މާލެ: 31°C

ޗައިނާގައި ކޮވިޑް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އާންމުކުރުން ހުއްޓާލައިިފި

December 27, 2022
2 ފަހަރު ބަލާފައި
ޗައިނާގައި ކޮވިޑް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އާންމުކުރުން ހުއްޓާލައިިފި
ޗައިނާގައި ކޮވިޑް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އާންމުކުރުން ހުއްޓާލައިިފި
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް އާންމު ނުކުރާނެ ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ބުނެފިއެވެ. ޗައިނާގެ އެކި ސިޓީތަކުގައި ވައިރަހުގެ ކޭސްތައް އިތުރުވާން ފަށާފައި ވަނީ މިމަހުގެ ކުރީކޮޅު ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކުއެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު އާއްމުކުރުން ހުއްޓާލަން ނިންމާފައި މިވަނީ އެގައުމުގައި ފެތުރެމުންދާ ބަލީގެ ހާލަތުގެ ރަސްމީ ތަފާސް ހިސާބުތަކުން ރަނގަޅަށް ފެންނަން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ބެއިޖިންއިން މިދިޔަ ހަފުތާގައި ވަނީ "މާސް" ޓެސްޓުކުރުން ހުއްޓާލާފައެވެ. އެއާކު ބަލި ފެތުރޭ މިންވަރު ދެނެގަތުމަކީ ނާދިރު ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ދުވާލެއްގެ މައްޗަށް ކޮވިޑްގެ ޑޭޓާ އާންމުކުރުން ހުއްޓާލަން އެންއެޗްސީން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. "މިއަދުން ފެށިގެން މި ބަލިމަޑުކަމާ ގުޅޭ ކޮންމެ ދުވަހެއްގެ މައުލޫމާތެއް ޝާއިއު ނުކުރާނަން،" އެންއެޗްސީން ބުންޏެވެ. "ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މި ބަލި ފެތުރުމާ ބެހޭ މައުލޫމާތު ރެފަރެންސް އަދި ރިސާޗް ގެ ބޭނުމަށް އާންމު ކުރާނެ،" ޝާއިއު ކުރާނެ މައުލޫމާތުގެ ބާވަތް ނުވަތަ ފްރިކުއެންސީ ބަޔާން ނުކޮށް އެންއެޗްސީން ބުންޏެވެ. ޗައިނާގެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެންއެޗްސީގެ ނިންމުމަށް ފާޑުކިޔާފައެވެ. އަދި އިންފެކްޝަން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގޮތުގައި ގުނަނީ ނޭވާލާ ނިޒާމު ފެއިލްވެގެން މަރުވާ މީހުންނެވެ. ބެއިޖިންއިން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލި ފަހުން ކޮވިޑްގައި މަރުވެފައިވަނީ އެންމެ ހަ މީހުންނެވެ. ނަމަވެސް އޭއެފްޕީ ނިއުސް އެޖެންސީން އިންޓަވިއު ކުރި ގަބުރުސްތާނުތަކުގައި މަސައްކަތްކުރާ މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ އާދަޔާ ހިލާފަށް ގިނަ ބަޔަކު މަރުވެގެން ގެންނަ ކަމަށެވެ. ހޮސްޕިޓަލްތަކުން ބުނަމުން ދަނީ އުމުރުން ދުވަސްވީ ބަލި މީހުން ވޯޑުތައް ފުރި، ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ. އިރުމަތީގެ ސިޓީއެއް ކަމަށްވާ ކިންގްޑާއޯގެ ސިއްހީ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނީ ދުވާލެއްގެ މައްޗަށް ބައި މިލިއަން މީހުންނަށް ބަލި ޖެހެމުންދާ ކަމަށެވެ. ޝަންހާއީގެ ދެކުނުން ގާތްގަނޑަކަށް 65 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ޒެޖިއާންގްގެ ސިއްހީ އިދާރާތަކުން ބުނީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އެއް މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ބެއިޖިންގައި ހޮނިހިރު ދުވަހު "ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހިފައިވާ" ކަމަށް ރިޕޯޓްކޮށްފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ