މާލެ: 31°C

ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު ނިޔާވެއްޖެ

January 18, 2023
2 ފަހަރު ބަލާފައި
ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު ނިޔާވެއްޖެ
ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު ނިޔާވެއްޖެ
ޔޫކްރެއިންގެ ވެރިރަށް ކީވް ބޭރުގައި ހުންނަ ކުޑަކުދިންގެ ނާސަރީއެއްގެ ކައިރީގައި ހެލިކޮޕްޓަރު ވެއްޓި އެގައުމުގެ އިންޓީރިއާ މިނިސްޓަރު ނިޔާވެއްޖެއެވެ. އެ ހާދިސާގައި ތިން ކުޑަކުދިން ހިމެނޭ ގޮތަށް 16 މީހުން މަރުވެފައިވާ ކަމަށް އިމަޖެންސީ ސާވިސަސް އިން މައުލޫމާތުދެއެވެ. ނިޔާވި މީހުންގެ ތެރޭގައި މިނިސްޓަރު ޑެނިސް މޮނަސްޓިސްކީ އާއި އޭނާގެ ޑެޕިއުޓީ ޔެވެން ޔެނިން އާއި މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒްގެ ސްޓޭޓް ސެކްރެޓަރީ ޔޫރީ ލުބްކޮވިޗް ހިމެނިވަޑައިގަންނަވައެވެ. ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ކުރީކޮޅު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ކޮމިއުޓާ ޓައުނެއް ކަމަށްވާ ބްރޯވަރީ އަވަށަށް ހެލިކޮޕްޓަރު ވެއްޓުނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. ސްޓޭޓް އިމަޖެންސީ ސާވިސް އޮފް ޔޫކްރެއިން (އެސްއީއެސްޔޫ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު 16 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. އެ ގައުމުގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައި ވަނީ މި އެކްސިޑެންޓުގައި 18 މީހުން މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި 30 މީހުން ޒަހަމްވެފައިވާއިރު އޭގެ ތެރޭގައި 12 ކުޑަކުދިން ވެސް ހިމެނެއެވެ. [caption id="attachment_78291" align="aligncenter" width="1280"] ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވޭ[/caption] "ކުޑަކުދިން ވެސް ތިބީ... މި ހިތާމަވެރި ހާދިސާ ހިނގި އިރު ނާސަރީގައި ތިބި މުވައްޒަފުން،" ކީވް ސަރަހައްދުގެ ގަވަރުނަރު އޮލެކްސީ ކުލޭބާ ޓެލެގްރާމްގައި ލިޔުއްވާފައިވެއެވެ. "ކިންޑަގާޓަންގެ ކުދިން ތިބީ އެހެން ތައުލީމީ މުއައްސަސާއެއްގައި، އެކުދިންނާ އެކު ކަމާއި ގުޅޭ ހިދުމަތްތައް ވެސް ދަނީ މަސައްކަތް ކުރަމުން،" އިމަޖެންސީގެ ހުރިހާ ހިދުމަތެއް ސައިޓުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް ކިރީލޯ ޓައިމޮޝެންކޯ ވިދާޅުވީ ހެލިކޮޕްޓަރު ދަތުރުކުރީ ރަޝިއާއާ އެކު ހިނގަމުންދާ ހަނގުރާމައިގެ "ހޮޓް ސްޕޮޓް" ތަކުގެ ތެރެއިން އެއް ތަނަކަށް ކަމަށާއި، އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ. ޔޫކްރެއިންގެ ޕްރޮސެކިއުޓާ ޖެނެރަލް އެންޑްރީ ކޮސްޓިން ޓެލެގްރާމްގައި ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް އިން ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެއީ ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ގޮތުގައި ސިފަކުރައްވާފައެވެ. "މިއަދު ކިއޭވް ސަރަހައްދުގެ ބޯވަރީގައި ވަރަށް ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ހިނގި. އެސްއީއެސް [ސްޓޭޓް އިމަޖެންސީ ސާވިސް] ގެ ހެލިކޮޕްޓަރެއް ވެއްޓި، ވެއްޓުނު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި" ސޯޝަލް މީޑިއާގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ