މާލެ: 31°C

ފުލުހުންގެ ބަންދުގައި އިމްރާން އަވަހާރަކޮށްލަން އުޅުނު: ވަކީލުން

May 12, 2023
2 ފަހަރު ބަލާފައި
ފުލުހުންގެ ބަންދުގައި އިމްރާން އަވަހާރަކޮށްލަން އުޅުނު: ވަކީލުން
ފުލުހުންގެ ބަންދުގައި އިމްރާން އަވަހާރަކޮށްލަން އުޅުނު: ވަކީލުން
ފުލުހުންގެ ބަންދުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން އަވަހާރަކޮށްލަން ފުލުހުން މަސައްކަތްކޮށްފައިވާ ކަަމަށް އޭނާގެ ވަކީލުން ތުހުމަތުކޮށްފިއެވެ. ވަކީލުން ވިދާޅުވީ، ފުލުހުން އިމްރާން އަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ކެއުމަށް އިންސިއުލިން އެޅުމުގެ އިތުރުން ފާޚާނާއަށް ވަނުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ވަކީލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ބުރަކަށީގައި ރިއްސާކަމުގެ ޝަކުވާ އިމްރާން ވަނީ ކުރައްވާފައެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އިމްރާން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އިއްޔެ ކަނޑައަޅާފައެވެ. އަދި ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އިމްރާންގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރި މުޒާހަރާތަކުގެ ސަބަބުން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ހަތް މީހުން މަރުވެ، ގާތްގަނޑަކަށް 300 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އިސްލާމްއާބާދުގެ އިތުރުން އެހެނިހެން ޕްރޮވިންސްތަކުގައި ވެސް އަމާންކަން ދެމެހެއްޓުމަށް އަސްކަރިއްޔާ އިން ވަނީ ހަރަކާތްތެރިވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ މަތީ ފަންތީގެ އޮފިސަރެއްގެ ގެއަށް ވަދެ ގެއްލުން ދީފައެވެ. އިމްރާން ހައްޔަރުކުރީ ގިނަ ދުވަސްތަކެއް ވަންދެން ހަމަނުޖެހުން ހިނގުމަށް ފަހުއެވެ. އޭނާ މަރާލަން އަސްކަރިއްޔާގެ އިސް އޮފިސަރުން އުޅުއްވާ ކަމަށް އިމްރާން ވަނީ ތުހުމަތުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ