މާލެ: 31°C

ހަރަމްފުޅުގެ އެންމެ މަޝްހޫރު އެއް އިމާމު ވަކިވެވަޑައިގެންފި

March 17, 2023
2 ފަހަރު ބަލާފައި
ހަރަމްފުޅުގެ އެންމެ މަޝްހޫރު އެއް އިމާމު ވަކިވެވަޑައިގެންފި
ހަރަމްފުޅުގެ އެންމެ މަޝްހޫރު އެއް އިމާމު ވަކިވެވަޑައިގެންފި
މާތްވެގެންވާ މައްކާގައި ހުންނަ އަލް މަސްޖިދުލް ޙަރާމް ( ޙަރަމްފުޅު)ގެ އެންމެ މަޝްހޫރު އެއް އިމާމު އައް ޝައިޚު ސަޢުދުއް ޝުރައިމް ރިޓަޔާ ކުރައްވައި އިމާމްކަން ދޫކޮށްލައްވައިފި އެވެ. ދެ ޙަރަމްފުޅުގެ މައުލޫމާތު ގެނެސްދޭ ހަރަމައިނިޝަރީފައިނި ވެބްސައިޓުން މިއަދު އާއްމުކުރި މައުލޫމާތެއްގައިވާ ގޮތުން ޝައިޚު ޝުރައިމް އިމާމްކަމުން ވަކިވެވަޑައިގަންނަވާ ވާހަކަ ފެތުރޭތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ އޭނާ ވަކިވެވަޑައިގެންފިކަން ކަށަވަރުވީ، ކުރިއަށް އޮތް ރަމަޟާން މަހު ޙަރަމްފުޅުގައި އިމާމުވެ ތަރާވީހު ކުރައްވާ ބޭފުޅުންގެ ލިސްޓް މިދިޔަ ބުދަ ދުވަހު އާއްމުކުރި އިރު އޭނާގެ ނަން ނެތުމުންނެވެ. ހަރަމްފުޅުގެ މަޝްހޫރު އިމާމަކު އިސްތިއުފާ ދެއްވާފަިއވާ ކަން "އިންސައިޑް ދަ ހަރަމައިން"  އިން މިދިޔަ ޖެނުއަރީ މަހު ރިޕޯޓްކުރި އެވެ. އެއީ ސައުދުއް ޝުރައިމް ކަމެއް އޭރަކު ނޭނގެ އެވެ. އުމުރުފުޅުން އެންމެ 62 އަހަރުގައި ޝުރައިމް ރިޓަޔާ ކުރެއްވީ ކީއްވެކަން އެހާ ސާފުކޮށް އަދި އެނގޭކަށް ނެތެވެ. ދެ ހަރަމްގެ ރިޔާސަތުން ބުނެފައިވާ ގޮތުގައި ވަކިވެވަޑައިގަންނަވަން އެދިވަޑައިގެންނެވީ އޭނާ އަމިއްލަފުޅަށެވެ. ޝައިޚް ޝުރައިމް އަކީ 32 އަހަރު ވަންދެން މަސްޖިދުލް ހަރާމްގެ އިމާމްކަމާއި ޚަޠީބު ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސްޖިދުލް ހަރާމްގައި އިމާމުވެ ނަމާދު ކުރެއްވީ 1443 ވަނަ އަހަރުގެ ރަބީޢު އަލްއައްވަލް 12 ވަނަ ދުވަހު  އެވެ. ޝައިޚު ޝުރައިމަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، ވަރަށް މަޝްހޫރު އިމާމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ