މާލެ: 31°C

ހަމަނުޖެހުންތަކުގެ ތެރޭ އުޅޭ މީހުން ހިމާޔަތް ކުރަން ދުނިޔެ ވަނީ ފޭލްވެފައި: އދ

May 26, 2023
2 ފަހަރު ބަލާފައި
ހަމަނުޖެހުންތަކުގެ ތެރޭ އުޅޭ މީހުން ހިމާޔަތް ކުރަން ދުނިޔެ ވަނީ ފޭލްވެފައި: އދ
ހަމަނުޖެހުންތަކުގެ ތެރޭ އުޅޭ މީހުން ހިމާޔަތް ކުރަން ދުނިޔެ ވަނީ ފޭލްވެފައި: އދ
ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިއަން އާންމުން ރައްކާތެރިކުރުމަށް ދުނިޔެ ފޭލްވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިފައިވާ އާންމުން ހިމާޔަތް ކުރުމުގައި ދުނިޔެ ފެއިލްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ އެކަން ސިފަކުރެއްވީ "ބިރުވެރި ހަގީގަތެއް" ގޮތުގައެވެ. ޔޫކްރެއިން، ސޫދާން، އެފްރިކާގެ ސަހެލް އަދި މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި  ކާބޯތަކެއްޗާއި ބޭސް ހޯދުމާއި، އިންސާނީ ހާލަތު އިތުރަށް ގޯސްވުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ގުޓެރޭޒް ވިދާޅުވީ ހަނގުރާމައިގެ އުސޫލަށް އިހުތިރާމް ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ގައުމުތަކަށް ބާރު އަޅަން ޖެހޭ ކަމަށެވެ. "ހަނގުރާމަވެރި ޕާޓީތަކުގެ މައްޗަށް ނުފޫޒު ފޯރުވާ ސަރުކާރުތަކުން ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވެ، އާންމުންގެ ހިމާޔަތުގައި ސިފައިން ތަމްރީނު ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.  އަދި ހަތިޔާރު އެކްސްޕޯޓްކުރާ ގައުމުތަކުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ އެއްގޮތަށް އަމަލު ނުކުރާ އެއްވެސް ފަރާތަކާ އެކު ވިޔަފާރި ކުރުމަށް ދެކޮޅު ހެދުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ. އދ.ގެ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 53 އިންސައްތަ އިތުރުވެ، އާންމުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 17،000 އަށް އަރާފައިވާ ކަމަށެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ރައީސް މިރްޖަނާ ސްޕޮލްޖަރިކް ވަނީ ދާދި ފަހުން އެފްރިކާ، ޔޫރަޕް އަދި މެދުއިރުމައްޗަށް ކުރެއްވި ދަތުރުތަކުގައި އިންސާނީ ހާލަތު ހަލުވިކަމާއެކު ގޯސްވަމުންދާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ގައުމުތަކުން ރަށްފުށު ސަރަހައްދުތަކުގައި އާންމުންނާއި އިންފްރާސްޓްރަކްޗާ ހިމާޔަތްކޮށް، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ ހުރިހާ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އިންސާނީ މަސައްކަތްތެރިންނަށް ވަނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ކާބޯތަކެތީގެ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހުނު މީހުންގެ އަދަދު 2022 ވަނަ އަހަރު 258 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ނުވަތަ ބޮޑެތި ހަމަނުޖެހުންތައް ހިންގާ ސަރަހައްދުތަކުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ