ގާސިމް ހަމަ ރިޔާސީ ރޭހަށް ނުކުންނަވައިފާނެ؟!

ގާސިމް ހަމަ ރިޔާސީ ރޭހަށް ނުކުންނަވައިފާނެ؟!
ލިޔުން:
ވެރިކަން ކުރާ ކޯލިޝަނުގައި މިހާރު ވެސް އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) މިއަހަރުގެ ރިޔާސީ އިންތިހާބަށް ހަމަ އެ ކޯލިޝަނުގައި ނުކުމެދާތޯ މިއީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ބޮޑު ސުވާލެވެ. ޖޭޕީން އިއްޔެ ނިންމައިލި ގައުމީ ކޮންގްރެސް އިން އެ ސުވާލަށް ސާފު ޖަވާބެއް ލިބޭނެ ކަމަށް ބެލެވުނަސް އެހަރަކާތް ނިންމައިލީ ރިޔާސީ އިންތިހާބާ މެދު ގޮތެއް ކަނޑަ ނާޅަ އެވެ. އިންތިހާބަށް ޖޭޕީ ވަކިން ނުކުންނަނަށް ގޮވާލައި ގަރާރެއް ފާސްކުރި ނަމަވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސާފުކޮށް ވިދާޅުވީ އެއީ "ބައިންޑިން އެއްޗެއް ނޫން" ކަމަށެވެ.
"މިހާރު ގަރާރަކީ ކުރީގައި ވެސް ދަންނަވައިލެވުނު ފަދައިން އަޅުގަނޑުމެންގެ ކައުންސިލް އޭގެ މައްޗަށް ބައިންޑިން ވާ، އެހެން ގޮތަކަށް ބުނަންޏާ އެއަށް އަމަލުކުރަން މަޖުބޫރު އެއްޗެއް ނޫންކަން އެކަން ހަނދުމަފުޅު ބަހައްޓަވައިގެން [ތިއްބަވާތި]،" ޖޭޕީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ފާސްކުރި ގަރާރާ މެދު ގާސިމް އިއްޔެރޭ ވިދާޅުވީ މިހެންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގަރާރާ މެދު ގޮތެއް ނިންމާނީ އެޕާޓީން ޖޭޕީން އަލަށް އިންތިހާބުކުރި ކައުންސިލުންނެވެ. އެކަމަކު އެއީ ކޮން އިރަކުން ކަމެއް އަދި ލަފާކުރާކަށް ނޭނގެ އެވެ.
ރިޔާސީ އިންތިހާަބަށް އެޕާޓީ ވަކިން ނުކުތުމާއި މެދު ގޮތެއް އަދި ނުނިންމާ އޮތަސް، ގައުމީ ކޮންފަރެންސްގައި ދެ ދުވަހު ގާސިމް ދެއްކެވި ވާހަކަފުޅުތަކުން ފާހަގަވާ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ މިހާރު ވެސް އޮތް ހެން އެމްޑީޕީއާ އެކު ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭ ކޯލިޝަނަކަށް ޖޭޕީ ނުދިއުމަކީ އަދި އެހާ ޔަގީންކަމެއް ނޫން ކަމެވެ. އެއީ އެކަމަށް ހުރަހެއް އެޅިދާނެ ފަދަ ގޮތަކަށް ޕާޓީގެ މެމްބަރަކު ވާހަކަ ދައްކައިފާނެތީ ގާސިމްގެ އޮތް ކަންބޮޑުވުމުގެ ބޮޑުކަމުންނެވެ.
ރިޔާސީ އިންތިހާބަށް ޖޭޕީ ވަކިން ނުކުންނަން ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސްކުރަން ހުޅުވައިލުމުގެ ކުރިން އޭނާ ދެއްވި ނަސޭހަތުން އެކަން މާބޮޑަށް ވެސް ފެނުނެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި "އަލުން ރައްޓެހި ނުވެވޭ ވަރަށް ރުޅިވާން ނުވާނެކަން" މާޒީގެ ތަޖުރިބާއިން ފެންނަމުން އެބަދާ ކަމަށެވެ. އެކަމާ މެދު ވިސްނާ ކޮންމެ މީހަކަށް އެކަމުގެ އަލިގަދަ ދަލީލުތައް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ސިޔާސީ ކަމެއްގައި، ހާއްސަކޮށް ސިޔާސީ ކަމެއްގައި އަޅުގަނޑުމެން އެއްވެސް ބަޔަކާ ރުޅިވާން ވާނީ އަލުން ރައްޓެހި ނުވެވޭ ވަރަކަށެއް ނޫނޭ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ބަޔަކާ އެކުވެރިވާން ވާނީ، ވަކިވާން ބޭނުންވާ ހިނދެއްގައި ދުރަށް ވެސް ޖެހި ނުލެވޭ ވަރަކަށެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.
ވަކި މީހަކަށް އެމީހެއްގެ ޒިންމާ އަދާ ނުކުރެވިގެން ނުވަތަ އަދާނުކޮށްގެން ވާހަކަ ނުދެއްކުމަށް އެދި ވަޑައިގެން އޭނާ ވިދާޅުވީ އެއީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. މިހުރިހާ ވާހަކައެއްގެ ވެސް މުރާދަކީ ބެލެވޭ ގޮތުގައި ޖޭޕީގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުޑައިމީސް ބަހެއް އަޔަ ނުދެއްވުމެވެ.
ކޮންގްރެސްގައި ގާސިމް ދެއްކެވި ވާހަކަތަކުން ތަރުޖަމާ ކުރެވޭ އަނެއް ކަމަކީ، ކޯލިޝަނަކަށް ނުދާން ސީދާ ނުނިންމެވި ނަމަވެސް އެމްޑީޕީއާ އެކު މިހާރު އޮތް ކޯލިޝަނާ މެދު އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެވެ. އެގޮތަށް އެންމެ ބޮޑަށް ގަބޫލުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ރޭ ދެއްކެވި ވާހަަކައިންނެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދާ ނުލައި އެމްޑީޕީ އަކީ "ނެތް އެެއްޗެއް" ކަމަށެވެ.
"ދެން މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކު މިބުނާ އެމްޑީޕީ. އެމްޑީޕީ މަނިކުފާނާ ނުލައި އެއީ އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ އަޅުގަނޑުގެ ވިސްނުން،" ގާސިމް ވިދާޅުވި އެވެ.
ނަޝީދާ ބެހޭ ގޮތުން ގާސިމް މިމޭރުމުން ވާހަކަ ދެއްކެވި އިރު އެމަނިކުފާނު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުމާ ފާޅުގައި ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވި ނަމަވެސް އެ ނަތީޖާއާ މެދުގައި ވެސް ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު އެމްޑީޕީދެކަވިވެފައިވާ ވަގުތެއްގައި ގާސިމަށް ހަގީގަތުގައި އެ ނެންގެވުނީ ނަޝީދުގެ ފަޅި އެވެ. އެެއީ ނުސީދާ ގޮތެއްގައި ރައީސް ސޯލިހަށް ގޮންޖެއްސެވުމެވެ. އެހެންވީމާ މިއީ ގާސިމް ސޯލިހާ އެކު ކޯލިޝަން ނުހައްދަވައިފާނެ ކަަމަށް ބެލެވިދާނެ ކަމެކެވެ.
އެކަމަކު ކޯލިޝަނުގެ ސުވާލު އަދިވެސް އޮތީ ސުވާލެއްގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
