ގޭންގު ހުއްޓުވާ ގާނޫނު ސިޔާސީ ހަތިޔާރަކަށް ވުމުގެ ބިރު!

ގޭންގު ހުއްޓުވާ ގާނޫނު ސިޔާސީ ހަތިޔާރަކަށް ވުމުގެ ބިރު!
ލިޔުން:
ނިމިދިޔަ ހަފްތާގައި ރާއްޖޭގައި އެންމެ ބާރަށް ދެކެވެމުން އައި އެއް ވާހަކައަކީ ގޭންގް ކުށްތަކާއި ގުޅޭ ޤާނޫނުތަކަށް ސަރުކާރުން ބޮޑެތި އިސްލާޙުތަކެއް ހުށަހަޅަން އުޅޭ ވާހަކައެވެ.
ސަރުކާރުން މި ޤާނޫނުތަކަށް ހުށަހަޅަން ގަސްތުކުރާ އިސްލާޙުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލުތަފާވުންތަކެއް އުފެދިފައިވެއެވެ. ބައެއް މީހުން މިއީ ވަރަށް ރަނގަޅު ކަމެއްކަމަށް ސިފަކުރަމުންދާ އިރު އަނެއްބަޔަކު ދެކޭ ގޮތުގައި މިއީ ފުންކޮށް ނަޒަރު ހިންގާލަންޖެހޭ ކަމެކެމެވެ.
ސަރުކާރުން ގޭންގު ކުށްތަކާ ގުޅޭ ޤާނޫނަށް ހުށަހަޅަން ގަސްތުކުރާ އިސްލާޙުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު ވަކި ކަންތައްތަކަކީ ގޭންގެ ހަރަކާތެއްގެ ގޮތުގައި ޕްރޮފައިލް ކުރުމާއި، ގޭންގް ލީޑަރުން ކަނޑައެޅުމާއި، ވަކިވަކި ކަންކަން ކުރާ މީހުންނަކީ ގޭންގަތަކަށް ނިސްބަތްވާ ބައެއްކަމުގައި ޕްރޮފައިލް ކުރުމާއި، ވަކި ކަންކަމާ ގުޅިގެން ކޯޓު އަމުރު ނުހޯދައި މީހުންނާއި، ތަންތަން ބަލާ ފާސްކުރުމާއި، ސަރުކާރުން ކަނޑައަޅާ ވަކި ކޮމިޓީއަކުން ވަކި ވަކި މީހުންނަކީ ގޭންގްއަކަށް ނިސްބަތްވާ ބައެއްކަމަށް ކަނޑައަޅައި އެފަދަ ފަރާތްތަކަށް ސިޔާސީ އަދި އެހެނިހެންވެސް މަސްކަތްކުރުން މަނާކުރުން ހިމެނެއެވެ.
މި ކުރާން އުޅޭ ކަންތަކުން ނިކުމެދާނެ ނަތީޖާއަކީ ކޮބައިކަމާމެދު އެންމެ ރަނގަޅަށް ހިޔާލެއް ދެވޭނީ ޤާނޫނީ ދާއިރާގެ ފަރާތްތަކަށް ކަމަށް ވިސްނި އެވެރިންގެ ވިސްނުން މިކަމުގައި ހުރި ނެތްގޮތް އަހާލަން ވާހަކަ ދައްކާލީމެވެ. އެވެރިންގެ ވާހަކަތަކުން ހުރީ ފިތްކަނޑައިގެންދާ ވަރުގެ ކަންބޮޑުވުންތަކެވެ. އެ ކަންބޮޑުވުންތައް ތިރީގައި ހިމަނާލާނަމެވެ.
ފުރަތަމަ ކަމަކީ ދިވެހިންނަކީ ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމާއި، އަނިޔާވެރިކަމާއި ލާއިންސާނީ އަދަބުތައް ގިނަ ދުވަސްތަކަށް ތަޙައްމަލު ކުރަންޖެހުމުގެ ސަބަބުން އުފެދުނު، ޤާނޫނީ ފަންނުގެ ފަރާތްތަކުން ސިފަކުރާ ގޮތުންނަމަ "އިންގިލާބެއް" ގެ ތެރެއިން އެވެރިންގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރެވުނު ގިނަ މަސައްކަތެއްގެ ނަތީޖާއިން މިއަދު މިދެކޭ މިންވަރަށް ހައްޤުތައް ކަށަވަރުކުރެވިފައިވާ މުޖުތަމަޢުއެއް ބިނާކުރެވުނު ބައެއްކަމެވެ.
މި ކުރެވުނު މަސައްކަތުން ގެނެވުނު ފެހި ޤާނޫނު އަސާސީން ކަނޑައެޅުނު ހައްޤުތަކުގެ ތެރޭގައި މީހުންގެ ގޮވަތި ގެދޮރާއި، ޒާތީ މުޢާމަލާތްތަކަކީ ހުރުމަތް ދެވިފައިވާ ކަންކަމުގެ ގޮތުގައި ކަނޑައެޅުނެވެ. ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްޤު ކޮންމެ މީހަކަށް ލިއްބައިދިނެވެ. ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ އެ ވަގުތެއްގައި ކުށެއް ކޮށްފިކަމަށް ނުވަތަ ކުރާން އުޅޭކަމަށް ސަބަބުހުރެގެން މެނުވީ ކޯޓުން ކުރާ އަމުރަކަށް މެނުވީ މީހުން ހިފައި ހައްޔަރުކޮށްގެން ނުވާނެކަމުގެ ހައްޤެވެ. މި ނޫންވެސް ގިނަ އިންސާނީ ހައްޤުތަކެވެ.
ޤާނޫނީ ފަންނުގެ ފަރާތްތަކުން ދެކޭ ގޮތުންނަމަ، މިކުރާން އުޅޭ ކަމުގެ ނަތީޖާ ވެގެންދާނީ ހައްޤުތައް ހޯދުމަށް ދިވެހީންވި ޤުރުބާނީ ބޮލާލާޖެހުމާއެކު، އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ގޮތަށް ކުރެވުނު އަދި ކުރެވުމުންދާ މަސައްކަތުގައި އެޅޭނެ ފަހަތު ފިޔަވަޅެއް ކަމުގައެވެ.
ދެވަނަ ކަމެއްގެ ގޮތުން ޤާނޫނީ މާހިރުން ފާހަގަކުރި ކަމަކީ މިހާރު ސަރުކާރުން ހުށަހަޅަން ގަސްތުކުރާ އިސްލާޙުތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްޤުތަކާއި ގުޅޭ މުއާހަދާތަކާއި، މަދަނީ އަދި ސިޔާސީ ހައްޤުތަކާ ގުޅޭ މުއާހަދާތަކާއި ޚިލާފުކަންކަން ހިމެނޭކަމެވެ. ސަބަބަކީ މިފަދަ މުއާހަދަތަކަށް ބަލާއިރު މިހާރު ސަރުކާރުން ހުށަހަޅަން ގަސްތުކުރާ އިސްލާޙުތަކުގައި ހިމެނޭ ގޮތަށް ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމާއި، ބަލައި ފާސްކުރުމާއި، ވަކި ގޮތަކަށް މީހުން ޕްރޮފައިކުރުމަކީ އެ މުއާހަދާތަކާ ޚިލާފުކަންތައްތައްކަމެވެ.
ތިންވަނަ ކަމެއްގެ ގޮތުން ޤާނޫނީ މާހިރުން ފާހަގަކުރިކަމަކީ މީހުން ވަކި ގޮތަކަށް، ނުވަތަ ގޭންގަކަށް ނިސްބަތްކޮށް ޕްރޮފައިލް ކުރުމުގައި ހުރި ނުރައްކަލުގެ ވާހަކައެވެ. އަދި އެކަން ކުރާން ހުށާހަޅަން ގަސްތުކުރާ ގޮތުން އެއިރަކު ވެރިކަމެއްގެ ތިބި ބަޔަކު ނުރުހުންވާ ނުވަތަ ޚިޔާލު ތަފާތުވާ މީހުން ޕްރޮފައިލްކޮށް އެ މީހުންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާވަރުގެ ބާރު ސިޔާސީ ބަޔަކަށް ދިނުމުގެ ހުރި ނުރައްކަލެވެ. އެބޭފުޅުން ދެކޭ ގޮތުން މިކަމަކީ މީގެ ކުރިން ދީނީ ފަރާތްތަކުން ދޭ ދަރުސެއްގެ ސަބަބުން ނުވަތަ ދައްކާ ވާހަގަކައެއްގެ ސަބަބުން ޓެރެރިޒަމާ ގުޅުވައި އަދަބު ދިނުމަށް ވިސްނުން ގެންގުޅުނު ފަދަ ކަމެކެވެ.
ފަހު ކަމެއްގެ ގޮތުގައި ޤާނޫނީ ފަންނުގެ ފަރާތްތަކުން ފާޅުކުރި ޚިޔާލަކީ، ކުރާން މިއުޅޭ ކަމަކީ ނުވަތަ ގެންނަން ބޭނޫންވެގެން މިއުޅޭ ސިޔާސަތުގެ ސަބަބުން އައިސްދާނެ ނުރަނގަޅު ނަތީޖާއާމެދު ދިރާސާ ނުކޮށް މިފަދަ ސިޔާސަތުތައް ބައްޓަން ކުރާން އުޅުމުގެ ބިރުވެރިކަމެވެ. އެވެރިން ފާހަގަކުރާ ގޮތުން މި ސަޔާސަތުތައް ގެންނަން އުޅޭ މީހުން ވިސްނާލުން ރަނގަޅު އެއްކަމަކީ އެމެރިކާ ފަދަ ގައުމުތަކުގައި ކަނޑައެޅުނު މިފަދަ ސިޔާސަތެއްގެ ތެރެއިން މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރެވުނު ހަނގުރާމަ ނުވަތަ "ވޯ އޮން ޑްރަގްސް" ސިޔާސަތު ފެއިލްވި ގޮތުގެ ދިރާސާއަށް ވިސްނާލުމެވެ.
އެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ކަޅު ނަސްލުގެ އެންމެންނަކީ ކުށްވެރިން ކަމަށް އެ މުޖުތަމަޢުތަކުން ދެކި އެމީހުންނަށް ކުރިމަތިލާން ޖެހުނު ދަތި ޙާލުގެ ވާހަކައާއި އަދި އެކަމުގެ ސަބަބުން ނެރެވުނު ނަތީޖާއަކަށް ވެގެން ދިޔައީ ކުށްމަދުވުން ނޫންކަމާއި، ޖަލުތައް ފުރި ބާރުވެ، ސަރުކާރުން ބޭކާރު ހަރަދުތައް ކުރަންޖެހުން އެކަނިކަމަށްވާއިރު މިފަދަ ސިޔާސަތެއް އެކުލަވާލަން އުޅުމުގެ ކުރިއަށް މިކަމުގައި ދިވެހިންގެ ވިސްނުން ހުރި ނެތްގޮތާއި މިފަދަ ސިޔާސަތުތައް ޓެސްޓު ކޮށްފައިވާ ގައުމުތަކުގެ ތަޖުރިބާއަށް ބެލުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަމުގައި އެވެރިން ބުނެއެވެ.
އެހެންކަމުން ވިސްނާލަންޖެހޭ ކަންކަން ބައިވަރެވެ.މި ދައްކަނީ އެތައް ދުވަހުގެ މަސައްކަތަކުން ހޯދި ހައްޤުތައް އެއިރަކު ވެރިކަމުގަ ތިބޭ ބަޔަކު ބޭނުން ނަމަ ނިގުޅައިގަނެވިދާނެ ގާނޫނީ ބާރު ދޭން އުޅޭ ވާހަކައެވެ. ކޯޓު މަރުޙަލާތައް ބައިޕާސްކޮށް އަހަރުމެންނަކީ ކުށްވެރިންކަމަށް ކަނޑައެޅުމުގެ ލައިސަންސްސްއެއް ވެރިކަމުގެ ބާރާއި ޙަވާލުކުރާން އުޅޭ ވާހަކައެވެ. އަހަރުމެން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާއި ޚިލާފުވުމުގެ ވާހަކައެވެ. އަހަރުތަކެއް ކުރިން އެހެން ގައުމުތަކުގައި ޓެސްޓުކުރެވި ފޭލްވެފައިވާ ސިޔާސަތުތަކެއް ޓެސްޓްކުރަން އުޅޭ ވާހާކައެވެ. ހައްތާވެސް ފިކުރު ހިންގާލަންޖެހޭ ކަންކަމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
