މާލެ: 31°C

ކޮރަޕްޝަންގެ ތުހުމަތުގައި ދިއްލީގެ ޑެޕިއުޓީ ސީއެމް ހައްޔަރުކޮށްފި

February 28, 2023
2 ފަހަރު ބަލާފައި
ކޮރަޕްޝަންގެ ތުހުމަތުގައި ދިއްލީގެ ޑެޕިއުޓީ ސީއެމް ހައްޔަރުކޮށްފި
ކޮރަޕްޝަންގެ ތުހުމަތުގައި ދިއްލީގެ ޑެޕިއުޓީ ސީއެމް ހައްޔަރުކޮށްފި
ކޮރަޕްޝަންގެ ތުހުމަތުގައި އިންޑިއާގެ ވެރިރަށް ދިއްލީ ހިމެނޭ ދިއްލީ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ ހައްޔަރުކޮށްފިއެވެ. އާދީއްތަ ދުވަހު އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ސިސޯޑިއާ ހައްޔަރުކުރީ ދިއްލީގައި ރާ ގެނައުމުގެ ސިޔާސަތުތަކުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ. އެ ތުހުމަތުތަކަށް ސިސޯޑިއާ އަދި އޭނާ ނިސްބަވްތާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ވަނީ އިންކާރުކޮށްފައެވެ. ސިސޯޑިއާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.  ދިއްލީގައި ހުންނަ އެ ޕާޓީގެ މައި މަރުކަޒުގެ ބޭރުގައި އޭއޭޕީގެ މެމްބަރުން ގެންދަނީ އިހުތިޖާޖުކުރަމުންނެވެ. ސީބީއައި، ކޯޓު އަދި ބީޖޭޕީގެ އޮފީހާ ދިމާލަށް އިހުތިޖާޖުގެ ބައިވެރިން މިސްރާބު ޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ. ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ. ޕަންޖާބު ސްޓޭޓްގެ ވެރިރަށް ޗަންދީގަރުގައި ވެސް އޭއޭޕީގެ މެންބަރުން ދަނީ މުޒާހަރާ ކުރަމުންނެވެ. މުމްބާއީ، ބެންގަލޫރު، ބޯޕާލް އަދި އެހެން ބައެއް ސިޓީތަކުގައި ވެސް ވަނީ މުޒާހަރާކުރަން ފަށައިފައެވެ. ދިއްލީގައި އޭއޭޕީ އާއި ބީޖޭޕީއާ ދެމެދު ވަނީ ގިނަ މައްސަލަތަކެއްގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބީޖޭޕީން ދަނީ ތަކުރާރުކޮށް އޭއޭޕީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީން މުއައްސަސާތައް ބޭނުންކޮށްގެން އޭއޭޕީގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރއެވެ. މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރު ދިއްލީގެ ހެލްތު މިނިސްޓަރު ސަތޭންދްރަ ޖެއިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ދިއްލީގެ ކޯޓަކުން ކަފާލާތުގެ މައްސަލަ ބޭރުކޮށްލުމުން އޭނާ އަދިވެސް ހުންނެވީ ޖަލުގައެވެ. އޭއޭޕީއަކީ ކޮރަޕްޝަނާ ދެކޮޅަށް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށި ބޮޑު ހަރަކާތުން އުފެދުނު ޕާޓީއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ