މާލެ: 31°C

ޓެކްސީ ޑްރައިވަރެއްގެ ޑައިރީން ދަންވަރުގެ ދަތުރު 3: ނުރައްކާ! ހިތާމަ! ހައިރާން!

May 16, 2024
2 ފަހަރު ބަލާފައި
ޓެކްސީ ޑްރައިވަރެއްގެ ޑައިރީން ދަންވަރުގެ ދަތުރު 3: ނުރައްކާ! ހިތާމަ! ހައިރާން!
ޓެކްސީ ޑްރައިވަރެއްގެ ޑައިރީން ދަންވަރުގެ ދަތުރު 3: ނުރައްކާ! ހިތާމަ! ހައިރާން!

އެޑިޓަރުގެ ނޯޓު: ޓެކްސީ ޑްރައިވަރެއްގެ ޑައިރީން މެންދަމު ފަސް، މި މައިގަނޑު ސުރުހީގެ ދަށުން ލިއުންތެރިއާ ހުށައަޅައިދީފައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ބައެއް ކިއުންތެރިންނަށް ހީވެފައިވެއެވެ. އަދި އެއް ރެެއެއްގައި އެހާ ގިނަ ކަންކަން ހިނގާފާނެތޯ ސުވާލުވެސް އުފައްދާގައިވެއެވެ. މި ސީރީޒަކީ ލިއުންތެރިޔާ ރާއްޖޭގެ އިޖުތިމާއީ ދާއިރާގެ މައްސަލަތައް ދިރާސާކޮށް ލިޔަމުން ގެންދާ "ދަ ލޮސްޓް ސޮސައިޓީ" ފޮތުގައި ހިމެނޭ ދިރާސާ ލިއުންތަކުގެ ދިވެހި ތަރުޖަމާތަކެކެވެ. ހުރިހާ ހާދިސާއަކީ ވެސް ފުލުހުންނާއި ކައުންސެލަރުންނާއި ނަރުހުން ފަދަ ބޭފުޅުންގެ ފަސްޓް ހޭންޑް އިންޓަވިއުތަކުގެ އަލީގައި ލިޔެފައިވާ ހާދިސާތަކެވެ. ބައެއް ހާދިސާތައް ނަގާފައި އެވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ދިރާސާކޮށްގެންނެވެ. މިއީ އެއް ރެއެއްގައި ހިނގާފައިވާ ހާދިސާތަކެއް ނޫނެވެ. ލިއުންތެރިއާ ހުށަހަޅައިދެމުން އެގެންދަނީ އާންމުންގެ ޝައުގުވެރިކަން ހިފެހެއްޓޭނެ ގޮތަކަށް ސަބް ހެޑިން ނުޖަހައި، ތާރީޚު ވެސް ނުޖަހައެވެ.
  ވަރަށް ވިއްސާރަ ރެއެކެވެ. މާލޭގެ ބައެއް މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. ކާރު ދުއްވަމުން ދިޔައީ ބޮޑުފެންވަރުގޭ ކައިރިންނެވެ. ޒުވާން ފިރިހެނަކު އަތްނެގުމުން އެ ދިމާއަށް ޓެކްސީ މަޑުކޮށްލިއެވެ. ވައިފް (އަނބިމީހާ) ގޮވައިގެން އެބަ އަންނަމޭ ކިޔާފަ އެޒުވާނާ ގެއަކަށް ވަދެ ޒުވާން ފުރާގެ އަންހެން ކުއްޖަކު ގޮވައިގެން ނުކުމެ ކާރަށް އެރިއެވެ. ހެންވޭރު ކޮޅަށް ގެންގޮސްދޭން އެދުމުން އެދިމާއަށް މިސްރާބު ޖެހިއެވެ. އޭރުވެސް ވާރޭ ވެހެއެވެ. ހެންވޭރު ކޮޅަށް ދެވިއްޖެއެވެ. ބީޗުކައިރީގައި ހުންނަ ސްޓޭޖް ކައިރީގައި ކާރު މަޑުކޮށްލުމުން، އެމީހުން ކާރުން ފައިބާކަށް ނޫޅުނެވެ. ޑްރައިވަރު ލާރި ދޭންވީވަރު ބުމުން އެދެޒުވާނުން އެދުނީ އައިޖީއެމްއެޗް ހޮސްޕިޓަލު ކައިރިއަށް ގެންގޮސްދިނުމަށެވެ. އޭރު ގަޑިން ދަންވަރު ތިނެއް ޖަހަނީއެވެ. ވިއްސާރަ ރެއެއްކަމުން މާލޭގެ މަގުތައް އޮތީ އަމާންކޮށެވެ. ޑްރައިވަރު ނުތަނަވަސްވިއެވެ. މިވަގުތު އިތުރު ދތުރެއް ކުރެވޭކަށް ނެތޭ ބުނުމުން، އަންހެން ކުއްޖާ ކުއްލިއަކަށް އެނެގީ ބޮޑު ކަޓަރެކެވެ. ވަގުތުން އައީ އިންޒާރެވެ. އެމީހުން މާފަންނުކޮޅަށް ގެންގޮސްނުދީފިއްޔާ ކަރުބުރިކޮށްލާފަ ނޫނީ ކާރުން ނުފައިބާނެ ކަމަށް ބުނުމުން، ގަތް ބިރުން އަވަހަށް ކާރު މާފަންނަށް ދުއްވަން ފެށިއެވެ. ދަނީ ބޭރުމަގުންނެވެ. ކަޓަރު އަދިވެސް ހުރީ ޑްރައިވަރުގެ ކަރުގަ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ދަތުރުގެ މެދުތެރެއިން ފިރިހެން ކުއްޖާ އެހެން ޑިމާންޑެއްވެސް ކޮށްފިއެވެ. އެމީހުން މިރޭ ގެސްޓް ހައުސްއެއް ކުއްޔަށް ހިފުމަށް 1000 ރުފިޔާ ދިނުމެވެ. އެވަރަށް ފައިސާ ދެވެން ނެތޭ ބުނީމާ ވެސް ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން ޑްރައިވަރުގެ ވާތުކޮޑުގައި ކަޓަރުއެޅިއެވެ. އިންޗިއެއްވަރު ޗަހަމްކޮށްލިއެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. ލޭވެސް އައެވެ. ފުރާނައަށް ނުރައްކާވެދާނެކަން ކަށަވަރުވުމުން، ޑްރައިވަރުގެ ވޮލެޓުގައި ހުރި ހުރިހާ ލާރިއެއް އެ ކުދިންނަށް ދީފި އެވެ. އަދި އެވަރުން ވެސް ނިމުނީކީ ނޫނެވެ. ފޯނުކޮށްގެން އެ ގެނައީ ގުރޫޕެކެވެ. ދިހަ ވަރަކަށް ސައިކަލުގައި އައިސް އޭނާގެ ކާރު ވަށާލިއެވެ. ކާރު މަޑުކުރުމުން އެފެށީ ހަޑިހުތުރު ބަހުން ހަޅޭއްވަން ފެށިއެވެ. އިންޒާރުވެސް ދެނީ އެވެ މަރާލާނެ ކަމަށްވެސް ބުނަނީއެވެ. ކާރު ފުނޑުފުނޑުކޮށްލާނެ ކަމަށް ވެސް ބުނަނީ އެވެ. ދެ ޒުވާނުން ހެދި ބޮޑު ދޮގެއްގެ ސަބަބުންނެވެ. ފޯނުކޮށްފައި ގުރޫޕު ކުދިންގާތު އެ ދެ ކުދިން ބުނީ އަންހެން ކުއްޖާ ރޭޕުކުރަން ކާރު ޑްރައިވަރު މަސައްކަތްކުރީ ކަމަށެވެ. ކޮންފަދަ ނުރައްކާތެރި ރޭވުމެއް ހެއްޔެވެ؟ ދޮގެއް ހެއްޔެވެ؟ ޕޮލިހުންނަށް ރިޕޯޓުކޮށްފިނަމަ އަދި މާބޮޑުވަރުކޮށްލާނެކަމަށް ބުނެ، ކާރުގެ ބަފަރުގައި ބާރަށް ތަޅާ ބަނޑިކޮށްލާފަ އެމީހުން ފިލައިފިއެވެ. ކާރުގައި ތިބި ޒުވާނުން ވެސް ސައިކަލު ފަހަތުގައި ގޮއްސިއެވެ. ޑްރައިވަ ބިރުން ދެތިން ދުވަސް ވަންދެން ކާރަށް ނާރާ ގޭގައި މަޑުކުރިއެވެ. އަދި ޑޮކްޓަރަށް ދައްކައިގެން ޒަހަމަށް ފަރުވާ ދޭން ފެށިއެވެ. ޓެކްސީ މަރާމާތުކޮށް ޒަހަމް ރަނގަޅުވުމުން އަލުން ކާރަށް އެރި ރެއެވެ. ސެންޓަރުގެ ދަތުރަކަށް މިސްރާބު ޖެހިއެވެ. ކާރު މަޑުކޮށްލުމާއެކު މެދު އުމުރުގެ އަންހެނަކު ކާރަށް އަރާ އިށީނެވެ. އޭނާ އެދުނީ ކަސްޓަމްސްގެ ފުރަގަސް މަގުގެ ހަނި ގޯޅިއެއްގައި ހުންނަ ގެއަކަށެވެ. ދަތުރަށް ފެށިއެވެ. އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. މީހަކާ އިނދެގެންތޯ އުޅެނީ އެހިއެވެ. ޑްރައިވަރު އާނއެކޭ ބުނުމުން ހިނިގަނޑެއް ޖަހާލާފައި އަހާލިއެވެ؛ "ދެން އެހެން އަންހެނަކު ހަމަ ބޭނުމެއް ނޫންތަ؟" އޭނާ ވަގުތުން ދަޢުވަތު ދިނެވެ. އެކޮޓަރިއަށް ދިއުމަށެވެ. އަގަކީ 500 ރުފިޔާއެވެ. ހުރިހާ ކަމެއްވެސް އޮތީ ވާގޮތަށެވެ. އެފައިސާ އޭނާ ބޭނުންވަނީ ފެންބިލާއި ކަރަންޓްބިލުޔ ދެއްކުމަށް ކަމަށް އޭނަ ބުންޏެވެ. އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާގެ ކޮޓަރި ކުއްޔާއި ބިލުތަކާއި ކެއިން ބުއިމަށް ބޭނުންވާ ފައިސާ ހޯދަނީ އޭނާގެ ކޮޓަރިއަށްދާ "ހިތްހެޔޮ" ފިރިހެނުން ދޭ "ހަދިޔާ"އިންނެވެ. ޓެކްސީ ޑްރައިވަރު ވެސް އެމަޅީގައި ޖެހުނެވެ. ފަހުން އެކަމާ ވީ ދެރަ ލިޔެފައި އެބަހުއްޓެވެ. އެހެން ފަހަރަކުން އެވާހަކަތަކަށް ދާނީއެވެ. މިއީ އޭނާގެ ދަންވަރު ޑައިރީގެ މަދު ސަފުހާތަކެކެވެ. މިއިން ކޮންމެ ސަފުހާ އަކީ ވެސް އިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ބައިބޯ މާލޭގައި ހާލި ހަދާފައިވާ އިޖުތިމާއީ އެތައް މައްސަލައެކެވެ. މި މައްސަލަތައް ހައްލުކުރުމުގައި އިދާރާތަކުގެ ވިސްނުން ޖެހޭނީ ވަރަށް ބޮޑަށް ބަދަލުކުރާށެވެ. މައްސަލަތަކުގެ ހަގީގަތަށް ވާސިލުވެވޭނީ ފީލްޑު އޮފިސަރުންގެ މަސައްކަތްތަކުގެ ހިކުމަތް ވަރުގަދަކޮށް، މައްސަލަތަކަށް ވާސިލްވެވޭނެ ގޮތްތައް އަބަދުވެސް ދިރާސާކޮށްގެންނެވެ. ގިނަ މީހުންނާ ވާހަކަ ދައްކާ އިތުބާރު ގާއިމްކޮށްގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ