މާލެ: 31°C

ކްލޭ ސްޓޫޑިއޯ: އުފެއްދުންތެރިންނަށް ހުޅުވި އާ ދޮރެއް!

March 21, 2023
2 ފަހަރު ބަލާފައި
ކްލޭ ސްޓޫޑިއޯ: އުފެއްދުންތެރިންނަށް ހުޅުވި އާ ދޮރެއް!
ކްލޭ ސްޓޫޑިއޯ: އުފެއްދުންތެރިންނަށް ހުޅުވި އާ ދޮރެއް!
ސެރަމިކް ނުވަތަ މުށިން ތަކެތި އުފެއްދުމުގެ ސިނާއަތަކީ އެތައް ހާސް އަހަރެއްވީ ގަދީމީ ސިނާއަތެކެވެ. ކްލޭ (ވަކި ބާވަތެއްގެ ކިސަޑެއް) އެއީ ބޭނުން ވަރަކަށް ލިބެން އޮތް އެއްޗެއް ކަމާއި ފެނާ އެއްކުރުމަށް ފަހު އެއިން އެއިން ބައްޓަންތައް ނެރެ އަލިފާނުން ހޫނުކޮށްގެން އެއްޗިހި އުފެއްދޭކަން އިންސާނުންނަށް އެނގުނު ހިސާބުން އުފެދުނު މުހިއްމު ސިނާއަތެކެވެ. މުށިން ހަދާފައިވާ އެއްޗިހީގެ ތެރެއިން މިހައިތަނަށް ފެނިފައިވާ އެންމެ ގަދީމީ އެއްޗަކީ މިހާރުގެ ޗެކް ރިޕަބްލިކް ސަރަހައްދުން ފެނުނު އަންހެން ސޫރަ އެކެވެ. ބެލެވޭ ގޮތުަގައި އެއީ މީގެ 28،000 އަހަރު ކުރީގެ އުފެއްދުމެކެވެ. މުށިން އެއްޗިހި ހެދުމަކީ ކިތަންމެ ގަދީމީ ސިނާއަތެއް ކަަމަށް ވިޔަސް ރާއްޖޭގައި އެ މަސައްކަތް އެއްވެސް އިރެއްގައި އެ މަސައްކަތް ކުރިކަން އެނގޭކަށް ނެތެވެ. ހުޅުމާލޭގައި މިރޭ ހުޅުވި "ދަ ކްލޭ ސްޓޫޑިއޯ" ގެ މަގުސަދަކީ މި ގަދީމީ މަސައްކަތް ރާއްޖެއަށް ހަމަ އެކަނި ތައާރަފްކުރުމެއް ނޫނެވެ. އެ ދާއިރާއިން އުފެއްދުންތެރި މީހުން ބިނާކުރުމާ އެކު ސިނާއަތެއްގެ ގޮތުގައި އެކަން ރާއްޖޭގައި ދިރުވުމެވެ. ކްލޭ ސްޓޫޑިއޯގެ ކޯފައުންޑާ އަހުމަދު މުއާޒު "މިނިވަން" އަށް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ނެތް މަސައްކަތެއް އާލާކޮށް ފުޅާ ކުރުމުގެ މަސައްކަތެކެވެ. އެގޮތުން ބަލާ ނަމަ މިއީ ހަމަ އެކަނި ވިޔަފާރިއެއް ނޫނެވެ. އިޖުތިމާއީ ބޮޑު ހިދުމަތެކެވެ. "މިތަނުން ވަރަށް ގިނަ ބަޔަކަށް ފުރުސަތު ހުޅުވިގެންދާނެ. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ރާއްޖޭން ސެރަމިކް ގިނަ މަސައްކަތްތެކެއް ފެނިގެންދާނެ،" މުއާޒް ވިދާޅުވި އެވެ.   ކްލޭ ސްޓޫޑިއޯއިން ރާއްޖޭގެ އަމިއްލަ ގިނަ ބާވަތްތަކެއްގެ ތަކެތި އުފައްދާ އިރު އެ މަސައްކަތް މީހުންނަށް ދަސްކޮށްދޭން ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ އެވެ. އެއާ އެކު އެމަަސައްކަތް ދަސްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަސައްކަތްކުރާ ތަންތަން ގާއިމްކޮށްދިނުމަކީ ވެސް އެތަނުން ކުރާނެ ކަމެކެވެ.

ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް

ކްލޭ ސްޓޫޑިއޯއިން ކުރިއަށް ގެންދަން ރާވާފައިވާ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮފްރާމްތައް ބަހާލާފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އެންމެނަށް ވެސް ހުޅުވާލައިގެން ހިންގާ ދިގުމުއްދަތުގެ ކޯސްތަކެއް ހިމެނޭ ބަޔަކާއި ވިޔަފާރިތަކާއި މުއައްސަސާތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ހިންގާ ކްލާސްތަކެވެ. އެ ދެބައިގައި ވެސް ހިމެނޭނީ މުށިން އެއްޗހި ހެދުމުގެ ދެ ވައްތަރެއްގެ މަސައްކަތެވެ. އެއީ "ހޭންޑް ބިލްޑިން" (އަތުން ބައްޓަންކޮށްގެން އެއްޗިހި ހެދުން) އަދި "ވީލް ތުރޯވިން" ( ބުރެއްގައި އަނބުރައިގެން) އެއްޗިހި ހެދުމެވެ. ބިގިނާ ވީލް ތްރޯވިން: ވީލް ތުރޯވިން އަކީ މައިގަނޑު ގޮތެއްގައި ތަށްޓާއި ފުފޭ އާއި ގުޅި އަދި ވާސް ފަދަ ތަކެތި އުފެއްދުމުގެ ބައެވެ. އޭގައި ކުރާނެ ކަމަކީ ކްލޭގަނޑު ތައްޔާރުކޮށް ބުރެއްގައި އަޅުވައިގެން އަނބުރަމުން ބޭނުންވާ ބައްޓަންތައް ނެރުމެވެ. މިއީ އާ ކަމެއް ދަސްކޮށްލުމުގެ ގޮތުން ނުވަތަ ހާސްކަން ފިލުވައިލަން ވެސް މޮޅު މަަސައްކަތެކެވެ. ކްލޭ ސްޓޫޑިއޯގެ ބިގިނާ: ވީލްތުރޯވިންގައި އޮންނާނީ އެކަމަށް ހުންނަ އާލާތްތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާއި މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ސްޓޫޑިއޯގައި އަމަލީ ގޮތުން މަސައްކަތް ކުރުމެވެ. މި ބައިގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންނަށެވެ. ބިގިނާ: ހޭންޑް ބިލްޑިން: މި ކްލާހުގައި ދަސްކޮށްދޭނީ އަތުން އެއްޗިހި ބައްޓަންކޮށްގެން މުށިން އެއްޗިހި ހަދާށެވެ. ހަ ސެޝަނަކުން ނިމޭ މި ޕްރޮގްރާމްގައި މުށިން އެއްޗިހި އުފެއްދުމުގެ އަސާސީ ހުރިހާ މައުލޫމާތެއް ދޭނެ އެވެ. ކުރު ގޮތަަކަށް ބުނާ ނަމަ މުށިން އެއްޗިހި ބައްޓަން އުފައްދާނެ ގޮތް މި ޕްރޮގްރާމުން ދަސްކުރެވޭނެ އެވެ. ކުރިން އެއްވެސް ތަޖުރިބާއެއް ނެތަސް މިއީ ވަރަށް މަޖާ ކޮށް މި މަސައްކަތް ދަސްކޮށްލެވޭނެ ޕްރޮގްރާމެކެވެ.

ތަންތަނަށް ހާއްސަ ތަކެތި އުފެއްދައިދިނުން

ކްލޭ ސްޓޫޑިއޯއިން ކުރާނެ ހަމަ އެކަނި ކަމަކީ މުށިން އެއްޗިހި ހަދަން މީހުންނަށް ދަސްކޮށްދިނުމެއް ނޫނެވެ. ރާއްޖޭގެ ބާޒާރަށް އެތަނުން އުފެއްދުންތައް ނެރޭނެ އެވެ. އެއަށް ވުރެ ވެސް ހާއްސަ ކަމަކީ ކެފޭ ރެސްޓޯރެންޓްތަކާއި އެނޫން ވެސް ތަންތަނަށް ބޭނުންވާ ހަމަ އެކަނި އެތަންތަނަށް ހާއްސަ ތަކެތި އުފައްދައި ދިނުމެވެ. މުއާޒު ވިދާޅުވި ގޮތުގައި ރެސްޓޯރެންޓަކަށް ވަކި ހާއްސަ ތަށިސެޓެއް ހަދަން ބޭނުން ވެއްޖެ ނަމަ އެ މަސައްކަތްކުރާނީ ސީދާ ކަސްޓަމަރު ބޭނުންވާ ސިފަތަކާއި އެކު އެ ބަޔަކު ބޭނުންވާ ގޮތަށެވެ. [caption id="attachment_84380" align="aligncenter" width="900"] ކްލޭ ސްޓޫޑިއޯގެ ބައެއް އުފެއްދުންތައް. ފޮޓޯ: ކްލޭ ސްޓޫޑިއޯ[/caption] "ކަސްޓަމްކޮށް، މިސާލަކަށް ރެސްޓޯރެންޓަކުން ބޭނުން ވިޔަސް އެމީހުންގެ ތަށިސެޓާ އެއްޗިހި ކަސްޓަމްކޮށް ހަދައިދޭނެ. އެއީ އެމީހުން ގެ ބައިވެރިވުމާ އެކުގައި ނުވަތަ ބޭނުންވާ ގޮތްތައް އޮޅުން ފިލުވައިގެން ވިޔަސް، ހަމަ ކަސްޓަމްކޮށް އުފައްދާނީ،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތްތައް ކުރިއަށް ގެންދާނީ ތުރީޑީ ޕްރިންޓިން ފަދަ ޒަމާނީ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުށިން ތަކެތި އުފެއްދުމަކީ ކިތަންމެ ސަގާފީ ކަމެއް ކަމަށް ވިޔަސް މިހާރު އެ މަސައްކަތް ވެސް ވަނީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް ގުޅިފަ އެވެ. ކްލޭ ސްޓޫޑިއޯގެ އަމާޒަކީ އެދާއިރާއިން ރާއްޖެ އެންމެ އުހަށް ގެންދިއުމެވެ. އެގޮތުން ބައިނަލް އަގުވާމީ ބޮޑެތި މައުރަޒުތަކުގައި ވެސް ރާއްޖޭގެ އުފެއްދުންތައް ބައިވެރިކުރުމެެވެ. އެ ހިސާބަށް ވާސިލުވާ ވަރުގެ އުފެއްދުންތެރިން އެތަނުން ނެރޭނެ އެވެ.          

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ