މާލެ: 31°C

ކޮވިޑާ ގުޅުވައި ޗައިނާމީހުންނަށް އެޅި ފިޔަވަޅުތައް ބަލައެއް ނުގަންނަން: ޗައިނާ

January 4, 2023
2 ފަހަރު ބަލާފައި
ކޮވިޑާ ގުޅުވައި ޗައިނާމީހުންނަށް އެޅި ފިޔަވަޅުތައް ބަލައެއް ނުގަންނަން: ޗައިނާ
ކޮވިޑާ ގުޅުވައި ޗައިނާމީހުންނަށް އެޅި ފިޔަވަޅުތައް ބަލައެއް ނުގަންނަން: ޗައިނާ
ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ނަމުގައި ޗައިނާއިން އެހެން ގައުމުތަކަށް އެތެރެވާ މީހުންނާ މެދު އަޅާފައިވާ ފިޔަވަޅުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ އެގައުމުންް ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އެހެން ގައުމުތަކަށް ދަތުރުކުރާ ޗައިނާ ރައްޔިތުންްް އެ ގައުމުތަކަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތިއްޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ އުސޫލެއް ކަނޑައަޅާފައެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ ޖަޕާން އަދި ފްރާންސް ހިމެނެއެވެ. ޗައިނާގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ "ޒީރޯ-ކޮވިޑް" ސިޔާސަތުތައް އުވާލުމުންނެވެ. އެއާ އެކު ބަލި ޖެހޭ މީހުން އިތުރުވެ ހޮސްޕިޓަލްތައް ފުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިޔާސަތުތައް އުވާލުމާއެކު ޗައިނާގެ ބޯޑަރުތައް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެއްވެސް ހުރަހެއް ނެތި ގައުމުން ބޭރަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަދާފައެވެ. ޗައިނާއަށް އެތެރެވާންވެސް މިހާރު ޕީސީއާރް ޓެސްޓެއް ހަދާކަށް ނުޖެހެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބައެއް ގައުމުތަކުން އެތެރެވުން މަނާކޮށްފައި ވަނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. "މިކަމުގައި ސައިންޓިފިކް އަސާސެއް ނެތް، ބައެއް ޕްރެކްޓިސްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. އުސޫލުތައް ހަރުކަށި ކުރި ގައުމުތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. ޗައިނާއިން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ފްރާންސްގެ ބޮޑުވަޒީރު އެލިޒަބެތު ބޯން ވަނީ އާ ގަވައިދު ދިފާއު ކުރައްވާފައެވެ. "ޓެސްޓުތަކަށް ހެދުމުގައި އަހަރެމެންގެ ވާޖިބު އަދާކުރާނަން. އަދި އެކަން ކުރިއަށް ގެންދާނެ" ފްރާންސެއިންފޯ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. އެމެރިކާ ފަދަ ގައުމުތަކުން ވެސް ވަނީ އިންފެކްޝަންގެ ޑޭޓާއާ މެދު ބެއިޖިންގައި ދެފުށް ފެންނަ ގޮތް ނެތް ކަމަށް ބުނެފައެވެ. އަދި އާ ވޭރިއަންޓްތަކުގެ ނުރައްކާ އޮތް ކަމަށްވެސް ބުންޏެވެ. ޑިސެމްބަރު މަހުން ފެށިގެން ޗައިނާއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ އެންމެ 22 މީހުންނެވެ. އެފަދަ މަރުތައް ގިންތިކުރުމުގެ ޝަރުތުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވެއެވެ. ޝަންހާއީގެ އެންމެ އިސް ހޮސްޕިޓަލެއްގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވީ އެ ސިޓީގެ އާބާދީގެ 70 އިންސައްތަ މީހުންނަށް މިހާރު ކޮވިޑް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ރުއިޖިން ހޮސްޕިޓަލްގެ ވައިސް ޕްރެޒިޑެންޓް އަދި ޝަންހާއީގެ ކޮވިޑް އެކްސްޕާޓް އެޑްވައިޒަރީ ޕެނަލްގެ މެމްބަރެއް ކަމަށްވާ ޗެން އެރްޒެން ލަފާކުރައްވާ ގޮތުގައި އެ ސިޓީގެ 25 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބަލި ޖެހިފައިވުން އެކަށީގެންވެއެވެ. ކޮމިއުނިސްޓް ޕާޓީގެ ނުފޫޒު އޮންނަ ޕީޕަލްސް ޑެއިލީގެ ޖިއަންގްޑޮންގް ސްޓޫޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިހާރު ޝަންހާއީގައި ބަލި ފެތުރޭ މިންވަރު ވަރަށް ފުޅާ ކަމަށެވެ. އާބާދީގެ 70 ޕަސެންޓަށް އެ ބަލި ފޯރާފައިވާ ކަމަށް ބެލެވޭ ކަމަށާއި އެއީ އޭޕްރީލް އަދި މެއި މަހަށް ވުރެ 20 ގުނަ އާއި 30 ގުނަ އިތުރު އަދަދެއް ކަމަށެވެ. ބެއިޖިން، ޓިއާންޖިން، ޗޮންގްކިންގް އަދި ގުއާންޒޫ ފަދަ ބޮޑެތި ސިޓީތަކުގައި ވެސް ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ ކޮވިޑްގެ ރާޅު މިހާރު ވެސް އެންމެ މައްޗަށް ގޮސްފައިވާ ކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ