މާލެ: 31°C

ޑެންމާކުގެ ތަނެއްގެ ގޮތުގައި އޮތް ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

January 26, 2025
474 ފަހަރު ބަލާފައި
ޑެންމާކުގެ ތަނެއްގެ ގޮތުގައި އޮތް ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޑެންމާކުގެ ތަނެއްގެ ގޮތުގައި އޮތް ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޑެންމާކުގެ ރަސްކަމުގެ ދަށުގައި މިނިވަން ތަނެއްގެ ގޮތުގައި 14 ޖެނުއަރީ 1814 އިން ފެށިގެން އޮންނަ ގްރީންލޭންޑް އަކީ އެމެރިކާގެ ތަނަކަށް ހައްދަވާނެކަމަށް ވިދާޅުވެ، ޑެންމާކާ އެކު އާ މަޝްވަރާތަކެއް ކުރައްވާނެ ކަމަށާއި، ޑެންމާކުން އެކަމާ ދެކޮޅު ހެދުމަކީ ތަހްޒީބީ ރަހްމަތްތެރި ގޮތެއް ނޫންކަމަށްވިދާޅުވެ ޓްރަމްޕް ވަނީ ގްރީންލޭންޑްގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ޖެނުއަރީ 25 ވަނަ ދުވަހު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑްގެ 57،000 މީހުން އެމެރިކާ އާ އެކު އުޅެން ބޭނުންވާ ކަމަށް ވިދާޅުވެ، ގްރީންލޭންޑް އެމެރިކާ އަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ޕްރެސް ބްރީފިންގައި ގްރީންލޭންޑާ ބެހޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވީ ގްރީންލޭންޑްގެ ރައްޔިތުން ބޭނުންވަނީ އެމެރިކާ އާއެކު ތިބެން ކަމަށެވެ.

ޑެންމާކުން ގެންގުޅޭ ގްރީންލޭންޑް ގެ މިލްކްވެރިކަމާ މެދު ސުވާލު އުފައްދަވަމުން ޓްރަމްޕް ވިދާޅުވީ ގްރީން ލޭންޑްގެ ކޮންޓްރޯލް އެމެރިކާ އަށް ބަދަލުކުރަން ދެކޮޅު ހެދުމަކީ ވަރަށް ނާތަހްޒީބް އަމަލެއް ކަމަށާއި، އަދި އެއީ މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށާއި،  އެގޮތުން މިނިވަންކަން ހޯދައިދެވޭނެ ބަޔަކީ އެމެރިކާ ކަމަށެވެ. މިނިވަންކަން ފުރިހަމަވާނީ އެމެރިކާގެ ދަށުގައި އޮތުމުން ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަންއާ ފޯނުން ހޫނު މުއާމަލާތެއް ކުރި ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. ގްރީންލޭންޑަށް ޓްރަމްޕްގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތްކަން ފާހަގަކުރައްވަމުން ޑެންމާކުގެ ބޮޑުވަޒީރު ފްރެޑެރިކްސަން ވިދާޅުވީ ގެރީންލޭންޑަކީ މަޝްވަރާއަށް އޮތް މައްސަލައެއް ނޫންކަމަށެވެ.

ޓްރަމްޕްގެ ފުރަމަމަ ވެރިކަމުގައި 2019 ވަނަ އަހަރު ވެސް ގްރީންލޭންޑަކީ ދުނިޔޭގެ ސަލާމަތަށް މުހިއްމު ތަނެއް ކަމަށް ވިދާޅުވެ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ވަނީ ދާދި ފަހުން އެ ވިސްނުން އާކުރައްވައި ގްރީންލޭންޑް ދޫކޮށްލަން ޑެންމާކުން ދެކޮޅު ހަދައިފި ނަމަ ޑެންމާކުން ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕް ގެ ހުށަހެލުއްވުމާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު ފްރެޑްރިކްސަން ހުށަހެޅުއްވީ އެމެރިކާ އާއި ގްރީންލޭންޑާ ދެމެދު އަސްކަރީ އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހިކޮށް، މިނަރަލް ވަސީލަތްތައް ހޯދުމަށް އެއްކޮށް މަސައްކަތްކުރުމަށް ނަމަވެސް، ޓްރަމްޕް ވަނީ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ބާރު އަޅުއްވައި އެކަން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލާގެ ރައްދު ދެއްވައި ގްރީންލޭންޑްގެ ބޮޑުވަޒީރު މުޓޭ އެގެޑޭ ވިދާޅުވީ ގްރީންލޭންޑްގެ ބިން ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމާނީ ހަމައެކަނި ގްރީންލޭންޑުގެ ރައްޔިތުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ