ގަލްފް އޮފް މެކްސިކޯގެ ނަމަކީ ގަލްފް އޮފް އެމެރިކާ ކަމަށް އެމެރިކާގެ ރައީސް ކަމާ 2 ވަނަ ފަހަރަށް ޙަވާލުވި ޑޮނާލްޑް ޓްރަމްޕް ގެ އެގްޒެކެޓިވެ އޯޑރ (ގަރާރަކުން) ކަނޑައަޅުއްވައިފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވި ޑޮނާލްޑް ޓްރަމްޕް ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ގަރާރުތަކެއް ނެރޔއްވާފައެވެ. އެގޮތުން ރައީސް ޓަރަމްޕް ނެރުއްވި އެއް ގަރާރަކީ ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާ އަށް ބަދަލު ކުރުމުގެ ގަރާރެވެ. ޒަމާނުންސުރެ އެމެރިކާ އާއި މެކްސިކޯ އަދި ކިޔުބާ ގެ އައްސޭރި ފަށުން ފެށިގެން އޮންނަ ކަނޑަށް ބައިނަލް އަގްވާމީ ގޮތުންވެސް ކިޔާ ނަމަކީ ގަލްފް އޮފް މެކްސިކޯ އެވެ. ނަމަވެސް އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ އެ ކަނޑުގެ ނަން ގަލްފް އޮފް އެމެރިކާ ގެ ނަމަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ރައީސް ޓްރަމްޕް ގެ ގަރާރަށްފަހު އެމެރިކާގެ އެމެރިކާގެ އިންޓީރިއާ ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް، މެކްސިކޯ ކަނޑުގެ ރަސްމީ ނަމަކަށް މިހާރު ވާނީ އެމެރިކާ ކަނޑު ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ކަމާގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ބުނަނީ ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލު ކުރަން ޓްރަމްޕް އަމުރު ނެރުއްވި ނަމަވެސް، މެކްސިކޯ ކަނޑުގެ ނަން ބަދަލުކުރުމުގެ ބާރު ޓްރަމްޕް އަށް ލިބިވަޑައިގެންފައި ނުވާ ނުވާ ކަމަށެވެ.
ގަލްފް އޮފް މެކްސިކޯ އަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ މުހިންމު ކަނޑުތަކުގެ ތެރެއިން އެއް ކަނޑަށްވާއިރު އެ ސަރަޙައްދުގެ ގައުމުތަކުގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އެ ކަނޑު އަދާކުރެއެވެ. ތާރީހަށް ބަލާއިރު ސްޕެއިން އިން ކިއުބާ އާއި މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދުތައް އިސްތިއުމާރުކޮށްގެން އުޅުނު 16 ވަނަ ގަރުނުގެ މެދުތެރޭގެ ދުވަސްވަރުގެ ޗާޓްތަކުގައި އެކަނޑުގެން ނަން ޖަހާފައިވަނީ ގޯލްފޯ ޑީ މެކްސިކޯ ގެ ގޮތުގައެވެ.
ބައިނަލް އަގްވާމީ ކަނޑުތަކުގެ ނަންތައް ސްޓޭންޑަޑައިޒް ކުރުމުގެ މަސައްކަތް ކުރަނީ އިންޓަރނޭޝަނަލް ހައިޑްރޮގްރެފިކް އޮގަނައިޒޭޝަނުން ކަމަށްވާތީ ޓްރަމްޕް އެގޮތަށް ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލު ކުރިނަމަވެސް ބައިނަލްއަޤްވާމީ ގޮތުން އެކަން ބަލައިގަތުމަކީ އެހާ ގާތް ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.







