލޭބަރކުއާޓަރ ގެ ގޮތުގައި ބޭނުންނުކުރާކަން ކަށަވަރުކުރުމަކީވެސް ޓަވަރ ތަކަށް އަރައި ފާބާ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ނުހަނު ބޮޑު ލުޔެއް ލިބިގެންދާނެކަމަކަށް ވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ