މާލެ: 31°C

އީސްޓާ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް އިންސާފު ހޯދަން ގޮވާލާ މުޒާހަރާކޮށްފި

April 22, 2023
2 ފަހަރު ބަލާފައި
އީސްޓާ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް އިންސާފު ހޯދަން ގޮވާލާ މުޒާހަރާކޮށްފި
އީސްޓާ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް އިންސާފު ހޯދަން ގޮވާލާ މުޒާހަރާކޮށްފި
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި، 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 270 މީހުން ވަނީ މަރުވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އީސްޓާގެ އުފާފާޅުކުރުމުގެ ތެރޭގައި އެއްފަހަރާ ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބި ހަގީގީ ރޭވުންތެރިން ދެނެގަނެ އެކަން ހާމަކުރުމަށް ގޮވާލާފައެވެ. ފައްޅިތަކުގެ އިތުރުން ތިން ޓޫރިސްޓް ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 14 ގައުމަކުން 42 ބިދޭސީން ވަނީ މަރުވެފައެވެ. ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ހޯދައިދީ، ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހަމަލާ ރޭވިކަމުގެ ދައުވާ ދީނީ ހަރުުކަށި މުސްލިމް ޖަމާއަތްތަކުގެ ބަޔަކަށް އުފުލާފައިވާއިރު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ހުކުމް ކޮށްފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ކުރިއެރުމެއް ނުލިބޭތީ މާޔޫސްކަން ފާޅުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު ސްރީލަންކާގެ އެންމެ މަތީ ކޯޓުން ވަނީ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އާއި އިތުރު ހަތަރު ބޭފުޅުން، އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ބޮމުގެ ހަމަލާތައް ހިނގަން މެދުވެރިވި ކަމަށް ނިންމައި، އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ބަދަލު ދޭން އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުން ވަނީ ސިރިސޭނާގެ އަމިއްލަ ފައިސާއިން 100 މިލިއަން ރުޕީސް (273،300 ޑޮލަރު) ދެއްކުމަށް ވެސް އަންގާފައެވެ. އަދި ފުލުހުންގެ ވެރިޔާއާއި އިންޓެލިޖެންސްގެ އިސް ދެ އޮފިޝަލަކާއި އޭރު ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީގެ މައްޗަށް ޖުމްލަ 210 މިލިއަން ރުޕީސް (574،000 ޑޮލަރު) ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިޙުކުމް އިއްވާފައިވަނީ އަނިޔާ ލިބުނު މީހުންގެ ގާތް ތިމާގެ މީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ