ގާނޫނު ހަދަން ގޮސްތިބޭ މެންބަރުން ގާނޫނާ ގުޅޭ ވާހަކަ ނުދައްކަނީ ކީއްވެ؟

ގާނޫނު ހަދަން ގޮސްތިބޭ މެންބަރުން ގާނޫނާ ގުޅޭ ވާހަކަ ނުދައްކަނީ ކީއްވެ؟
ލިޔުން:
ހެނދުނު ކޮފީ ތައްޓެއް ހިފައިގެން ޓީވީ ހުޅުވާލައިގެން އިށީނީ އާންމު އުސޫލުން މަޖިލިސް ބަލައިލާށެވެ. ދުވަހުގެ އެޖެންޑާގައި އޮތީ ދައުލަތުގެ މާލީ ކަންކަމާބެހޭ ގޮތުން ހުށަހެޅިފައިވާ ބިލަކަށް ބަހުސް ކުރުމެވެ. އިވުނީ ކުރިން ވެރިކަން ކުރި މީހުންނަށް ވަގަށް ގޮވާލި އަޑެވެ. އުންމީދު ކުރި އެއްވެސް ގޮތަކަށް މަޖިލިސް ތަޅުމުން އޮށްޓަރެއްހުރި ވާހަކައެއް އަޑެއް ނީވުނުނެވެ. ކުޑަމިނުން ހުށަހެޅިފައިވާ ބިލުގެ ނަންވެސް ބަހުސްތެރެއިން އަޑެއް ނީވުނެވެ.
ދެންވެސް ޓީވީ ހުޅުވައިގެން މަޖިލިސް ޖަލްސާތައް ބެލި ކޮންމެ ދުވަހެއްގައި ތަކުރާރުވަމުން ދިޔައީ ހަމަ އެ މަންޒަރެވެ. އިވުނީ އެންމެ އަޑެކެވެ. ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީގެ ވެރިމީހާއޭ ގޮވުން ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވުނެވެ. ހިތާ ހިތާ ސުވާލުކޮށްލެވުނެވެ. މަޖިލިސް މެންބަރެއްގެ ދައުރަކީ ހަމަ މިއީބާއެވެ.
ޤާނޫނު ހަދާ މަޖިލީހަށް މީހުން އިންތިހާބުކުރަނީ ރައްޔިތުންނަށް ބޭނުންވާ ސިޔާސަތުތަކާ އެއްގޮތަށް ދައުލަތާއި އަހަރުމެންގެ ކަންކަން ހިންގަންވީގޮތުގެ ޤާނޫނޫތައް ހަދައި ފާސްކުރުމަށެވެ. ދިވެހިރާއްޖޭގައި ޤާނޫނެއް ހެދުމަށް މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ގިނަ ފަހަރަށް ސަރުކާރުން ޑްރާފްޓްކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތަކެވެ. މަދު ފަހަރެއްގައި އަމިއްލަ މެންބަރުންގެ ފަރާތުން ބިލްތައް ހުށަހަޅައެވެ.
ސަރުކާރުން ސްޕޮންސަކޮށް މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ އެޓާރނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓް ކޮށް ފޮނުވާ ބިލްތަކެވެ. މަދު ފަހަރެއްގައި އަމިއްލަ މެންބަރެއްގެ ފަރާތުން ބިލެއް ހުށަހެޅުނު ނަމަވެސް މި ބިލްތައް ފަރުމާ ކުރަނީ ޤާނޫނީ ނުވަތަ ޕޮލިސީ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ. މިގޮތަށް ހުށަހަޅާ ބިލްތައް ގިނަފަހަރަށް ވެފައި އޮންނަނީ ކޮންމެވެސް ދިމިޤްރާތީ ކުރިއަރާފައިވާ ގައުމެއްގައި އެކުލާވާލެވިފައިވާ ޤާނޫނެއް އަސްލަކަށް ބަލައިގެން ތަރުޖަމާކުރެވިފައިވާ އެއްޗަކަށެވެ.
މަޖިލީހަށް ހުށަހަޅާ ބިލްތަކަށް މަޖިލިސް މެންބަރުންގެ ފަރާތުން ބޭނުންވަނީ އިލްމީ ބަހުސްތަކެވެ. އެ ބިލުތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ފައިދާވާނީ އެ ބިލެއް ޤާނޫނަކަށް ވެގެން އަންނައިރު އެ ޤާނޫނެއްގައި ކޮންކަހަލަ ކަންތައްތަކެއް ހިމަނައިގެންކަން އެ މެންބަރެއްގެ ނަޒަރުގައި ކިޔައިދީގެންނެވެ. އަދި އެ ކަންކަމުގެ މައްޗަށް ކޮމިޓީ މަރުޙަލާގައި އެ ބިލުތަކަށް އިސްލާޙުގެންނަންޖެހޭނަމަ އެކަން ކުރެވިގެންނެވެ.
ބިލްތައް ޤާނޫނަކަށް ވުމުގެ ކުރިއަށް މަޖިލިސް ފްލޯގައި ކުރެވޭ ބަހުސްތަކަކީ އިލްމީ ބަހުސްތަކަށްވުމުގެ އަނެއް ބޭނުމަކީ އެފަދަ ބިލްތައް ޤާނޫނަކަށް ވެގެންދާ ހިސާބުން ފެށިގެން އެ ޤާނޫތަކާ ގުޅޭ ގަވާއިދުތައް ހެދުމުގައިވެސް ފަސޭހައަކަށެވެ. އަދި ކޯޓަކުން މިފަދަ ޤާނޫނެއްގައި ހިމެނޭ މާއްދާއެއް މާނަކުރަންޖެހޭ ހާލަތުގައި އެ މާނަކުރުމެއް ބިނާވާންޖެހެނީ އެ ޤާނޫނު ހެދި މަޤުޞަދަށް ބަލައިގެން ކަމުގައިވާތީއެވެ.
އެހެންނަމަވެސް މަޖިލިސް އަށް ހުށަހެޅިގެން ބަހުސްކުރެވުނު އެއްވެސް ބިލަކަށް އިލްމީ ނަޒަރަކުން ބަހުސް ކުރެވި އެ ޤާނޫނެއް ނުވަތަ ޤާނޫނަކަށް އިސްލާޙު ގެނައުމަށް ހުށަހަޅާ މަޤްދެއްވެސް ސާފުވާ މިންވަރަށް މަޖިލީހުގެ ފްލޯގައި ބަހުސްކުރެވޭތަނެއް ނުފެނެނެވެ. އެއްބަޔަކު ކުރިއަށް ގެންދަނީ ކުރީ ސަރުކާރަށް ވަގަށް ގޮވައި ނިންމާލާތަނެވެ. އަނެއް ބަޔަކު ފެންނަނީ އެ ވަގަށް ގޮވި ގޮވުމަށް ރައްދުދޭތަނެވެ.
ހުށަހެޅިފައިވާ ބިލުގައި ހިމެނޭ ކަންކަމަށް މެންބަރުން ދައްކާ ވާހަކަ ފޯކަސް ކުރެވިގެންދާ ތަނެއް ނުފެނެވެ. ވާހަކަ ދައްކަވާ މެންބަރަށް މި ވާހަކަ ދައްކަނީ ހުށަހެޅިފައިވާ ކޮންކަމަކާ ގުޅޭ ކޮން ބިލަކާ ގުޅޭގޮތުންކަން ރޭކާލާހެންވެސް ހީނުވެއެވެ. ކަރުގެ ނާރުތަކަށް ވާންކޮށް އަބަދުވެސް ދައްކަމުންދަނީ މުޅީންވެސް ކަމާ ގުޅުން ނެތްވާހަކަތަކެވެ. ކާޓޫނުގެ ވާހަކައެވެ. ވައްކަމުގެ ވާހަކައެވެ. މިވާހަކަތައް މިދައްކަންޖެހެނީ ބިލުގައި ހިމެނޭ ކޮންކަމަކާ ގުޅިގެން ބިލުގައި ހިމެނޭ ކޮން މާއްދާއަކަށް އިސްލާހު ގެންނަންކަމެއް ނުވަތަ ބިލުގައި ހިމެނޭ ކޮން މާއްދާއެއް ރަނގަޅުވެގެންކަން އެނގޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.
ގާނޫނު ހަދަން ގޮސްތިބޭ މެންބަރުން ގާނޫނާ ގުޅޭ ވާހަކަ ނުދައްކަނީ އަޅުގަނޑުގެ ހިތުން ދެ ސަބަކާހެދިއެވެ. އެއްގޮތަކީ ހުށަހެޅޭ ބިލްތަކުގެ ފުރިހަމަކަމުން އިތުރަށް ގެންނާނެ އިސްލާހެއް ނެތުމެވެ. އަނެއް ގޮތަކީ ހުށަހެޅިފައިވާ ބިލުގައި އޮތީ ކޮން އެއްޗެއްތޯވެސް ބަލާފައި ނެތުމެވެ.
އެތައް ހާސް ރުފިޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށް އަހަރުމެން އެމައްޗަށް އަމަލުކުރާންޖެހޭ ޤާނޫނުތައް ހެދުމަށް އިންތިޚާބުކުރާ މަޖިސް މެންބަރުގެ ކިބައިން އަހަރެން އުއްމީދުކުރަނީ މި މިންވަރެއް ނޫނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
