މާލެ: 31°C

އެންމެ އާބާދީ ބޮޑީ އިންޑިއާގައި؟

February 16, 2023
2 ފަހަރު ބަލާފައި
އެންމެ އާބާދީ ބޮޑީ އިންޑިއާގައި؟
އެންމެ އާބާދީ ބޮޑީ އިންޑިއާގައި؟
ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ވެގެންދާނީ 1.4 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވާނެ ކަމަށް އދ، އިން ލަފާ ކުރެ އެވެ. އެކަމަކު މަދުވެގެން އަހަރެއްހާ ދުވަސް ވަންދެން، އަދި އެއަށްވުރެ ދިގު މުއްދަތަކަށް، އެ ގައުމުގައި ތިބީ ކިތައް މީހުންކަން ނޭނގޭނެއެވެ. އެއީ އެ މީހުން ގުނާނުލެވޭތީއެވެ. އިންޑިޔާގައި 2021 ވަނަ އަހަރު ބޯހިމަނަން ނިންމި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެކަން އޮތީ ނުވެފައެވެ. ލޮޖިސްޓިކް ހުރަސްތަކުގެ ސަބަބުން ބޯހިމެނުން އަވަހަށް ފެށޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އިންޑިއާގައި ބޯހިމަނަނީ ކޮންމެ ދިހަ އަހަރުން އެއް ފަހަރެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ވަޒީފާ އާއި ބޯހިޔާވަހިކަމާއި، ލިޔަން ކިޔަން އެނގުން އާއި ހިޖުރަކުރުމުގެ ވައްޓަފާޅި އާއި ތުއްތު ކުދިން މަރުވުން ފަދަ ޑޭޓާތައް އަޕްޑޭޓް ކުރުން ލަސްވުމުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ރޭވުމާއި ސިޔާސަތުތައް ކަނޑައެޅުމަށް އަސަރުތައް ކުރެއެެވެ. އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް ޕޮލިސީގެ ފެލޯ ރަޗްނާ ޝަރުމާ ވިދާޅުވީ ހަރަދުކުރެވޭ އަދަދު ހޯދުމުގެ ސާވޭ އާއި ލޭބާ ފޯސް ސާވޭ ފަދަ ދިރާސާތަކަކީ ބޯހިމެނުން ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާތަކެއް ކަމަށެވެ. "އެންމެ ފަހުގެ ބޯހިމެނުމުގެ ޑޭޓާ ނެތުމުން އަންދާޒާތައް ބިނާވެފައި ވަނީ  ދިހަ އަހަރު ވެފައިވާ ޑޭޓާގެ މައްޗަށް، ހަގީގަތާ ދުރުގައި ހުރި އަންދާޒާތައް ލިބޭނެ ކަމަށް ބެލެވޭ،" ޝަރުމާ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް އެންމެ ފަހުން ގުނިއިރު ސަރުކާރުގެ ހަރަދުތައް ދެނެގަތުމަށް ބޭނުންވާ ޕްރޮޖެކްޝަންތަކާއި އަންދާސީ ހިސާބުތަކަށް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މިނިސްޓްރީގެ ދައުރަކީ އެންމެ ރަނގަޅު ޕްރޮޖެކްޝަންތައް ފޯރުކޮށްދިނުމުގައި އެކަނި އޮތް ދައުރެއް ކަމަށާއި، ބޯހިމެނުމުގެ މަރުހަލާއާ ބެހޭ ގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ. އެކަމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. ފެޑެރަލް ހޯމް މިނިސްޓްރީގެ އޮފިޝަލަކާއި އިންޑިއާގެ ރަޖިސްޓްރާ ޖެނެރަލްގެ އޮފީހުގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ލަސްވަނީ، ސަރުކާރުން ބޯހިމެނުމުގެ މަރުހަލާ ޓެކްނޮލޮޖީގެ ކުރިއަށް ގެންދަން ނިންމުމުންނެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މޯބައިލް ފޯނު އެޕްލިކޭޝަނަކުން ބޯހިމެނުމުގެ ޑޭޓާ އެއްކުރުމަށް ބޭނުންކުރާ ސޮފްޓްވެއާ، މިހާރު ހުރި އައިޑެންޓިޓީ ޑޭޓާބޭސްތަކާ "ސިންކްރޮނައިޒް" ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ގައުމީ އައިޑެންޓިޓީ ކާޑު ކަމަށްވާ އާދަރް ހިމެނޭ ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބާ ދިމާކޮށް، ވަޒީފާ ނެތް މީހުން ފަދަ ސިޔާސީ ގޮތުން ނާޒުކު މައްސަލަތަކުގެ މައުލޫމާތު ފޮރުވުމަށް ސަރުކާރުން ބޯހިމެނުން ލަސްކުރަމުންދާ ކަމަށް އިދިކޮޅު މައި ކޮންގްރެސް ޕާޓީ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ކޮންގްރެސްގެ ތަރުޖަމާނު ޕަވަން ކޭރާ ވިދާޅުވި ގޮތުގައި ސަރުކާރުން ވަރަށް ގިނަ ފަހަރަށް ފެންނަނީ ޑޭޓާއާ ހުޅުވާލެވިފައިވާ ވާދަވެރިކަން ކަމަށެވެ. "ވަޒީފާ އާއި ކޮވިޑް މަރު ފަދަ މުހިންމު ކަންކަމުގައި މޯދީގެ ސަރުކާރުން މުހިއްމު ޑޭޓާ ފޮރުވަން އިސްކަން ދޭ ގޮތް އަޅުގަނޑުމެންނަށް ފެނިއްޖެ." ޕަވަން ވިދާޅުވިއެވެ. ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ގޯޕާލް ކްރިޝްނާ އަގަރްވާލް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. "އަޅުގަނޑު އޮޅުން ފިލުވަން ބޭނުންވަނީ އެބޭފުޅުން މި ވިދާޅުވަނީ ކޮން އަސާސެއްގެ މައްޗަށްތޯ. ނުވަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާފޯމަންސް 65 އަހަރަށް ވުރެ ގޯސްވާ އިޖުތިމާއީ މިންގަނޑަކީ ކޮބައިތޯ؟" ކޮންގްރެސްގެ ވެރިކަމުގައި ހޭދަކުރި އަހަރުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. އދ އިން ލަފާކުރާ ގޮތުގައި އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ އާބާދީ 1،425،775،850 އަށް އަރާނެއެވެ. 2011 ވަނަ އަހަރުގެ ބޯހިމެނުމުގައި އިންޑިއާގެ އާބާދީ އަކީ 1.21 ބިލިއަނެވެ. 12 އަހަރުގެ ތެރޭގައި އިންޑިއާގެ އާބާދީ 210 މިލިއަން އިތުރުވެފައިވާއިރު އެ އަދަދަކީ ބްރެޒިލްގެ މުޅި އާބާދީއާ އެއްވަރު އަދަދެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ