މާލެ: 31°C

އީދު ކުޅިވަރަށް ހުޅުވާލިއިރު 'ކުޑަގިރި' އޮތީ ތައްޔާރުނުވެ، އެތައް ބަޔަކު ތާށިވެފައި ތިބެންޖެހުނު

April 22, 2023
2 ފަހަރު ބަލާފައި
އީދު ކުޅިވަރަށް ހުޅުވާލިއިރު 'ކުޑަގިރި' އޮތީ ތައްޔާރުނުވެ، އެތައް ބަޔަކު ތާށިވެފައި ތިބެންޖެހުނު
އީދު ކުޅިވަރަށް ހުޅުވާލިއިރު 'ކުޑަގިރި' އޮތީ ތައްޔާރުނުވެ، އެތައް ބަޔަކު ތާށިވެފައި ތިބެންޖެހުނު
އިއްޔެ ކުޑަގިރީގައި އީދު ފާހަގަ ކުރަން ހަރަކާތް ތަކެއް ހިންގާ އާންމުންނަށް ދައުވަތުދިން އިރު ގިނަ ބަޔަކު ގޮސްގެން ދިމާވެދާނެ ދައްޗަކަށް ތައްޔާރުވެފައި އޮތްހެނެއް ހިއެއްނުވެއެވެ. 'އީދު ފެސްޓް'ގެ ނަމުގައި އިއްޔެ ހެނދުނުން ފެށިގެން އެކި ހަރަކާތްތައް އެރަށުގައި ކުރިއަށް ދިޔަ އިރު ރަށަށް ދިއުމަށްޓަކާ ހާއްސަ ފެރީތަކެއް ވެސް އޮތެވެ. ކުޑަކުދިންނަށް ހާއްސަ ހަވީހަރަކާއި ރޭގަނޑުގެ ގާލާ ޑިނާ އަކާ މިއުޒުކް ޝޯއެއް ރާވާފައި އޮތް އިރު ހަމަ ޔަގީނުން ވެސް އެތައް ބަޔަކު ދާނެއެވެ. ބައެއް އާއިލާތައް އީދު އުފާ ލިިބިގަންނަން ދިޔައީ އާއިލާގެ ކުދިބޮޑު އެންމެން ގޮވައިގެންނެނެވެ. މުސްކުޅި މާމަ އާއި އެންމެ ތުއްތު ދަރިފުޅު ވެސްމެއެވެ. އެތައް ސަތޭކަ ބަޔަކު އިއްޔެ ކުޑަގިރިއަށް ޒިޔާރަތްކުރިއެވެ. އީދު އުފާ ފާހަގަކޮށް، އިރު އޮއްސުމުން އެންމެން ވެސް އަވަސްވެގަތީ އެނބުރި މާލެ/ހުޅުމާލެ ދިއުމަށެވެ. ކޮންމެ ގަޑިއަކު އެއްފަހަރު ފެރީ އޮތް ނަމަވެސް އިރުއޮއްސުމުން ދާން ބޭނުންވި ގިނަބަޔަކު ތިއްބެއެވެ. [caption id="attachment_86904" align="aligncenter" width="1600"] ޖެޓީމަތީގައި ގިނަބަޔަކު ތޮއްޖެހިފަ[/caption] ތާށިއެރީ އެހިސާބުންނެވެ. 6:45 ގަ ކުޑަގިރިން ފުރަން އޮތް ފެރީ ފުރި ބާރުވެ ޖެޓީ މަތީ އެތައް ބަޔަކު ތިއްބެވެ. އަނެއްކާ ވެސް 7:15 ގައި ފެރީން މާލެ ދާން ބޭނުން މީހުން ޖެޓީއަށް ދިއުމަށް ރިސެޕްޝަނުން އިއުލާން ކޮށްލިއެވެ. އަޅުގަނޑުވެސް އާއިލާއާ އެކު އަވަސްވެގަތީ ޖެޓީއަށްއެރުމަށެވެ. އިސާހިތަކު ޖެޓީ ފުރިބާރުވެ މީހުންގަނޑު ތޮއްޖެހިއްޖެއެވެ. 7:15 ގަ އައި ފެރީ ފުރާލާގެން ދިޔައިރު ވެސް ޖެޓީގަ ތިބި ގިނަ ބަޔަކަށް ނޭނގުނެވެ. އެހާ ވެސް ބާރުބޮޑެވެ. ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ކޮޅަށް ޖެޓީގައި ފިތި ބާރުވެގެން ތިބީ ދެން ފުރާނެ ފެރީއެއްގެ އިންތިޒާރުގައެވެ. ބައި ގަޑިއިރު ފާއިތު ވެގެން ދިޔަ އިރު ތުއްތު ކުދިންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މޫދައް އެރި ވަރުބަލިވެފައި ތިބި ކުދިންނަށް، ރޮވެން ފަށައިފިއެވެ. އެއްބައި ކުދިން ނިދިއައިސްގެން ރޮވެނީއެވެ. އަނެއްބައި ކުދިން ބަނޑުހައި ވެގެން ރޮވެނީއެވެ. ފިތި ބާރުވެ ހާސްވެގެން އުޅޭކުދިންނާއި މީހުންވެސް މަދެއްނޫނެވެ. އަނެއް ކަމަކީ އެރަށުން ވިއްކާ ބޯފެން ހުސްވެފައިހުރުމެވެ. ފެންފުޅި ހުސްވެެގެން ކަރުހިއްކައިގެންފައި ތިބި ކުދިންވެސް މަދެއްނޫނެވެ. ކޮޅަށް ތިބެ ވަރުބަލިވެގެން ހަލާކުވަނީއެވެ. އެއިރުވެސް އިތުރު ފެރީއެއް ނާދެއެވެ. މީހުން ތާށިވެފައި ތިބި މަންޒަރު، ސިރެޕްޝަނަށް ރީއްޗައް ފެންނާނެ އެވެ. އިތުރު ފެރީތައް ހަމަނުޖެއްސީ ކީއްވެބާއޭ ހިތައްއެރިއެވެ. ކުލަކުލައިން ދިއްލާފައޮތް ރީތި ފާލަމުގަ އެއްއަޑަކަށް ކުޑަކުދިންގެ ރުއިމުގެ އަޑު ހިފާފައިވާއިރު ތަނުގެ ހިތްގައިމު ކަމެއް ނުފެނެއެވެ. ހިތްވަރުގަދަ އެތައް މަންމައިންނެއް ތުއްތު ދަރިފުޅު ކޮނޑުމަތީގައި ނިންދަވައިގެން، އަނެއް ދަރިފުޅު މަސަލަސްކުރުމުގައި ތިބި އިރު ވެސް މައިންގެ ކެތްތެރިކަމުގެ މިސާލުފެނުނެވެ. [caption id="attachment_86907" align="aligncenter" width="599"] ނިދާފައޮތް ކުއްޖަކު އުރާލައިގެން ހުރި އަންހެނެއް-[/caption] އަނެއްކާ 7:45 ގަ ވެސް ފެރީއެއް އައެވެ. އެއީ ހަމައެކަނި ހުޅުމާލެއަށް ދާ ފެރީއެވެ. ނަވަަމެސް ގެއަށް ނުދެވިފަތިބި މީހުން އެއެއް މިއެއް ނުބަލާ ފެރީއަށް އަރައިފިއެވެ. އެފެރީވެސް އިސާހިތަކު ފުރިއްޖެއެވެ. އެކަމަކު ޖެޓީ މަތިން ކުޑަކޮށް ވެސް މީހުން މަދުވިހެން ހިއެއްނުވެއެވެ. އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލިއެވެ. މީހުންގަނޑު ފަޅާލާފައި އެއްގަމަށް އަރާ ރިސެޕްޝަނަށް ދިޔައިމެވެ. " ކޮން އިރަކު ތޯ އިތުރު ފެރީއެއް އަންނާނީ، ކުޑަކުޑަ ކުދިނަށް ރޮވެނީ " އަޅުގަނޑު އަހާލީމެވެ. " 5 މިނިޓް ތެރޭ ފެރީއެއް އަންނާނެ އޭ ބުނީ ދެންމެ ގުޅާލީމަ، އަޅުގަނޑުމެނަށް ވެސް އަންޑަސްޓޭންޑްވޭ" ރިސެޕްޝަނުގަ އިން ކުއްޖާ ބުނެލިއެވެ. " މިގަޑީގަ ވާނެ ނޫންތޯ އެކްސްޕްރެސް ފެރީތައް ހަމަޖައްސަން، ދޯނި ފެރީ މިހިސާބަށް އަންނަން ވެސް އެއްގަޑި އިރު ނަގާނެ ނޫންތޯ " އަޅުގަނޑު ބުނީމެވެ. " އެކްސްޕްރެސް ފެރީ ޖެހޭނީ ކުރީބައިގަ ބުކްކުރަން" އެކުއްޖާ ބުންޏެވެ. ތެދެކެވެ. ފަސޭހަ ގޮތް އޮންނާނީ ފައިސާ ވެރިންނަށެވެ. އެކްސްޕްރެސް ފެރީގެ ޓިކެޓަކީ ބޮލަކަށް 150 ރުފިޔާއެވެ. ކުރީބައިގަ ބުކްކުރަން ޖެހެއެވެ. އަޅުގަނޑުގެ ސުވާލަކީ، މެނޭޖްކުރުމުގެ މައްސަލައަކާހެދި އެތައް ބަޔަކު ފިތިބާރުވެފައި ދެގަޑި އިރު ތިބެން ޖެހުނު އިރު ކުއްލިހާލަތުގައި އަމަލުކުރާނެ އުސޫލެއް ނެތީތޯއެވެ. އެފަދަ ހާލަތުގައި އެކްސްޕްރެސް ފެރީ ނުގެނެވޭނެތޯއެވެ. [caption id="attachment_86910" align="alignnone" width="629"] ފެރީތައް ފުރިފައި[/caption] 5 މިނިޓް ތެރޭ އަންނާނެ ކަމަށް އަޅުގަނޑު ގާތު ބުނި ފެރީ އައީ އޭގެ 15 މިނިޓް ފަހުންނެވެ. ނަސީބަކުން އެއަށް އަރަން ފުރުސަތު ލިބުނެވެ. ނަމަވެސް އެއިރުވެސް ޖެޓީމަތީގައި އެތަށް ބަޔަކު ތިއްބެވެ. ހިތައް އެރިއެވެ. ޖެޓީއަށް މީހުން އެރުވުން ވެސް ވަކި އުސޫލަކުން ރޭވިނަމައެވެ. ތުއްތުކުދިން ގޮވައިގެން ތިބި މީހުން ކުރިން ދިޔަ ފެރީތަކުން ދާން ފުރުސަތު ދިން ނަމައެވެ. މިއީ ކުޑަގިރީގައި އީދު ފާހަގަ ކުރި ފުރަތަމަ ފަހަރެވެ. ދެންވެސް މިފަދަ ބޮޑު ހަރަކާތެއް ރާވާ ގިނަބަޔަކަށް ދައުވަތުދޭ އިރު ދިމާވެދާނެ ކަމަކަށް ކުރީބައިގަ ތައްޔާރުވާނެ ކަމަށް ހީކުރަމެވެ. ކުޑަގިރި ވަރަށް ވެސް ޗާލެވެ. ގިނަވަސީލަތްތައް ވެސް ރަނގަޅެވެ. ނަމަވެސް އިއްޔެ އެއްފަހަރާ ގިނަބަޔަކަށް ފުރިހަމަ ހިދުމަތްދެވުން ނަމައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ