މާލެ: 31°C

ޑިމޮކްރަސީގެ މިސާލެއް ނުދެއްކުނު، އުފައްދަނީ ވަކި ޖަމާއަތެއް!

January 30, 2023
2 ފަހަރު ބަލާފައި
ޑިމޮކްރަސީގެ މިސާލެއް ނުދެއްކުނު، އުފައްދަނީ ވަކި ޖަމާއަތެއް!
ޑިމޮކްރަސީގެ މިސާލެއް ނުދެއްކުނު، އުފައްދަނީ ވަކި ޖަމާއަތެއް!
ރައްޔިތުން ފުރަތަމަ ލީ ވޯޓު، ސުޕްރީމްކޯޓުން ބާތިލުކޮށް، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންވީ ގޮތުގެ ގައިޑް ލައިން ހަދައިގެން ނަތީޖާ ނެރުނު، 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އެ ފަހަރު ބަލިވި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ގަބޫލުކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ޔާމީނަށް އެމަނިކުފާނު ހަމަ އެކަނި މަރުހަބާ ވިދާޅުވީ އެއް ނޫނެވެ. ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގެންނެވި އެވެ. އޭރު އެތައް ބަޔަކު ބުނީ މަނިކުފާނު އެ ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބަށް ފަހު އެހެން ނަމަވެސް ނަޝީދަކަށް އެ ނަމޫނާއއް ނުދެއްކެވުނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު އެއްޗެއް ވިދާޅު ނުވެ 24 ގަޑި އިރު ހުންނެވީ އެވެ. އެ އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ މައްސަލަތަކެއް ނެތްކަން އިންތިހާބާ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ސާބިތުކޮށްދިންތާ 24 ގަޑި އިރު ވީ އިރު ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެންމެ ފަހުން އިންތިހާބުގެ ޖަތީޖާއާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އިރު ނަޝީދު އެކަން ވެސް ކުރެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު އުސޫލުތަކާ ވެސް ހިލާފަށެވެ. މީޑިއާގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން، "ސްޓޭޓްމަންޓެއް" ދެއްވައި އެއަށް ފަހު ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަަމުގެ އިންތިޒާރުގައި ނޫސްވެރިން ތިއްބާ، ވޯޓުގެ ނަތީޖާއާ ބެހޭ ސްޓޭޓްމަންޓް ފޮނުއްވީ ވަޓްސްއެޕް ގްރޫޕަކަށެވެ. "އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެ ކަމަށް،" އެ މެސެޖްގައި ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޮޅުވައިލުންތަކެއް ހުރިކަމަށް ތުހުމަތު ކުރައްވައި، އެ އޮޅުވައިލުންތަކަށް ކެނޑީމާ ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓު މަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެެހެން ނަމަވެސް ސާފުކޮށް ވިދާޅުވީ އެބައި އުނިކުރިޔަސް، "ކުޑަ ފަރަގަކުން ސޯލިހު މޮޅުވާނެ ކަމަށް" ލަފާކުރައްވާ ކަމަށެވެ. އެމްޑީޕީގެ ގަވައިދަކީ އަދި އެޕާޓީން މިހައިތަނަށް އަމަލުކުރަމުން އަންނަ ގޮތަކީ ވެސް، އެތެރޭގެ އިންތިހާބަކުން މޮޅުވާ ފަރާތަކާ އެކު މުޅި ޕާޓީ ކުރިއަށް ދިއުމެވެ. އެހެން ނަމަވެސް ނަޝީދު މިއަދު ކުރިއަށް ނެރުއްވީ މުޅިން އެހެން ގޮތެކެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރާ އެކަމަކު ހަމަ އެމްޑީޕީގެ ނަމުގައި ގޮފިތަކެއް ހިންގަވާށެވެ. "އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑައިލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެމީހުންނާ އެކު އަޅުގަނޑުމެނަށް ފެންނަ ގޮތް ނިންމުމަށް،" ނަޝީދު ވިދާޅުވި އެވެ.

ކަނޑައިލިކަމަށް ބުނާ 39،000 މީހުންގެ ހަގީގަތް

އެމްޑީޕީގެ 39،000 އަށް ވުރެ ގިނަ މީހުން އެޕާޓީން ކަނޑާލާފައިވާ ކަމަށް ވިދާޅުވެ، ނަޝީދު ތަކުރާރުކުރައްވަމުން ގެންދަވާ ވާހަކަފުޅަށް އެޕާޓީން ވަނީ ރިޔާސީ ޕްރައިމަރީގެ މާ ކުރިން ޖަވާބުދީފަ އެވެ. އެ އިންތިހާބަށް ކޮމިޓީ ނަގަން، ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ނަޝީދުގެ އަރިސް ބޭފުޅުން އެ މައްސަލަ ނެންގެވުމުން، ޗެއާޕާސަން، ފައްޔާޒް އިސްމާއީލް ޖަވާބު ދެއްވީ ތަފާސް ހިސާބުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފުތަރުން އުނިކުރި މީހުންގެ ތެރެއިން 6،350 މީހުންނަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އޮތް މީހުންނެވެ. އެހެން 3،845 މީހަކު އޮތީ އެމްއެންޕީގެ ދަފުތަރުގަ އެވެ. ޖޭޕީގެ ދަފުތަރުގައި 3،788 މީހުން އޮތެވެ. އަދާލަތުގެ ދަފުތަރުގައި 1،711 މީހުން އޮތެވެ. އެހެން ގޮސް ކުދިކުދި އެހެން ޕާޓީތަކުގެ ދަފުތަރުގައި އޮތް މީހުން ވެސް އެ  39،000 ގެ ތެރޭގައި ހިމެނެ އެވެ. ފައްޔާޒު އޭރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފުތަރުން އުނިކުރި މީހުންގެ ތެރެއިން ޕާޓީއެއްގެ ދަފުތަރުގައި ނެތީ 11،014 މީހުންނެވެ. އެމްޑީޕީގެ ދަފުތަރުން 39،000 އަށް ވުރެ ގިނަ މީހުން އުނިކުރީ އިލެކްޝަންސް ކޮމިޝަން (އީީސީ) ގައި އޮންނަ ދަފުތަރާއިޕާޓީގެ އެތެެރޭގެ ދަފުތަރު އެއްގޮތް ކުރުމަށެވެ. އޭރު އުނިކުރި މީހުން އަލުން ފޯމު ހުށަހަޅައިގެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ސައްހަވާން މުހުލަތެއް ވެސް ދިނެވެ. މި ހަގީގަތް މިހެން އޮތަސް ނަޝީދު މިއަދު ވިދާޅުވީ ޕާޓީން ކަނޑައިލި 39،000 މީހުން އަލުން ވައްދައިގެން ، "ފިކުރެއްގެ ދިރުން" މި ނަމުގައި ގޮފި ހިންގަވާ ވާހަކަ އެވެ. އެމްޑީޕީގެ ގޮފިތަކެއްގެ ގޮތުގައި އުފައްދާ އެ ގޮފިތަކުން އެކަމަކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކށް ތާއީދެއް ވެސް ނުކުރާނެ އެވެ. އެމީހުން ތާއީދުކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ނަޝީދު ވިދާޅުވި ގޮތުން ނަމަ އަދި ފަހުންނެވެ. އެ ކަމަކު އެފަދަ ކެންޑިޑޭޓެއްގެ އެންމެ އަސާސީ ސިފަ އެމަނިކުފާނު މިއަދު ވިދާޅުވި އެވެ. އެއީ "ރިޔާސީ އިންތިހާބުގެ ކުރިން ޕާލަމެންޓްރީ ނިޒާމަށް ބަދަލުވާން" ތާއީދުކުރުމެވެ. މިސާލަކަށް އެފަދަ ކެންޑިޑޭޓަކީ އިދިކޮޅު ޕީޕީއެމްޕީއެންސީން ނެރޭ ކެންޑިޑޭޓަށް ވީ އެވެ. އެހާލަތުގައި ފިކުރެއްގެ ދިރުމުން ތާއީދުކުރާނީ އެ ބޭފުޅަކަށެވެ. އޭރުން ވެސް އެގޮފިތައް ވާނީ ހަމަ އެމްޑީޕީގެ ގޮފިތަކަކަށްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އެނގޭ ކަމަކީ އޭރުން އުފެދޭނީ ވަރަށް ބޮޑު ގަޑުބަޑެއް ކަމެވެ. އެމްޑީޕީގެ ނަަމާއި ދިދަޔާއި ކުލަޔާއި ވަސީލަތްތައް ބޭނުންކޮށްގެން އެޕާޓީއާ ވާދަވެރި ކެންޑިޑޭޓެއްގެ ފަހަތުގައި މަސައްކަތް ކުރުމަކީ ހަމަ ޖެހޭ ކަމެއް ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ  އެވެ. އެއީ ޑިމޮކްރަސީގެ ރީތި މިސާލު ދެއްކުމެއް ނޫނެވެ. އެއީ ބޮޑު ގަޑުބަޑެއް ފެށުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ